ބޮޑެތި ބަދަލުތަކެއް ގެންނަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެެއް ނަގަނީ

ރައީސް ވިދާޅުވީ މި ބަދަލުތަކަކާއެކު ދައުލަތުގެ ބަޖެޓަށް ވެސް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.
ބޮޑެތި ބަދަލުތަކެއް ގެންނަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެެއް ނަގަން ގަސްތު ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފި އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.ވަރަށް ތަފްސީލްކޮށް ދިގުކޮށް ކުރެއްވި ތަގުރީރުގައި ރައީސް ވިދާޅުވީ ތިން ކަމަކާމެދު ރައްޔިތުންގެ ވިސްނުން ބެއްލެވުމަށް ބޭނުންފުޅުވާ ކަމަށެވެ. އެއް ކަމަކަށް ފާހަގަ ކުރެއްވީ ވެރިކަމުގެ ދައުރު ބަދަލުވާ ދުވަސް އަލުން ނޮވެންބަރު 11 އަށް ހަމަޖެއްސެވެމެވެ.2013 ވަަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލުކުރުމުން އިންތިހާބުގެ އިތުރު ދެ ބުރުގެ ވޯޓް ނަގާ އެ ފަހަރު ވެރިކަމުގެ ދައުރު ބަދަލުވީ ނޮވެންބަރު 17 ވަނަ ދުވަހު އެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު މިހާރު ހިނގަމުންދާ ދައުރުން ހަ ދުވަސް މަދުވީ ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރައްވާ ވެރިކަން ބަދަލުވާ ދުވަހަކީ ޒަމާނުއްސުރެ އޮތް ގޮތަށް ޖުމްހޫރީ ދުވަހަށް ބަދަލު ކުރެއްވުމާމެދު ރައްޔިތުންގެ ވޯޓަކަށް އައްސަވާނެ ކަމަށެވެ.
ދެން ފާހަގަ ކުރެއްވީ ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު އޮންނަ ތާރީހަކީ އެއް ދުވަހަކަށް ހެއްދެވުމާމެދު ރައްޔިތުންގެ ހިޔާލު އޮތްގޮތް ބެއްލެވުމެވެ. މި ދެ އިންތިހާބާމެދު މިހާރު އޮންނަނީ ދެތީން މަސް ދުވަހުގެ ތަފާތެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ހަރަދުގެ ގޮތުންނާއި އެ ނޫން ގޮތްގޮތުން ބަލާއިރު ވެސް އެންމެ ރަނގަޅު ގޮތަކީ އެކުއެކީ ދެ އިންތިހާބު ބޭއްވުން ކަަމަށެވެ.ރައްޔިތުންނަށް އެކަން އެގޮތަށް ކުރިއަށް ގެންދަން ފެންނަ ނަމަ ދެން އޮންނަ ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު އޮންނާނީ އެކުއެކީ ކަމަށް ވެސް ވިދާޅުވި އެވެ.
ތިންވަނަ ކަމަކަށް ރައީސް ފާހަގަ ކުރެއްވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ނޯންނަ ގޮތަށް ބަދަލު ކުރުމެވެ. އެމަނިިކުފާނު ވިދާޅުވީ އެ ބަދަލު ގެނައުުމުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ވެރިއަކު ކަނޑައަޅޭނެ ކަަމަށެވެ.2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބޭއްވި އިންތިހާބުތަކުގެ ތެރެއިން ދެވަނަ ބުރަކަށް ނުގޮސް އިންތިހާބުގެ ނަތީޖާ ކަނޑައެޅުނީ 2018 ވަނަ އަހަރު އެކަންޏެވެ. އެ އަހަރުގެ އިންތިހާބުގައި ވާދަކުރީ ވެސް ދެ ކެންޑިޑޭޓުންނެވެ.
ރައީސް ވިދާޅުވީ މި ބަދަލުތަކަކާއެކު ދައުލަތުގެ ބަޖެޓަށް ވެސް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ