ކުރިއެރުންތަކެއް ނުލިބި، ޓްރަމްޕް ޗައިނާއަށް ކުރެއްވި ދަތުރު ނިމުމަކަށް

ވިޔަފާރީގެ ރޮނގުންނާއި މެދުއިރުމަތީގެ ހަނގުރާމައިގައި ޗައިނާގެ އެހީތެރިކަން ހޯއްދެވުމުގައި ކުރިއެރުމެއް ނުލިބި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލައްވައި ފުރާވަޑައިގެންފިއެވެ.
އެމެރިކާގެ ރައީސްކަމުގެ ފުރަތަމަ ދައުރުގައި، 2017ވަނަ އަހަރު ފަހުން ޓްރަމްޕް ޗައިނާއަށް ވަޑައިގެންނެވި ފަހުން، އެމެރިކާގެ ރައީސަކު ޗައިނާއަށް ރަސްމީ ދަތުރެއް ކުރައްވާފައެއް ނުވެއެވެ. އެހެންކަމުން، ޓްރަމްޕްގެ މި ދަތުރުގައި މުހިންމު ކުރިއެރުންތަކެއް ހޯއްދެވޭނެކަމުގެ އުއްމީދު އޮތީ ބޮޑުވެފައެވެ.
ނަމަވެސް، ޓްރަމްޕްގެ މި ދަތުރުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިން އާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ، ޓައިވާނާއެކު އެމެރިކާއިން ބާއްވަމުންދާ ގުޅުމަށެވެ. މިގޮތުން، ޓައިވާނަކީ މިނިވަން ޤައުމެއް ނޫން ކަމަށް ޝީ ވަނީ ޓްރަމްޕް އަރިހު ސާފުކޮށް ވިދާޅުވެފައެވެ.
ޓައިވާނާކީ ޗައިނާއިން ވަކިވެގަނެފައިވާ ސަރަހައްދެއްކަމަށާއި، އެގައުމު އަލުން ޗައިނާއާ ގުޅެން ޖެހޭކަމަށް ބެއިޖިންއިން ދެކެއެވެ. ނަމަވެސް ޓައިޕޭއިން ބުނާގޮތުގައި ޓައިވާނަކީ ޗައިނާއާ ވަކިން އޮތް މިނިވަން ޤައުމެކެވެ. އެ ދަތުރަށްފަހު ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވީ، ޝީ އަރިހު ޓައިވާނާ ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅުނުވާ ކަމަށެވެ. އަދި އެމެރިކާއިން ޓައިވާނަށް ވިއްކުމަށް ތައްޔާރުވެފައިވާ ހަތިޔާރުގެ އެއްބަސްވުމާ މެދު ގޮތެއް ނިންމަވާނީ، ޓައިވާނުގެ އިސް ވެރިންނާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
ދެ ރައީސުން ކުރެއްވި މަޝްވަރާތަކުގައި، މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އީރާނުން ބަންދުކޮށްފައިވާ ހުރްމުޒް ކަނޑުއޮޅި ވީއެންމެ އަވަހަކަށް އަލުން ހުޅުވައިލަންޖެހޭ ކަމަށް ދެ ރައީސުން ވެސް އެއްބަސްވެވަޑައިގެންނެވިއެވެ. އަދި ޗައިނާއަށް ބޭނުންވާ ތެޔޮ ހޯދުމުގައި، މެދުއިރުމައްޗަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި، އެމެރިކާއިން ތެޔޮ ގަތުމުގެ ޝައުޤުވެރިކަން ޝީ ފާޅުކުރެއްވިއެވެ. ނަމަވެސް، ފެބްރުއަރީ 28ގައި ޔަހޫދީންނާ ގުޅިގެން އެމެރިކާއިން ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައާ ދެކޮޅުކަން ޗައިނާއިން ވަނީ ސާފުކޮށް ހާމަކޮށްފައެވެ.
ޗައިނާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، މި ހަނގުރާމައަކީ ފެށިގެން ވާނެ ހަނގުރާމައެއް ކަން ޤަބޫލުނުކުރާ ކަމަށާއި، މި ހަނގުރާމަ ވަގުތުން ވަގުތަށް ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ. އީރާނާއެކު ގާތް ގުޅުމެއް އޮންނަ ޗައިނާއިން ފިއްތުންތައް ކުރިމަތި ކުރުވުމަށް ޓްރަމްޕްގެ ސަރުކާރުން ބޭނުންވިނަމަވެސް، އެކަމަށްވެސް ޗައިނާއިން އިޖާބަދީފައެއް ނުވެއެވެ.
ކުރިން ބެލެވުނު ގޮތާ ޚިލާފަށް ޗައިނާއިން އެތެރެކުރާ މުދަލުން ޑިޔުޓީ ބޮޑުކުރަން ޓްރަމްޕް ނިންމަވާފައިވާ ނިންމުމާ މެދު ތަފްޞީލީ ގޮތެއްގައި ދެ ރައީސުން މަޝްވަރާ ކުރައްވާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ