ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ހަރުކުރަން 100 ދޯންޏަކަށް ލޯނު ދެނީ

އާރު.އެސް.ޑަބްލިޔު ސިސްޓަމް (ލޮނުފެނުން މަސް ފިނިކުރާ ނިޒާމް) ހަރުކުރަން 100 ދޯންޏަށް ލޯނު ދޫކުރުމަށް ނިންމާފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނީ އާރްއެސްޑަބްލިއު ސިސްޓަމާއި ޖަނަރޭޓަރާއި ސޯލަރ ގަތުމަށް ހޭދަކުރާ އަގުގެ 35 އިންސައްތަ އޮޑިވެރިން އަނބުރާ ދައްކަން ނުޖެހޭނެ ކަމަށެވެ.
އިސްލާމީ ޝަރީޢާ ހަމަތަކުގެ މަތިން ތަކެތި ގަތް އަގާއި، އަގަށް ފައިދާގެ ގޮތުގައިލާ މިންވަރު ކަނޑައަޅައިގެން ކުރިޔަށް ގެންދާ މި ލޯނު ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށާއި އާރު.އެސް.ޑަބްލިޔު ސިސްޓަމް ފެސިލިޓީއަށް 6 މަސްދުވަހުގެ ގްރޭސް މުއްދަތެއް ލިބޭނެކަމަށްވެސް ވުޒާރާއިން މައުލޫމާތު ދެއެވެ.
މި ލޯނު ސްކީމަކީ އެސްޑީއެފްސީ މެދުވެރިކޮށް ހުޅުވާލާ ލޯނު ސްކީމެއް ކަމަށާއި، ވަރަށް ލުއި ގޮތަކަށް މަސްވެރިންނަށް މި ލޯނު ދިނުމަށް ވަނީ ނިންމާފައެވެ.
މަސްވެރިން ޒަމާނީ ވަސީލަތްތައް ބޭނުން ކުރުމަށް މަސްވެރި ވުޒާރާއިން ބާރުއަޅާ އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި، ކަނޑުމަހާއި ކަންނެލި މަސްވެރިންނަށްވެސް އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި އަދި އެހެން މަސްވެރިންނަށްވެސް ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރާ ކަމަށް ވުޒާރާއިން މައުލޫމާތު ދެއެވެ.
މަހުގެ ކޮލިޓީ ދެމެހެއްޓުމަށް ދޯނިތަކުގައި އާރްއެސްޑަބްލިއު އެޅުމަށް މި ޚާއްސަ ލޯން ސްކީމް ތައާރަފްކުރާ ކަމަށާއި، މަސްވެރި ވުޒާރާއިން އަބަދުވެސް މަސައްކަތް ކުރަނީ މަސްވެރިންނަށް ރަނގަޅު ގޮތްތައް ހޯދައިދީ ކަނޑުމަތީގައި މަސްވެރިން ހޭދަކުރާ ވަގުތު މަދުކޮށް އެފިޝެންޓްކޮށް މަސްވެރިކަން ކުރުމަށް ކަމަށް ވުޒާރާއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ