ރައީސް ޔާމީންއާއި ޔޫސުފް ނައީމާ ދެމެދު ހިނގީ ޑޮލަރުގެ މުއާމަލާތެއް، ފައިސާ އުފުލީ އަޅުގަނޑު: ނަރީޝް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމްއާއި ދެމެދު ހިނގާފައިވަނީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށާއި އެ ފައިސާ ޔޫސުފް ނައީމާ ހަވާލުކުރީ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ނަރީޝް މިހެން ވިދާޅުވީ، ރައީސް ޔާމީންގެ ދިފާއުގައި ހެކި ބަސް ދެއްވަމުންނެވެ.
ނަރީޝް ވިދާޅުވީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ފެށިގެން ރައީސް ޔާމީނާ އޭނާއާ ގާތްގުޅުމެއް އޮންނަ ކަމަށާއި އަދި ބައެއް ފަހަރު އަމިއްލަ ބައެއް ކަންކަން ކުރެއްވުމަށް ރައީސް ޔާމީން އޭނާ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.
މިގޮތުން 2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ކުރީ ކޮޅުގައި ރައީސް ޔާމީން ގުޅުއްވައިގެން އެމަނިކުފާނު އެއިރު ދިރިއުޅުއްވި ގެއަށް ވަޑައިގެންނެވި ކަމަށާއި، އަދި ޔޫސުފް ނައީމް އަތުން 1 މިލިއަން ޑޮލަރު ބައްލަވައިގެންފައިވާ ކަމަށް ނަރީޝް ވިދާޅުވިއެވެ. ނަރީޝް ވިދާޅުވީ، އެއަށްވާ ދިވެހި ފައިސާ ޔޫސުފް ނައީމާ ހަވާލުކުރަން އެބަޖެހޭ ކަމަށް ރައީސް ޔާމީނު ވިދާޅުވި ކަމަށެވެ.
ނަރީޝް އިތުރަށް ވިދާޅުވީ، އެ ފައިސާ ހުރީ 500 ރުފިޔާގެ ނޯޓުން ކަމަށާއި، އެ ދުވަހު އެ ފައިސާ ހަވާލު ކުރެއްވުމަށްފަހު އެކަމާ ގުޅޭ ލިއުމުގައި އޭނާގެ ކުރިމަތީގައި ރައީސް ޔާމީނު ސޮއި ކުރެއްވި ކަމަށެވެ. އަދި އޭނާ ޔޫސުފް ނައީމްއާ ބައްދަލު ކުރައްވަން ޖެހުނީ އެކަމުގައި ކަމަށާއި އެ ފައިސާ ދުވަހުން ދުވަހަށް އޭނާ ވާނީ ޔޫސުފް ނައީމާ ހަވާލު ކުރައްވާފައިވާ ކަމަށް ނަރީޝް ވިދާޅުވިއެވެ.
އެއީ އެއް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާކަން ޔަގީންކަމާ އެކު އެނގެނީ އެ ފައިސާ ޔާމީންގެ އޭރުގެ ޑްރައިވަރަކާއި ޔާމީންގެ ހާޒިރުގައި ގުނާފައި ގެންދިއުމުން ކަމަށް ނަރީޝް ވަނީ ވިދާޅުވެފައެވެ. އަދި އެ ފައިސާ ދެ ދަބަހުގައި ކާރެއްގައި ދިޔައީ ވެސް ޔާމީންގެ އޭރުގެ ޑްރައިވަރު އަބްދުﷲ ރަޝީދާ އެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ފައިސާ ޔޫސުފް ނައީމާ ފައިސާ ހަވާލުކުރެއްވީ ޔޫސުފް ނައީމުގެ ގޭގައި ކަމަށް ވެސް ނަރީޝް ވިދާޅުވިއެވެ. އެ މުއާމަލާތް ހިނގި ތާރީހު ސީދާ ހަނދުމަފުޅު ނެތްނަމަވެސް އެއީ 2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ދުވަހެއް ކަމަށް ނަރީޝް ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުން ނިންމަވައިލައްވަމުން އިސް ގާޒީ އަހްމަދު ޝަކީލު ވަނީ މާދަމާއާއި މި މަހުގެ 25 ވަނަ ދުވަހުގައި އާ އަޑުއެހުމެއް އޮންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި އޭގެ ފަހުން 29 ވަނަ ދުވަހުގައިވެސް އަޑުއެހުމެއް ބާއްވަވާނެ ކަން ވެސް ވަނީ އިއުލާނުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ