ލުބްނާންގެ ޙިޒްބުالله ޖަމާޢަތުން ޒަޔަނިސްޓު ދައުލަތުގެ ރަށްތަކަށް އަމާޒުކޮށް ދެމުންދާ ޑްރޯން ޙަމަލާތައް ހުއްޓުވަން ދިފާޢީ ދާއިރާގެ އަމިއްލަ ކުންފުނިތަކުގެ އެހީތެރިކަމަށް ޔަހޫދީ ސަރުކާރުން އެދިއްޖެއެވެ. އޭގެ އިތުރުން, އަސްކަރީ ޑްރޯން ބޭނުން ކޮށްގެން ޔަހޫދީންގެ ރަށްތަކަށް އީރާނުން ދީފާނެ ޙަމަލާއަކުން ދިފާޢުވުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ޔަހޫދީ ސަރުކާރުން ވަނީ އެ ޤައުމުގެ އަމިއްލަ ކުންފުނިތަކުގެ ކިބައިން އެދިފައެވެ.
ޙިޒްބުاللهން ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ޙަމަލާ ދޭން ފަށާފައި ވަނީ, ފަލަސްޠީނުގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން މީގެ އަހަރެއްހާ ދުވަސް ކުރިން ފެށި ލާއިންސާނީ ޢުުދުވާނާ ގުޅިގެންނެވެ. ޙިޒްބުاللهގެ ޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން, ޔަހޫދީ ފައުޖުން ވަނީ ސެޕްޓެންބަރު 23ވަނަ ދުވަހު ލުބްނާންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ވެސް ޖަރީމާތައް ހިންގަން ފަށާފައެވެ. އެއަށްފަހު, އޮކްޓޫބަރު 1ވަނަ ދުވަހު ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ވަނީ އެއްގަމު މަގުން ލުބްނާންގެ ދެކުނުގެ ރަށްތަކަށް އަރައިގަނެ, ލާއިންސާނީ ޤަތުލުޢާންމު އިތުރަށް ފުޅާ ކޮށްފައެވެ.
ޒަޔަނިސްޓު ދައުލަތުގެ ދިފާޢީ ވުޒާރާއިން ބުނީ, ޔަހޫދީ ފައުޖުގެ ދިފާޢީ ޤާބިލުކަން އިތުރުކޮށް ހަރުދަނާ ކުރުމުގެ ގޮތުން, ދިފާޢީ ދާއިރާގައި ހަރަކާތްތެރިވާ އަަށް ކުންފުންޏެއްގެ އެހީތެރިކަމަށް އެދިފައިވާނެ ކަމުގައެވެ. އަދި, އެ ކުންފުނިތަކުގެ މެދުގައި ދިފާޢީ ހަތިޔާރު އުފެއްދުމުގެ މުބާރާތެއް ބާއްވަން ނިންމާފައިވާ ކަމުގައެވެ. އެ މުބާރާތުގެ ބޭނުމަކީ, އެ ކުންފުނިތަކުގެ ހަތިޔާރުތަކާއި އުފެއްދުންތައް ވަޒަން ކުރުމެވެ. އަދި, މުބާރާތުގައި ކާމިޔާބީ ހޯދާ ކުންފުނިތަކުގެ ދިފާޢީ އުފެއްދުންތައް ގަނެ, ޔަހޫދީ ފައުޖުން އެ ތަކެތި ބޭނުން ކުރަން ފަށާނެ ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ.
އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ މުޖާހިދުންގެ ޖަމާޢަތްތަކާއި ހަތިޔާރު އެޅި ޖަމާޢަތްތަކުން ޔަހޫދީ ފައުޖަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކުގައި ޢާންމު ގޮތެއްގައި ބޭނުން ކުރަމުން ދަނީ ރޮކެޓާއި މިސައިލެވެ. އެ ތަކެތި ދިފާޢު ކުރުމަށް ޔަހޫދީ ފައުުޖުން ދަނީ އަޔަން ޑޯމް ވައިގެ ދިފާޢީ ނިޒާމު ބޭނުން ކުރަމުންނެވެ. ނަމަވެސް, ޔަހޫދީންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކުގައި ފަހަކަށް އައިސް އަސްކަރީ ޑްރޯންތައް ބޭނުން ކުރަން ފަށާފައިވާ ކަން ފާހަގަ ކުރެވެއެވެ. އެ ފަދަ ހަތިޔާރު ދިފާޢު ކުރުމުގެ ފުރިހަމަ ޤާބިލު ކަން ޔަހޫދީންގެ ކިބައިގައި ނެތް ކަން, މުޖާހިދުންގެ ޖަމާޢަތްތަކުން އެންމެ ފަހުން ދީފައިވާ ޙަމަލާތަކުން ސާބިތުވެއެވެ.
އޮކްޓޫބަރު 13ވަނަ ދުވަހު ޙިޒްބުاللهން ވަނީ އަސްކަރީ ޑްރޯންތަކެއް ބޭނުން ކޮށްގެން ޔަހޫދީ ފައުޖުގެ ސިފައިންނަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް ދީފައެވެ. ގިނަ ޢަދަދެއްގެ ޑްރޯންތަކެއް ބޭނުން ކޮށްގެން ޙިޒްބުاللهން ޙަމަލާ ދީފައި ވަނީ ޒަޔަނިސްޓު ދައުލަތުގެ އުތުރުގެ ރަށެއްގައި އޮންނަ އަސްކަރީ މަރުކަޒަކަށެވެ. ޙިޒްބުاللهން މީގެ ކުރިން ބޭނުން ކޮށްފައި ނުވާ އައު މަރުކާތަކެއްގެ ޑްރޯންތަކެއް އެ ޙަމަލާތަކުގައި ބޭނުން ކޮށްފައިވާ ކަމުގައި ޔަހޫދީ ފައުޖުން ބުންޏެވެ. އެ ތަކެތި ދެނެގަންނަން ޔަހޫދީ ފައުޖުގެ ރާޑަރުތައް ވެސް ވަނީ ނުކުޅެދިފައެވެ. އެ ޙަމަލާތަކުގައި ޔަހޫދީ ފައުޖުގެ ނިރުބަވެރި ހަތަރު ސިފައިން މަރައިލިއެވެ. އަދި, އިތުރު ހަތް ސިފައިން ޒަޚަމު ކޮށްލިއެވެ.
ޖުލައި 31ވަނަ ދުވަހު ޔަހޫދީ ފައުޖުން އީރާންގެ ވެރިރަށް ތަހްރާނަށް ދިން ނިރުބަވެރި ޙަމަލާއެއްގެ ބަދަލު ހިފުމުގެ ގޮތުން އެ ޤައުމުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް ނުރައްކާތެރި ޙަމަލާތަކެއް ދިނެވެ. އެ ޙަމަލާތަކުގައި 180އެއްހާ ބެލިސްޓިކް މިސައިލް ބޭނުން ކޮށްފައިވެއެވެ. އޭގެ ތެރެއިން ގިނަ މިސައިލްތައް ދިފާޢު ކުރެވިފައެއް ނުވެއެވެ. ސަބަބަކީ, އެއް ފަހަރާ ގިނަ ޢަދަދެއްގެ ބެލިސްޓިކް މިސައިލް ދިފާޢު ކުރެވޭނެ ޤާބިލުކަން ޔަހޫދީ ފައުޖުގެ ކިބައިގައި ނެތުމެވެ.
އެ ކަމުގައި ޔަހޫދީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއިން ވަނީ ތެދުވެފައެވެ. އެމެރިކާއިން ވަނީ އެ ޤައުމުގެ އަސްކަރިއްޔާގެ ސިފައިންގެ ލަޝްކަރެއްގެ އިތުރުން އެންމެ ފަހުގެ ޒަަމާނީ ހަތިޔާރުތައް ޒަޔަނިސްޓު އިސްރާއީލަށް ފޮނުވަން ނިންމާފައެެވެ. އެ ހަތިޔާރުތަކުގެ ތެރޭގައި އެމެރިކާއިން އުފައްދާފައިވާ 'ޓަރމިނަލް ހައި އެލްޓިޓިއުޑް އޭރިޔާ ޑިފެންސް' ނިޒާމު ނުވަތަ ތާޑް ނިޒާމު ހިމެނެއެވެ. އެއީ, ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެން އީރާނުން ދީފާނެ ޙަމަލާތަކުން ދިފާޢުވުމަށް ބޭނުން ކުރެވޭނެ ހަތިޔާރެކެވެ.
އެމެރިކާގެ ދިފާޢީ އިދާރާ, ޕެންޓެގަނުން ބުނީ ތާޑް ނިޒާމުތައް ޤާއިމު ކުރުމަށް ބޭނުންވާ ސާމާނު ޒަޔަނިސްޓު ދައުލަތަށް ފޮނުވަން ފަށާފައިވާ ކަމުގައެވެ. އަދި, ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި އެ ނިޒާމު ރާވައި, ބޭނުން ކުރަން ފެށޭނެ ކަމުގައެެވެ. "ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާގެ އިތުރު ސިފައިންގެ އިތުރުން ތާޑް ނިޒާމަށް ބޭނުންވާ އިތުރު ސާމާނު އިސްރާއީލަށް ފޮނުވަމުންދާ ނަން،" ޕެންޓެގަންގެ ތަރުޖަމާނު ޕެޓްރިކް ރައިޑަރ ވިދާޅުވިއެވެ.
ޒަޔަނިސްޓު ދައުލަތަށް އެމެރިކާ ސިފައިންގެ ލަޝްކަރެއް ފޮނުވަން ނިންމުމުން އީރާނުން ވަނީ އެ ކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވީ, ޒަޔަނިސްޓު ދައުލަތަށް އެމެރިކާ ސިފައިންނާއި ބަރުހަތިޔާރު ފޮނުވުމަކީ, މެދުއިރުމަތީގެ ޤައުމުތަކުގައި ޤާއިމު ކޮށްފައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިން އިތުރު ނުރައްކަލަކަށް ހުށަހެޅުމުގެ އަމަލެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމުގައެވެ.
ފަލަސްޠީނުގެ ޣައްޒާގެ އިތުރުން ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. މުސްލިމުންގެ ގެދޮރަށް ބޮންއަޅައި, އެ މީހުން ޝަހީދު ކުރަމުން ދަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން ސޮއި ކުރައްވައި, މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތައް ބޭނުން ކޮށްގެންނެވެ.
ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ބައިޑަން މީގެ ކުރިން ވެސް ވަނީ މެދުއިރުމައްޗަށް އަސްކަރީ މަނަވަރުތަކާއި ސިފައިންނާއި ހަތިޔާރު ފޮނުވާފައެވެ. އިސްރާއީލަށް ގިނަ ޢަދަދެއްގެ ސިފައިން ފޮނުވަން ނިންމުމަކީ, އީރާނާ ދެކޮޅަށް ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ފެށުމަށް އެމެރިކާއިން ތައްޔާރުވަމުންދާ ކަމުގެ އިޝާރާތެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
މުޖާހިދުންގެ ޑްރޯންތައް ހުއްޓުވަން ޔަހޫދީންގެ ދިފާޢީ ދާއިރާގެ ކުންފުނިތަކުގެ އެހީއަށް އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ