ބިރުވެތިވާންޖެހޭ ކަމެއް!: ޤުރްއާނާއި ދަރުސްތައް އަޑުއެހިނަމަވެސް އެއްބައަކަށް ތެދުމަގު ލިބިނުގަނެވެނީ ކީއްވެ؟

ދަރުސަކަށް ގޮސް އެއް ވާހަކަތަކެއް އަޑުއެހި ދެމީހުންނެވެ. ދަރުސް އަޑުއެހުމަށްފަހު އެކަކު އޭނާގެ ޢަމަލުތައް އިޞްލާޙްކުރިއެވެ. ކުރިން ކުރެވެމުން އައި ފާފަތައް ކުރުން މުޅިން ހުއްޓައިލިއެވެ. ތައުބާވެ ހެޔޮ ޢަމަލުތައްކުރަން ފެށިއެވެ.  
ދެވަނަ މީހާއަށް އެއްވެސް އަސަރެއް ނުކުރިއެވެ. އުޅެނީ ހަމަ ކުރިންވެސް އުޅުނު ގޮތަށެވެ. ކުރިން ކުރަމުން އައި ފާފަތައްވެސް ކުރެއެވެ. ކުރަނީ އެފަހަރަކު ކުރަން ބޭނުންވިކަމެކެވެ. އޭނާގެ ހަވާނަފްސް އެދޭ ހުރިހާ ކަމެއް އޭނާ ކުރެއެވެ.  
ސުވާލަކީ މިވީ ކިހިނެއް ހެއްޔެވެ؟ އެކަކަށް ތެދުމަގު ދައްކަވާފައި އަނެކަކަށް ނުދެއްކެވީ ހެއްޔެވެ؟ އެއްގޮތަކަށްވެސް އެކަން އެގޮތަށް ނިންމައިގެން ނުވާނެއެވެ. ތެދުމަގު ލިބިގަންނަން މަސައްކަތްކުރާ ކޮންމެ މީހަކަށްވެސް އެކަން ޙާޞިލުކުރެވޭނެއެވެ. ﷲ ތަޢާލާ ކޮންމެ މީހަކުވެސް ދުނިޔެއަށް ފޮނުއްވަވަނީ އެމީހަކު ބޭނުންގޮތެއް އިޚްތިޔާރުކުރުމުގެ ފުރުޞަތު ދެއްވަވައިފައެވެ.  
އެއްވެސް މީހަކީ އެކަމަށް ބޭނުންވުމުން ތެދުމަގު ނުދައްކަވާނެ މީހެއް ނޫނެވެ. "އަބޫލަހަބުގެ ދެއަތް ގެއްލި ހަލާކުވެދާށިއެވެ! (އެބަހީ: އަބޫލަހަބަށް ހަލާކު ހުށްޓެވެ.) އަދި އޭނާ ގެއްލި ހަލާކުވެއްޖެއެވެ." (އަލް މަސްދް:1) "ހުޅުގަނޑުގެ ވެރި ނަރަކަޔަށް، ނިކަންހުރެ އޭނާ ވަންނާނެތެވެ. " އަލް މަސަދު:3) އަބޫޖަހުލާއިމެދު މިފަދައިން ވަޙީކުރައްވަވާފައި އެވަނީ އޭނާ ނަރަކައަށް ވައްދަވަން ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގަންނަވާތީއެއް ނޫނެވެ. އޭނާގެ ހުރި ނުބައި ނުލަފާކަން ބޮޑުކަމުން ޝަރީކުކުރުން ހުއްޓާލައި އިސްލާމް ދީނަށް ނުވަންނާނެކަން ﷲ ތަޢާލާ ދެނެވޮޑިގެންވާތީއެވެ. އެކަން ދެނެވޮޑިގެންވަނީ އެކަލާނގެއީ ވީހައިކަމަކާއި ވަމުންދާހައި ކަމަކާއި އަދި ވާނޭހައި ކަންކަން މޮޅަށް ދެނެވޮޑިގެންވާ އިލާހްކަމަށްވުމުންނެވެ.  
ވީމާ މީހަކު ތެދުމަގު ލިބިނުގެންފައި އެއީ އިރާދަފުޅުކަމަކަށް ނުބުނެވޭނެއެވެ. ބުނަންޖެހޭނީ އޭނާގެ ޖާހިލުކަމާއި ނުބައި ނުލަފާކަން ބޮޑުކަމުން ކަމަށެވެ. ޙަޤީޤަތަކީ މިއީއެވެ. މިޙަޤީޤަތް އޮޅުވައިނުލާށެވެ! ތަޤްވާވެރިއަކަށްވެވޭނީ އެކަމަށް އެދިގެން މަސައްކަތްކުރާ މީހަކަށެވެ. ތެދުމަގު ލިބިގަނެވޭނީވެސް އެކަމަށް އެދިގެން މަސައްކަތްކުރުމުންނެވެ.  
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ