ނިޒާމު ދޯހަޅިވެގެންގޮސް މިވަނީ ކުށްކުރާ މީހުންގެ އަތަށް ސަރުކާރު ދާހިސާބަށް އައިސްފަ: ނާޒިމް

ރިޔާސީ މި ދައުރުގައި ނިޒާމު ބެލެހެއްޓުން މިވަނީ ދޯހަޅިވެގެންގޮސް މިހާރު މިއޮތީ ކުށްކުރާ މީހުންގެ އަތަށް ސަރުކާރު ދާހިސާބުގައި ކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.
ނާޒިމަށް ރިޔާސީ ޓިކެޓު ދިނުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްވަކަވަމުން އޭނާ ވިދާޅުވީ މިއަދު ގައުމު މިވަނީ ރައްޔިތުން ނުކުމެ އިންސާފު ހޯދައި އަމިއްލައަށް އަދުލު އިންސާފު ގާއިމު ކުރާ ހިސާބުގައި ކަމަށެވެ.
"ދަތި އެތައް މަރުހަލާތަކެއް ކަޑައްތު ކުރުމަށްފަހު ގިނަ މަސައްކަތެއްކޮށް ކުށް ސާބިތުކުރެވޭމީހާ ސިޔާސީ ބާރުވެރިކަމެއް ކިރިޔާވެސް އޮތިއްޔާ ފަސޭހަގޮތެއްގައި ރައީސުލްޖުމްހޫރިއްޔާގެ މާފު ލިބޭތަން އަޅުގަނޑުމެންނަށް ދަނީ ފެންނަމުން. މިދައުރުގައި އެންމެފުރަަތަމަ މިގޮތަށް ދޫކޮށްލެއްވީ ކުޑަކުއްޖެއްގެ ހުރުމަތް ކަނޑާފައިވާ މީހެއް. މިދިޔަ ހަފްތާގައި ދަންނަވަންތޯ ދޫކޮށްލީ މީހަކު މަރާފައިވާ މީހެއް. މީހެ އެއް ހަފްތާކުރިން ދޫކޮށްލެއްވީ ޑްރަގުގެ މައްސަލައިގައި މަސްތުވާތަކެތި ބޮޑު އަދަދަކުން އެތެރެކޮށްފައިވާ މީހެއް. މިދައުރުގައި ނިޒާމު ބެލެހެއްޓުން މިވަނީ ދޯހަޅިވެގެންގޮސް މިހާރު މިއޮތީ ކުށްކުރާ މީހުންގެ އަތަށް ސަރުކާރު ދާހިސާބުގައި" ނާޒިމް ވިދާޅުވިއެވެ،
ނާޒިމް އިތުރަށް ވިދާޅުވީ މިއީ އެއްގޮތަކަށްވެސް ގައުމެއްގައި ދިރިއުޅެވޭނެ ގޮތެއް ނޫންކަމަށެވެ. އަދި އަދުލު އިންސާފު ނަގައި ކޮޅަށް ޖަހަން ޖެހޭ ކަމަށާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރަން ޖެހޭކަމަށް ނާޒިމް ވިދާޅުވިއެވެ.
"މިއީ އެއްގޮތަކަށްވެސް ގައުމެއްގައި ދިރިއުޅެވޭނެ ގޮތެއްނޫން. އަދުލު އިންސާފުން ނިޒާމު ނަގައި ކޮޅަށް ޖަހަން އެބަޖެހޭ. ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދެން ޖެހޭ. އަދަބު ތަންފީޒު ކުރެވޭގޮތް ހަދަން އެބަޖެހޭ. ކުށުގެ ބާވަތުން ކުށްތައް ކަނޑައަޅައި އަފޫއާއްމު ނުދެވޭ ކުށްތައް ކަނޑައަޅަށް އެބަޖެހޭ" ނާޒިމް ވިދާޅުވިއެވެ.
ނާޒިމަށް ރިޔާސީ ޓިކެޓް ރަސްމީކޮށް ހަވާލުކުރުމަށް މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި އެމްއެންޕީގެ ހާއްސަ ޖަލްސާގައި އެމްއެންޕީން ބޭނުންކުރަން ހަމަޖެހިފައިޗާ ލޯގޯއާއި ޝިއާރުގެ އިތުރުން ލަވަވެސް ވަނީ އިފްތިތާހްކޮށްފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޝިއާރު ނުވަތަ ސްލޯގަން އަކަށް ނާޒިމު ބޭނުންކުރައްވާނީ "އުޖާލާ ޒަމާން" މިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ