13 އަހަރަށްފަހު އަލީ ރަމީޒުގެ ހިތްގައިމު ޢީދު މަދަހައެއް، އަޑުއަހާ ފޫހިނުވޭ!

ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މަޝްހޫރު މަދަހަ ކިޔުންތެރިޔާ އަލީ ރަމީޒު، ތޭރަ އަހަރުގެ މެދުކެނޑުމަކަށްފަހު އައު ޢީދު މަދަހައެއް ރިލީޒްކޮށް އަނެއްކާވެސް ދިވެހިންގެ ހިތްތައް ފަތަހަކޮށްފިއެވެ. މި މަދަހަ ރިލީޒްކޮށްފައިވަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ އަލީ ރަމީޒް އިސްވެ ހުންނަވާ އުފައްދާފައިވާ ޖަމްއިއްޔާއެއް ކަމަށްވާ "މަންފާ" ގެ ޕްރޮޑަކްޝަނެއްގެ ގޮތުގައެވެ. "ޢީދު މުބާރަކު" ގެ ނަމުން ނަންދީފައިވާ މި މަދަހައަކީ ކުޅަދާނަ ޅެންވެރިޔާ އާދަމް ޙަލީމް އަދުނާން ތައްޔާރުކޮށްފައިވާ ފުން މާނަތަކެއް އެކުލެވޭ ރީތި ޅެމަކަށް ތައްޔާރުކޮށްފައިވާ މަދަހައެކެވެ. އަލީ ރަމީޒްގެ "ޢީދު މުބާރިކް" މަދަހަ ވީޑިއޯގެ ސްކްރީންޝޮޓެއް... މި މަދަހައިގެ މައިގަނޑު ވޯކަލިސްޓަކީ އަލީ ރަމީޒު ކަމަށްވީ ނަމަވެސް، އޭނާއާއެކު އިތުރު ކުޑަކުދިންތަކެއްގެ އަޑު ވެސް މި މަދަހައިން އިވިގެންދެއެވެ. މަންފާ ޖަމިއްޔާއިން މި މަދަހަ އާންމުކޮށްފައިވަނީ ވަރަށް ހިތްގައިމު ވީޑިއޯއަކާ ވެސް އެކުގައެވެ. މިއީ މީގެ ތޭރަ އަހަރު ކުރިން އަލީ ރަމީޒު ނެރުނު "ތަހާނީ" އަލްބަމަށްފަހު އޭނާ ނެރުނު ފުރަތަމަ ޢީދު މަދަހައެވެ. "ތަހާނީ" އަކީ ރާއްޖޭގައި މިހާތަނަށް ޢީދަކާ ގުޅުވައިގެން ނެރުނު އެންމެ ކާމިޔާބު އަދި ދިވެހިންގެ މެދުގައި މިއަދާ ހަމައަށް ވެސް އެންމެ މަގުބޫލު އެއް މަދަހަ އަލްބަމެވެ. https://x.com/aliramyz/status/2059247192557425109?s=20 މި މަދަހާއި ގުޅޭގޮތުން "ސަން" އަށް އަލީ ރަމީޒް ވިދާޅުވީ މި މަދަހަ ކިޔުމުގެ ވިސްނުން އައީ މިހާރު ޢީދަކަށް މަދަހައެއް ނުނެރޭތާ 13 އަހަރުގެ ދިގު މުއްދަތެއް ފާއިތުވެގެން ދިއުމުން ގިނަ ބަޔަކު އާ މަދަހައަކަށް ބޭނުން ޖެހިފައިވާތީ އެކަމަށް ވިސްނާފައިކަމަށެވެ. "މިހާރު އަސްލު އެ މަދަހަ ކިޔާފައި އެވަނީ އެންމެ ފަހުން މަދަހައެއް ނެރެފައިވަނީ މީގެ 13 އަހަރު ކުރި، އެއީ ދެން ވަރަށް ކުރި. އެހެންވެ ގިނަ ބަޔަކު އާ މަދަހައަކަށް ވަރަށް ބޭނުންޖެހިފައި ތިބީމަ މަދަހައެއް ހަމަ ނެރެލީ،" އަލީ ރަމީޒް ބުންޏެވެ. މީގެ އިތުރުން އަލީ ރަމީޒް ބުނީ މި މަދަހަ ރިލީޒް ކުރި ހިސާބުން ފެށިގެން ގިނަ ބަޔަކު އޭނާގެ މަދަހައަކަށް ބޭނުން ވެފައިތިބިކަން އެނގިގެން ހިނގައްޖެކަމަށެވެ. މި އާއި އެކު އަލީ ރަމީޒު ވަނީ އޭނާގެ ފޭނުންނަށް އުފާވެރި ޚަބަރެއް ވެސް ދީފައެވެ. އެއީ އަންނަ އަހަރުގެ ބޮޑު ޢީދާ ދިމާކޮށް އިތުރު ޢީދު މަދަހަތަކެއް ނެރުމަށް ގަސްތުކުރާ ވާހަކައެވެ. މިއީ ގިނަ ދުވަސްތަކަކަށްފަހު އަލީ ރަމީޒުގެ އަޑުން ޢީދު މަދަހަ އަޑުއަހާލަން ބޭނުންވެފައި ތިބި ފަރާތްތަކަށް ލިބުނު ބޮޑު އުފަލެކެވެ. "މިހާރު ނިންމައިފިން އަންނަ ބޮޑު ޢީދަށް އިންޝާ ﷲ އިތުުރު މަދަހަތަކެއް ނެރެން،" އަލީ ރަމީޒް ބުންޏެވެ. އަލީ ރަމީޒަކީ ދިވެހިންގެ ހިތްތަކުން ޚާއްސަ މަގާމެއް ހޯދާފައިވާ ވަރަށް ކުޅަދާނަ ފަންނާނެކެވެ. އޭނާ ކިޔާފައިވާ މަޝްހޫރު މަދަހަތަކުގެ ތެރޭގައި "ކުޑަކުޑަ ދަރިފުޅު ރޯލުމުން"، "ބައްޕަދޭ ހެޔޮހާ ނަސޭހަތް" އަދި "ޒުވާންކަން މިލާ މޯޅިވާތަން ދެކޭށޭ" ފަދަ އެތައް މަދަހައެއް ހިމެނެއެވެ. އޭނާގެ ބައެއް މަދަހަތަކަށް ޔޫޓިއުބްގައި އެކަނި ވެސް ތިން މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ