ބާލިން (ޖުލައި 3) - އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޖަރުމަނުގެ ނަތީޖާތަށް ދަށްވުމާ ގުޅިގެން، އެ ޓީމުގެ ކޯޗުކަމުން ހޫލިއަން ނާގަލްސްމަން އިސްތިއުފާ ދިނުމާ އެކު، އެ މަގާމަށް ލިވަޕޫލާއި ބޮރޫޝިއާ ޑޯޓްމަންޑްގެ ކުރީގެ ކޯޗު، ޔާގަން ކްލޮޕް ހަމަޖެއްސުމުގެ މަސައްކަތް ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުން ފަށައިފި އެވެ.
ޖަރުމަނުން މި ފަހަރުގެ ވޯލްޑް ކަޕް ފެށި މެޗުން އަލަށް ވޯލްޑް ކަޕްގައި ކުޅުނު ކިއުުރުސާއޯ އަތުން 7-1 އިން މޮޅުވިއިރު، ދެ ވަނަ މެޗުގައި ފަހަތުން އަރައި 2-1 އިން އައިވަރީ ކޯސްޓް އަތުން މޮޅުވި އެވެ. އެކަމަކު، ގްރޫޕްގެ ފަހު މެޗުން 2-1 އިން އެކުއެޑޯ އަތްދަށުވެ، ނޮކައުޓް ބުރު ފަށަން ޖެހުނީ އެންމެ ބޭނުންވި ފޯމުގައެއް ނޫނެވެ. އެންމެ ފަހުން، ދެ ވޯލްޑް ކަޕްގައި، 2018 އާއި 2022 ގައި ގްރޫޕް ސްޓޭޖުން ކެޓި ޖަރުމަނުން މި ފަަހަރުގެ މުބާރާތުގައި މި ކެޓީ ނޮކައުޓް ފުރަތަމަ ބުރުގަ އެވެ. އެއީ، އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ޕެނަލްޓީ ޝޫޓައުޓެއްގައި ބަލިވެގެންނެވެ.
ވޯލްޑް ކަޕްގެ ގަދަ 32 ޓީމުގެ ބުރުން ޕެނަލްޓީ ޖަހައިގެން ޕެރަގުއޭ އަތުން ބަލިވެ ޖަރުމަނު މުބާރާތުން ކެޓި ނަމަވެސް، ކޯޗު ހޫލިއަން ނާގަލްސްމަން މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ބުނެފިއެވެ. އޭނާ ހާމަކުރި ގޮތުގައި ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުން ބޭނުންވާ ނަމަ 2028 ވަނަ އަހަރާ ހަމައަށް މަގާމުގައި ދެމިހުރުމަށް އޭނާ ހުރީ ތައްޔާރަށެވެ.
މުބާރާތުން ކެޓި މެޗަށް ފަހު، އުމުރުން 38 އަހަރުގެ ނާގަލްސްމަން ބުނީ، އޭނާއާ އެކު، ޖަރުމަނުން 2028 ގެ ޔޫރޯގެ ނިޔަލަށް ކޮންޓްރެކްޓް އެބައޮތް ކަމަށާއި މަގާމުން އިސްތިއުފާނުދޭނެ ކަމަށެވެ. އެކަމަކު، ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، ނާގަލްސްމަން އަށް ޖެހުނީ މަގާމުން ވަކިވާށެވެ.
ޖަރުމަނުގެ ކުޅިވަރު މީޑިއާ، ބިލްޑުން ރިޕޯޓްކުރާ ގޮތުގައި ނާގަލްސްމަން ވަކިކުރާއިރު، އޭނާ އަށް ކޮންޓްރެކްޓްގެ ބާކީ މުއްދަތަށްވާ މުސާރައިގެ ބަދަލުގައި، ބަހާލައިގެން އަށް މިލިއަން ޑޮލަރު ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުން ދައްކާނެ އެވެ.
މީގެ ތިން އަަހަރު ކުރިން ޖަރުމަނުގެ ކޯޗުކަމަށް ގެނައި ނާގަލްސްމަން ވަނީ އެ ޓީމަށް ކޯޗުކޮށްދިން 37 މެޗުން 23 މެޗުން މޮޅުވެފަ އެވެ. ހަ މެޗުން އެއްވަރުވިއިރު، އަށް މެޗުން ބަލިވި އެވެ.
ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުން މި ވަގުތު ކްލޮޕާ އެކު ވާހަކަ ދައްކަމުން އަންނައިރު، މީގެ ކުރިން އޭނާ ވަނީ ޖަރުމަނު ޓީމާ ހަވާލުވުމުގެ ޝައުގުވެރިކަން ހުރި ކަމަށް ބުނެފަ އެވެ. އަދި، މީގެ ދެ އަަހަރު ކުރިން، 2024 ގައި ލިވަޕޫލުން ވަކިވެ، ރެޑްބުލްގެ ގްލޯބަލް ފުޓްބޯލް ހެޑްގެ މަގާމާ ހަވާލުވިއިރު، އެ ކުންފުންޏާ އެކު ހެދި ކޮންޓްރެކްޓްގައި ވަނީ ޖަރުމަނު ގައުމީ ޓީމުގެ އޮފާއެއް ލިބިއްޖެނަަމަ. ދެވޭ ގޮތަށް މާއްދާއެއް ހިމަަނައިފަަ އެވެ.
ރިޕޯޓްތައް ބުނާގޮތުގައި، ކްލޮޕް ޖަރުމަނު ޓީމާ ހަވާލުވުމުގެ ކަންކަން ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި އެއްކޮށް ނިމޭނެ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕަށް ފަަހު ގިނަ ކޯޗުންތަކެއްގެ ވަޒީފާ އަށް ދަނީ އަސަރުކުރަމުންނެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި ވަޒީފާ ގެއްލުނު ކޯޗުންނަށް ބަލާއިރު، އެއް މެޗަށް ފަހު ޓިއުނީޝިއާ ކޯޗުކަމުން ވަކިކުރި ފްރާންސްގެ ސަބްރީ ލަމޫޗީ، ނެދަލެންޑްސް ކޯޗުކަމުން އިސްތިއުފާދިން، ރޮނާލްޑް ކޫމަން، ދެކުނު ކޮރެއާ އިން ވަަކިކުރި ހޮންގް މިޔުން ބޯ، ސްކޮޓްލެންޑުން އިސްތިއުފާދިން ސްޓީވް ކްލާކް، ޗެކް ރިޕަބްލިކުން އިސްތިއުފާދިން މިރޮސްލާވް ކޫބެކް، އެކުއެޑޯ ދޫކޮށްލަން ނިންމި ސަބެސްޓިއަން ބަކަސޭސޭ އަދި އުރުގުއޭ ދޫކޮށްލި މާސެލޯ ބިއެލްސާ އެވެ.
ނާގަލްސްމަން އިސްތިއުފާ ދިނުމުން ޖަރުމަނުގެ ކޯޗުކަން ކްލޮޕާ ހަވާލުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ