ހުޅުމާލެ އަށް ބަދަލުކުރާ ސަރުކާރުގެ އޮފީސްތަކުގެ އިމާރާތަށް “އުމަރު ޒާހިރު”ގެ ނަން

ހުޅުމާލެ އަށް ބަދަލު ކުރުމަށް ނިންމާފައިވާ ސަރުކާރުގެ އޮފީސް އިމާރާތަށް، ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާ ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރުގެ ނަމުން ނަން ދީފިއެވެ.
ދެހާސް އެކާވީސްވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20ވަނަ ދުވަހު އުމަރު ޒާހިރު ނިޔާވީ ކޮވިޑް19 އަށް ޕޮޒިޓިވްވެ ހާލުކޮޅު ސީރިއަސްވެގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އަވަހާރަވިއިރު އެމަނިކުފާނުގެ އުމުރުފުޅަކީ 85 އަހަރުފުޅެވެ.
އުމަރު ޒާހިރަކީ ސަރުކާރުގެ ވަރަށް ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ 1953ވަނަ އަހަރުން ފެށިގެން 2008ވަނަ އަހަރާ ހަމައަށް ސަރުކާރުގެ އެކި މަގާމުތައް އަދާ ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ 26 މަގާމެއް ފުރުއްވާފައެވެ.
އެގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއާޒް އެންޑް ސޯޝަލް ސާވިސަސްގެ މަގާމާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސްގެ މަގާމުވެސް އަދާކުރެއްވިއެވެ. ކުޅިވަރަށް ވަކިން މިނިސްޓްރީއެއް އުފެއްދެވިއިރު އެންމެ ފުރަތަމަ އެ މަގާމުވެސް އަދާކުރެއްވީ އެމަނިކުފާނެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާކްސްގެ މަގާމުވެސް އެމަނިކުފާނު ވަނީ އަދާ ކުރައްވާފައެވެ.
އެމަނިކުފާނަކީ ރާއްޖޭގައި ހިންގާފައިވާ ތަރައްގީގެ މަޝްރޫއުތަކުގައި އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ހުޅުމާލެ ހިއްކުމުގެ މަޝްރޫއުއަކީ އޭގެތެރެއިން ފާހަގަކުރެވޭ މަޝްރޫއުއެކެވެ. މީގެއިތުރުން މާލޭގެ މަގު ހެދުމާއި އެއްގަމުތޮއްޓާއި ކަނޑުތޮށީގެ މަސައްކަތް ފާހަގަކުރެވެއެވެ.
ހުޅުމާލެ އަށް ބަދަލު ކުރުމަށް ނިންމާފައިވާ ސަރުކާރުގެ އޮފީސްތައް އަންނަ މަހުގެ ތެރޭގައި ބަދަލު ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ސަރުކާރުން އޮފީސް އިމާރާތެއް އެޅީ ސަރުކާރުގެ ގިނަ އޮފީސްތަކެއް އަމިއްލަ ބައެއް މީހުންގެ އިމާރާތްތަކުގައި ބޮޑު ކުލި ދީގެން، އުޅެން ޖެހޭތީއެވެ.
ސަތޭކަ އަށްޑިހަ ފަސް މިލިއަން ރުފިޔާ އަށް އިމާރާތް ކޮށްފައިވާ އެ އިމާރާތަކީ ހުޅުމާލެ ފޭސް އެކެއްގައި އިމާރާތް ކޮށްފައިވާ އިމާރާތެކެވެ. އެ އިމާރާތް ހަދަން ހަވާލުކުރީ 2019 ވަނަ އަހަރުގެ ތެރޭގައި ޗައިނާގެ ހުނާން އިންޖީނިއަރިން ނަމަކަށް ކިޔާ ކުންފުންޏަކަށެވެ.
އެތަނަށް ބަދަލު ކުރާ މިނިސްޓްރީތަކުގެ ތެރޭގައި ޖެންޑާ މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އަދި ހަޔަ އެޑިއުކޭޝަން މިނިސްޓްރީ ހިމެނެއެވެ. މީގެއިތުރުން އެތަނުގައި އެމެރިކަން އެމްބަސީ ވެސް ހުންނާނެއެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ އެ އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގެ ބޮޑު މިނަކީ 25،000 އަކަފޫޓު ހުންނާނެ ކަމަށެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
© 2021-2023 Hathaavees Online | All Rights Reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ