އިޒްރޭލް ޕާސްޕޯޓް މަނާކުރުން އަވަސްކުރުމަށް ވެރިކަން ކުރާ މައި ޕާޓީން ގޮވާލައިފި

އިޒްރާއީލް ޕާސްޕޯޓް މަނާކުރުން އަވަސްކުރުމަށް ވެރިކަން ހިންގާ އެންމެބޮޑު ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ގޮވާލައިފިއެވެ.
ޕީއެންސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ގޮތަށް، އިޒްރާއީލް ޕާސްޕޯޓްގައި ރާއްޖެއަށް ނުވަދެވޭގޮތަށް އިމިގްރޭޝަން ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އެޕާޓީން ތާއީދުކުރާ ކަމަށެވެ. 
ޕީއެންސީން ބުނީ މިހާރު ރައްޔިތުންގެ މަޖިލީހުގައި އޮތް އިމިގްރޭޝަނުގެ ޤަނޫނު އިސްލާހުކުރުމުގެ ބިލް ދިރާސާ ކުރުމުގެ މަސައްކަތް އަވަހަށް ނިންމައި ރައްޔިތުންގެ ރޫހާއި ވިންދާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމުން ހަޤީގަތަކަށް  ހެދުމުގެ މަސައްކަތް މަޖިލީހުން ހަލުއިކަމާއެކު ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
Advertisement
މިކަމާ ގުޅޭގޮތުން ޕީއެންސީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އިޒްރާއީލުން  ފަލަސްތީނުގެ ރައްޔިތުންނާ އަދި ލުބްނާނުގެ ރައްޔިތުންނާ ދެކޮޅަށް  ކުރިމަތިކުރަމުންދާ ވޭންތައް އިތުރުކޮށްފައިވާ މި ދަނޑިވަޅުގައި ރާއްޖެއިން އަޅަން ރައީސް ޑރ.މުއިއްޒު ނިންމަވާފައިވާ އެ މުހިއްމު ފިޔަވަޅަށް އެޕާޓީން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.
ޕީއެންސީއަކީ މިހާރު ރައްޔިތުން މަޖިލީހުގެ ސުޕަ މެޖޯރިޓީއެވެ. އިމިގްރޭޝަންޤާނޫނަށް މިހާރު ހުށަހަޅާފައި އޮތް އިސްލާހުގައި ވާގޮތުން އިޒްރާއީލް ޕާސްޕޯޓް އޮންނަ އެހެން ޤައުމުތަކުގެ މީހުންނަށްވެސް ރާއްޖެ އައުމުގެ ފުރުސަތު ގެއްލިގެންދާނެއެވެ.
މިކަމާ ގުޅިގެން އެޓާނީ ޖެނަރަލް އަހުމަދު އުޝާމް ވިދާޅުވެފައި މިހާރު ބިލް އޮތްގޮތަށް ފާސްކޮށްފިނަމަ އެކަމުގެ ސަަބަބުން ރާއްޖެއަށް އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމަށާއި، އިޒްރާއީލް ޕާސްޕޯޓް އޮންނަ އެހެން ޤައުމުތަކުގެ މީހުން އިސްތިސްނާކުރަން ޖެހޭ ކަމަށެވެ. ސަބަބަކީ އިޒްރާއީލް ޕާސްޕޯޓްގައި އަރަބިންނާއި ފަލަސްތީނު މީހުންވެސް އުޅޭތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ