އިޒްރޭލު ޕާސްޕޯޓު މަނާކުރުން އަވަސް ކުރަން ޕީއެންސީން އިލްތިމާސްކޮށްފި

އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް ނުވަދެވޭ ގޮތަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން އަވަސްކުރަން ތާއީދު ކުރާ ކަމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ -- ޕީއެންސީން މިރޭ ބުނެފި އެވެ.ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން އިމިގްރޭޝަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ވީހާވެސް އަވަހަކަށް ގެނައުމަކީ އެ ޕާޓީން ތާއީދުކުރާ ކަމެއް ކަމަށެވެ.އަދި މިހާރު މަޖިލީހުގައި އޮތް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ވީ އެންމެ އަވަހަކަށް ނިންމައި، މި ކަން ހަގީގަތަކަށް ހެދުން އަވަސް ކުރުމަށް އެ ޕާޓީން ވަނީ މަޖިލީހަށް އިލްތިމާސްކޮށްފަ އެވެ."އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާމެދު ޣައްޒާއާއި ހުޅަނގު އައްސޭރީގައި ހިންގަމުންދާ އަނިޔާވެރި އަމަލުތަކުގެ ތެރެއަށް ލުބުނާނުގެ ރައްޔިތުންނަށް ކުރިމަތިކުރަމުންދާ ކެކުޅުމާއި ވޭންތައް އިތުރުކޮށްފައިވާ މިދަނޑުވަޅުގައި އެ އަމަލުތަކާމެދު ނުރުހުން ފާޅުކުރުމަށް ރާއްޖެއިން އަޅަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ މި މުހިއްމު ފިޔަވަޅަށް މި ޕާޓީން ފުރިހަމައަށް ތާއީދުކުރާ ކަމަށް ދަންނަވަމެވެ،"ޕީއެންސީން މިފަދަ ބަޔާނެއް ނެރުނުއިރު މަޖިލީހުގައި އެ ޕާޓީގެ ސުޕަ މެޖޯރިޓީ އެބައޮތެވެ. އެ މަސައްކަތް މިހާތަނަށް ފަސްވެފައި ވަނީ އެ ޕާޓީން އެކަމަށް އިސްކަން ނުދިނުމުންނެވެ. އެ ޕާޓީން ބޭނުންވުމުން މަދު ގަޑިއިރުތަކެއްގެ ތެރޭގައި ބައެއް ގާނޫނުތަކަށް ވަނީ ބަދަލުގެނެސްފަ އެވެ.މި ސަރުކާރުން ގެންދަނީ ފަލަސްތީނުގެ ދިފާއުގައި ވަރަށް ބޮޑަށް ވާހަކަ ދައްކަމުންނެވެ. ރައީސް މުއިއްޒު ވެސް އެތައް ފަހަރަކު އިޒްރޭލް ކުށްވެރިކޮށް ފަލަސްތީނުގެ ހައްގުގައި ވާހަކަފުޅު ދައްކަވާފައިވެ އެވެ. ނަމަވެސް ފަލަސްތީނުގެ ހައްގުގައި ކުރަން ނިންމި މަދު ކަމަކަށް ނޫނީ އަމަލީ ސިފައެއް އައިސްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ