އާބާދީ އިތުރުވެ އަފީފުއްދީން ސްކޫލް ދެ ދަންފަޅިއަށް

ކުޅުދުއްފުށި، އަފީފުއްދީން ސްކޫލަށް މިއަހަރު ތައުލީމް ހާސިލުކުރާ ދަރިވަރުންގެ އަދަދު އިތުރުވެ ދެ ދަންފަޅިއަށް ކިޔަވައިދޭ ގޮތަށް ހަމަޖައްސައިފި އެވެ.
މީގެ ކުރީގެ އަހަރުތަކުގައި އެއް ދަންފަޅިއަށް ކިޔަވައިދެމުންގޮސް މިއަހަރު ދެ ދަންފަޅިއަށް ކިޔަވައިދޭން ފެށި މި ސްކޫލުގައި މިއަހަރު ޖުމްލަ 1036 ދަރިވަރުން ތައުލީމް ހާސިލުކުރާނެ އެވެ.
މިއީ އަތޮޅުތެރޭގެ އެންމެ ބޮޑު އާބާދީ އެއް އޮތް ސްކޫލެވެ. މާލޭން އުތުރުގެ އެންމެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރާ މި ސްކޫލުގައި މިއަހަރު 51 ރަށަކަށް ނިސްބަތްވާ ދަރިވަރުން ކިޔަވާނެ އެވެ. އަދި ތިން ގައުމަކަށް ނިސްބަތްވާ ދަރިވަރުން ހިމެނެ އެވެ.
އަފީފުއްދީން ސްކޫލަށް މިއަހަރު އަލަށް 123 ދަރިވަރަކު ގުޅުނުއިރު މިއީ އެލްކޭޖީން ފެށިގެން ގުރޭޑް 10 އަކަށް ކިޔަވައިދޭ ސްކޫލެކެވެ.
ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވީ، ދަރިވަރުން ގިނަ ވުމުގެ ސަބަބުން މިއަހަރު ކިޔަވައިދޭން ހަމަޖައްސާފައިވަނީ ދެ ދަންފަޅިއަށް ބަހާލައިގެން ކަމަށެވެ.
އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދުރީސް މިއަދުގެ އެސެމްބްލީގައި ވާހަކަދައްކަވަނީ--ކޭއޯފޮޓޯ
ތިން ބުރީގެ ކުލާސް ރޫމް އިމާރާތެއް އަޅަން ކޮންޓްރެކްޓަރާ ހަވާލުކޮށްވީނަމަވެސް އަދިވެސް އެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށިފައިނުވުމަކީ ސްކޫލުގެ ކަންބޮޑުވުމެކެވެ.
އަފީފުއްދީން ސްކޫލުގައި މިއަހަރު 91 ޓީޗަރަކު މަސައްކަތްކުރާއިރު މީގެ ތެރެއިން 11 ޓީޗަރުންނަކީ ބިދޭސީ ޓީޗަރުންނެވެ. އެ ސްކޫލުގައި ޖުމްލަ 121 މުވައްޒަފަކު މިއަހަރު މަސައްކަތްކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ