ނުބައި ހީކުރުންތަކާއި ދުރުހެލިވާންޖެހޭ ސަބަބު-

ޢާއިޝަތު ރަފާޙް ޢަލީ
ނުބައި ހީކުރުމަކީ ފާފައެކެވެ. ނުބައި ހީކުރުންތަކުގެ ސަބަބުން މީހުންގެ މެދުގައި ދެބަސްވުމާއި، ބައިބައިވުން އުފެދިގެންދޭތީއެވެ. 
ޢިލްމުވެރިޔާ އައްޝައިޚް ޢަބްދުލްޢަޒީޒް އައްޠަރީފީ ވިދާޅުވެފައިވެއެވެ. 
"މީސްތަކުންގެ މެދުގައި އެންމެ ގިނައިން ފަސާދަ އުފެދެނީ ހީތަކުގެ މައްޗަށް ކަންތައްތަށް ބިނާކުރުމުގެ ސަބަބުންނެވެ. އޭނާ ނުރުހޭ މީހަކާ ދެކޮޅަށް ނުބައި ހީ އެއް ކުރެވެން ފަށައިފިނަމަ، އޭނާގެ ނަފްސު، އެ ހީ ޔަޤީނަށް ހަދައި އެގޮތަށް ބަލައި ގަނެގެންނެވެ." 
ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ޙުޖުރާތު ސޫރަތުގެ 12 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱجْتَنِبُوا۟ كَثِيرًا مِّنَ ٱلظَّنِّ إِنَّ بَعْضَ ٱلظَّنِّ إِثْمٌ وَلَا تَجَسَّسُوا۟ وَلَا يَغْتَب بَّعْضُكُم بَعْضًا أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ وَٱتَّقُوا۟ ٱللَّهَ إِنَّ ٱللَّهَ تَوَّابٌ رَّحِيمٌ ‎﴿١٢﴾‏
މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް غيبة ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ أخ އާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ. (12)" 
އަޅުގަނޑުމެން ޞަޙާބީގެ ޙަޔާތްޕުޅަށް ބަލާލިކަމުގައިވިޔަސް ފެންނާނެ އެންމެ މުހިއްމު އެއް ސިފައަކީ ފާފައަކަށް އަރައިނުގަނެވޭތޯ ބަލައި އެކަމަށް ރައްކާތެރިވެވަޑައިގަންނަވާ މިންވަރެވެ. އެހެން މީހުން ކުށްވެރި ކުރުމުގެ ބަދަލުގައި އަމިއްލައަށް ކުރެވޭ ކުށްތައް ޙިސާބު ކުރެވޭތޯ ބައްލަވައެވެ. ފުރިހަމަ މުއުމިނުންގެ ސިފައަކީ އެއީއެވެ.
މިގޮތުން ﷲ ތަޢާލާ އާއި މެދު ހެޔޮކޮށް ހީކުރުމަކީ އީމާންކަމުގެ ތެރެއިން ވާކަމެކެވެ.
ﷲ ތަޢާލާ އާލަ ޢިމްރާން ސޫރަތުގެ 173 އަދި 174 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
ٱلَّذِينَ قَالَ لَهُمُ ٱلنَّاسُ إِنَّ ٱلنَّاسَ قَدْ جَمَعُوا۟ لَكُمْ فَٱخْشَوْهُمْ فَزَادَهُمْ إِيمَٰنًا وَقَالُوا۟ حَسْبُنَا ٱللَّهُ وَنِعْمَ ٱلْوَكِيلُ ‎﴿١٧٣﴾‏فَٱنقَلَبُوا۟ بِنِعْمَةٍ مِّنَ ٱللَّهِ وَفَضْلٍ لَّمْ يَمْسَسْهُمْ سُوٓءٌ وَٱتَّبَعُوا۟ رِضْوَٰنَ ٱللَّهِ وَٱللَّهُ ذُو فَضْلٍ عَظِيمٍ ‎﴿١٧٤﴾‏
މާނައީ: "އެއީ، އެއުރެންނަށް މީސްތަކުން ބުނި މީހުންނެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނާ ދެކޮޅަށް މީސްތަކުން (لشكر) އެއްކޮށްފިއެވެ. ފަހެ، ތިޔަބައިމީހުން، އެއުރެންދެކެ ބިރުގަންނާށެވެ! ފަހެ، އެ ބަސް އެއުރެންނަށް إيمان ކަން އިތުރުކުރިއެވެ. އަދި، އެއުރެން ބުނޫއެވެ. ތިމަންމެންނަށް، اللَّه ފުދެއެވެ. އަދި، وكيل ކުރެވޭ ފަރާތުގެ މޮޅުކަމާއެވެ! (173) ފަހެ، اللَّه ގެ حضرة ން ދެއްވި نعمة އާއި، فضل ވަންތަވެރިކަމާއިގެން ގެއްލުމެއް ނުލިބި، އެއުރެން އެނބުރި އައޫއެވެ. އަދި، އެއުރެން اللَّه ގެ ރުއްސެވުންހުރި މަގަށް تبع ވޫއެވެ. اللَّه އީ، ބޮޑުވެގެންވާ فضل ވަންތަކަމުގެ ވެރިރަސްކަލާނގެއެވެ. (174)"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ