ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެމްބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަން، އޭޕްރިލް މަހުގެ 15 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައި، އެކަން އިއުލާނުކޮށްފިއެވެ.
މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި މިވަނީ، އެ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި، އިބްރާހިމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. ރިޒާ އަވަހާރަވީ، ކެންސަރު ބައްޔަށް ފަރުވާހޯއްދަވަމުން ގެންދަވާތާ ދެ އަހަރެއްހާ ދުވަސްވެފައި ވަނިކޮށް، ފަރުވާ ހޯއްދެވުމަށް މެލޭޝިއާގައި ހުންނަވަނިކޮށެވެ.
ރިޒާ އަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ޓިކެޓުގައި އިންތިޚާބުވެވަޑައިގެންނެވި މެމްބަރެކެވެ.
ރިޒާ އަވަހާރަވުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ކ، ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ދުވަސް ކަނޑައަޅާފައިވާއިރު، ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީން ވަނީ ބައި އިލެކްޝަންގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ޕްރައިމަރީއެއް ބާއްވަން ނިންމާފައިވާކަން ވެސް އިއުލާނުކޮށްފައެވެ.
ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މިއަދުން ފެށިގެން މި ފެށޭ މާޗު މަހުގެ ދެވަނަ ދުވަހުގެ 16:00 ގެ ނިޔަލަށް އެ ޕާޓީން ވަނީ ހުޅުވާލާފައެވެ.
އެ ޕާޓީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެންބަރުން، އެ މެމްބަރަކު ޕްރައިމަރީގައި ވާދަކުރުމަށް ތާއީދުކުރާކަން ހާމަކޮށްދޭ 100 މެންބަރުންގެ ތާއީދުފޯމާއިއެކު ހުށަހެޅުމަށް އެދޭކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާއިރާއެއްގެ ގޮނޑިއެއް ހުސްވެ، އެ ގޮނޑިއަށް މެމްބަރަކު އިންތިޚާބުކުރުމަށް ބައި އިލެކްޝަނެއް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު، އެންމެފަހުން މަޖިލީހުގެ ބައި އިލެކްޝަނެއް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ. އެފަހަރު ބާއްވާފައިވަނީ، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނެވެ. އެއީ އެ ދާއިރާގެ މެމްބަރުގެ ގޮތުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެންމެފުރަތަމަ އިންތިޚާބުވި، މެމްބަރު ހުސެއިން ވަހީދު، 2021 ވަނަ އަހަރުގެ ފަހުކޮޅު ނިޔާވުމާ ގުޅިގެންނެވެ.
ބައި އިލެކްޝަން ކާމިޔާބުކުރައްވައި، މިހާރު މަޖިލީހުގައި ކޮމަންޑޫ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހުންނެވީ އެމްޑީޕީގެ ޓިކެޓުގައި އެ ގޮނޑި ކާމިޔާބުކުރެއްވި، މުހައްމަދު ރާޝިދުއެވެ.
މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އޭޕްރިލްމަހު ބާއްވަނި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ