ހަނާއަށް އިއްވި މަރުގެ ހުކުމުގެ މައްސަލަ ތިން އަހަރު ފަހުން ސުޕްރީމް ކޯޓުން ނިންމަނީ!

ގާނޫނީ ވަކީލު އަހުމަދު ނަޖީބުގެ މަރާލުމުގައި ބައިވެރިވުމުގެ ކުށުގައި މެރުމަށް ހުކުމްކޮށްފައިވާ ފާތިމަތު ހަނާގެ ހުކުމާއި މެދު ޝަރުއީ އެންމެ މަތީ މަރުހަލާއިން މާދަމާ ގޮތެއް ކަނޑައެޅުމަށް ސުޕްރީމް ކޯޓުގައި ތަވާލުކޮށްފި އެވެ.
2012 ވަނަ އަހަރުގެ ހަނާ އާއި މ. މަސްރޫރާ، އަހުމަދު މުއްރަތު ބައިވެރިވެގެން ނަޖީބު ރަހީނުކޮށް ވަޅިން ބިރު ދައްކައި އޭނާގެ އަތުން ފައިސާ އަތުލުމަށްފަހު މަރާލި މައްސަލައިގައި އެ ދެ މީހުންގެ މައްޗަށް ދަށު ކޯޓުން އިއްވި ހުކުމް ހައިކޯޓުން ވަނީ ދަަަމަހައްޓާފަ އެވެ.
ހަނާ ވަނީ މީގެ ކުރިން ކުށަށް އިއުތިރާފުވެފައި ނަމަވެސް، ސުޕްރީމް ކޯޓުގެ އަޑުއެހުންތަކުގައި ބުނެފައި ވަނީ އޭނާއަށް މަރުގެ ހުކުމް ހައްގެއް ނޫންކަމަށެވެ. އޭރު ކުށަށް އިއުތިރާފުވީ ހަނާ ބުނި ގޮތުގައި ނަޖީބުގެ މަރުގައި އޭނާގެ ބައިވެރިވުމެއް ވެސް އޮތްކަމަށް ގަބޫލު ކުރެވި އަމިއްލަ ނަފުސު ކުށްވެރި ކުރެވުމުންނެވެ. އަދި މަތީ މަރުހަލާގެ އަޑުއެހުންތަކުގައި ހަނާ ވަނީ މީގެ ކުރިން ދައްކާފައި ނުވާ ބައެއް ވާހަކަތައް، ކިޔައިދީ މައްސަލައިގައި ތަފްސީލުކޮށް ވާހަކަ ދައްކަވާފަ އެވެ.
ހަނާއަށް އިއްވި މަރުގެ ހުކުމްގެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ނިންމާލީ މީގެ ތިން އަހަރު ކުރިން 2021 ގެ އޭޕްރިލް މަހުގެ ތެރޭގަ އެވެ. އަހަރުތަކެއް ފަހުން މައްސަލައިގެ ހުކުމް ކުރުމުގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި ވަނީ މާދަމާގެ ހެނދުނު 10:00 އަށެވެ.
ނަޖީބުގެ އަތާއި ފައި ގޮނޑިއެއްގައި ބަދެ، އޭނާއަށް އަމިއްލަ ދިފާއުގައި އެއްވެސް ކަމެއް ނުކުރެވޭ ގޮތް ހެދީ ހަނާކަމަށް ދައުލަތުން ބުނެފައި ވެއެވެ. މައްސަލައިގައި ދައުލަތުން އެދުނީ ހަނާގެ މައްޗަށް މަރަށް މަރު ހިފުމަށް ކުރި ހުކުމް ދަމަހައްޓައި ދިނުމަށެވެ.
ހާނާ ބުނީ ގާނޫނީ އެހީތެރިކަމަށް އެދި ނަޖީބުއަށް ގުޅީ މުއްރަތުގެ މަންމަގެ ގޭގެ މައްސަލައެއް ޖެހި އެކަމުގެ ހައްލު ހޯދުމަށް ކަމަށެވެ. އަދި އެ ހާދިސާ އެގޮތަށް ހިނގީ ނަޖީބު އޭނާއަށް އުނދަގޫވާ ގޮތަށް ވާހަކަ ދައްކައި ހެދުމުން އެ ވާހަކަ މުއްރަތުއަށް ކިޔައިދިނުމުންކަމަށާއި، އަދި ކަރުގައި ވަޅި ޖައްސައި ބިރު ދެއްކީ މުއްރަތުކަމަށް ބުންޏެވެ.
ނަޖީބުގެ އަނގަމަތީގައި ޓޭޕު އެޅުމަށް ފަހު، ކޭޝްކާޑު ހޯދައިގެން އޭޓީއެމްއިން ފައިސާ ނަގައިގެން ކާއެއްޗިއްސާއި ބަނގުރާ ފުޅިއެއް ގަނެފައިވާނެކަމަށް ހަނާ ބުންޏެވެ. އަދި އޭގެ ޖެހިގެން އައި ދުވަހު ހޭލެވުނީ ހަނާ ކިޔައިދިން ގޮތުގައި މުއްރަތު އޭނާއަށް ގޮވުމުންނެވެ.
ހަނާ ބުނީ، އޭރު ނަޖީބު އޮތީ މަރުވެފައި ކަމަށާއި، މުއްރަތު ވެސް ބިރުން ބުނަމުން ދިޔައީ އޭނާގެ އަތުން ނަޖީބަށް ހަމަލާ ދެވި މަރުވެއްޖެ ކަމަށެވެ. އެހެންވެ އެކަމާއި ސުވާލުކޮށް، ކީއްވެގެން ކުރި ކަމެއްތޯ އެހުމުން ނަޖީބު އަޑުގަދަ ކުރާތީ ހަމަލާދިނީ ކަމަށް މުއްރަތު ބުނިކަމަށް ހަނާ ކިޔައިދީފައި ވެއެވެ.
މައްސަލައިގައި ދައުލަތުން ބުނީ އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ހަނާއަށް މަރުގެ އަދަބު ނުދެވޭންވީ ސަބަބެއް ނެތެވެ. އަދި ނަޖީބުގެ ވާރިސުން ވެސް ބޭނުން ވަނީ މަރަށް މަރު ހިފަން ކަމަށެވެ. ދައުލަތުން ވަނީ، މީހަކު މަރާލަން ރޭވުމަށްފަހު، އެކަން ކުރުމުގައި ބައިވެރިވާ ކޮންމެ މީހެއްގެ މައްޗަށް އިސްލާމީ ޝަރީއަތުގައިވާ މަރަށް މަރު ހިފުމުގެ އަދަބު ދެވޭނެ ކަމަށް ޖުމްހޫރު އިލްމުވެރިން ވިދާޅުވާކަން ފާހަގަކޮށްފަ އެވެ. އެއީ ތަމާލުއުގެ އުސޫލު ކަމަށް ދައުލަތުން ބުންޏެވެ.
ނަޖީބުގެ އަތާއި ފައި ގޮނޑިއެއްގައި ބަދެ، އޭނާއަށް އަމިއްލަ ދިފާއުގައި އެއްވެސް ކަމެއް ނުކުރެވޭ ގޮތް ހެދީ ހަނާކަމަށް ދައުލަތުން ބުނެފައި ވެއެވެ. މައްސަލައިގައި ދައުލަތުން އެދުނީ ހަނާގެ މައްޗަށް މަރަށް މަރު ހިފުމަށް ކުރި ހުކުމް ދަމަހައްޓައި ދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ