މިނިވަން މީޑިއާ ނެތިކޮށްލައި ނޫސްވެރިން ޖަލަށްލައި، ބައެއް ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން އާއި ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަށްޓަވާފައިވާ މަސައްކަތަށް އެއްބާރުލުން ދޭން އިދިކޮޅު ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ސެނެޓުން ފާސްކޮށްފި އެވެ.
ޔާމީން ޕީއެންއެފް ލީޑުކުރައްވާއިރު ނަޝީދު އާއި ސޯލިހު ނިސްބަތްވެވަޑައިގަންނަވަނި އެމްޑީޕީއަށެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުން ވެސް ވަނީ މި މަސައްކަތަށް އެއްބާރުލުން ދިނުމަށް ގަރާރެއް ފާސްކޮށްފަ އެވެ.
ޕީއެންއެފްގެ ސެނެޓަށް އެ މަސައްކަތަށް އެއްބާރުލުން ދިނުމަށް ގަރާރު ހުށަހެޅުއްވީ ގާނޫނީ ވަކީލު އަލީ ޝާހު އެވެ. އެ ޕާޓީގެ ތިންވަނަ ސެންޓު ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ސެނެޓަރުން ވަނީ އެ ގަރާރުގައި ސޮއިކުރައްވާފަ އެވެ.
ތިން ރައީސުން ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެވަޑައިގަތީ މިދިޔަ ހުކުރު ދުވަހެވެ. އޭގެ ފަހުން އެ ތިން ބޭފުޅުންގެ ފަރާތުން ވަނީ އެކުގައި މަސައްކަތް ކުރަން ކޮމިޓީއެއް އެކުލަވާލައިފަ އެވެ. އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިދިޔަ ހޯމަ ވެރި ރަށް މާލޭގައި ވަނީ ބާއްވައިފަ އެވެ.
މިނިވަން މީޑިއާ ނެތިކޮށްލަން ރައީސް މުހައްމަދު މުއިއްޒު އިސްވެ މަސައްކަތްތަކެއް ކުރަން އަނެއްކާ ވެސް ފެށީ، އެމަނިކުފާނާއެކު ކައިވެނިން ބޭރުން ގުޅުމެއް ހިންގި ކަމަށް ބުނާ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއްގެ ބަސް ހިމަނައިގެން އަދަދު އިން ޑޮކިއުމެންޓަރީއެއް ގެނެސްދިނުމުންނެވެ.
އޭގެ ފަހުން މުއިއްޒު އަންގަވައިގެން ފުލުހުން ޓީމެއް ވަނީ އަދަދުގެ އޮފީހަށް ވަދެގަނެ ބައެއް ސާމާނުތައް ގެންގޮސްފަ އެވެ. އަދި މުއިއްޒަށް ކުރެވޭ ތުހުމަތުތަކުގެ ވާހަކަ ދެއްކުން ކޯޓު އަމުރެއް މެދުވެރިކޮށް ވަނީ މަނާކޮށްފަ އެވެ.
މުއިއްޒަށް ކުރެވޭ ތުހުމަތުތަކާ މި ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ސުވާލު ކުރުމުން އޭނާ ވަނީ 15 ދުވަހަށް ޖަލަށްލައިފަ އެވެ. އަދި ތުހުމަތުތަކުގެ ވާހަކަ ދެއްކުން މަނާ ކުރި އަމުރާ ގުޅޭ ހަބަރު ލިޔުމުން މި ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވަނީ 10 ދުވަހަށް ޖަލަށްލައިފަ އެވެ.
އޭގެ އިތުރުން، ޑޮކިއުމެންޓަރީގެ މައްސަލައިގައި އަދަދުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވަނީ ޖިނާއީ ދައުވާއެއް އުފުލައިފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ވެސް ވަނީ ބާރު ސްޕީޑެއްގައި ފަށައިފަ އެވެ.
ތިން ރައީސުންގެ މަސައްކަތަށް އެއްބާރުލުން ދޭން ޕީއެންއެފްގެ ސެނެޓުން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ