ދުނިޔޭގެ މުޖުތަމައިން ދިވެހިރާއްޖެ އެކަހެރި ކުރެއްވީ ޔާމީންކަމަށާއި ނަމަވެސް ދިވެހިންގެ އަޑު މުޅި ދުނިޔެއަށް އިއްވައިދިނީ ރައީސް ޑރ. މުހައްމަދު މުއިއްޒުކަމަށް އެންވާރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު މިފަދައިން ވިދާޅުވެފައިވަނީ އދ ގެ އާންމު މަޖިލީހުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަށް ޔާމީން ފާޑު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. ތޯރިގު ވިދާޅުވީ ޔާމީންގެ ވެރިކަމުގެ 5 އަހަރުގެ ދައުރުގައި އެންމެ ފަހަރަކު ވެސް އދ ގެ އާންމު މަޖިލީހަށް ވަޑައިނުގަންނަވާ ކަމަށާއި، ޔާމީން ވަނީ ބައިނަލްއަގުވާމީ މައިދާނުން ފަހަތަށް ޖެހިވަޑައިގެންފައި ކަމަށެވެ.
މީގެއިތުރުން ދުނިޔޭގެ މުޖުތަމައިން ދިވެހިރާއްޖެ އެކަހެރިކުރުމުގެ އިތުރުން 2015 ވަނަ އަހަރު ދުނިޔޭގެ ލީޑަރުން އެސްޑީޖީތަކާއި ޕެރިސް އެއްބަސްވުމަށް އެއްވި އިރުވެސް ޔާމީން ވަޑައިނުގަންނަވާ ކަމަށް ތޯރިގު ވަނީ ވިދާޅުވެފައެވެ. އަދި ގައުމުތަކުގެ މައްސަލަތަކާއި ގޮންޖެހުންތައް ހައްލުކުރުމަށް ގެންގުޅޭ ޑިޕްލޮމަސީއަށްވެސް ޔާމީން އަހައްމިއްޔަތުކަން ނުދެއްވާކަމަށް ތޯރިގު ވަނީ ވިދާޅުވެފައެވެ.
ތޯރިގު އިތުރަށް ވިދާޅުވީ އދ ގެ ސަލާމަތީ މަޖިލީހުގައި ވާހަކަފުޅު ދެއްކެވި ފުރަތަމަ ދިވެހި ރައީސްގެ ގޮތުގައި ރައީސް މުއިއްޒު ވަނީ ތާރީހު ލިޔުއްވާފައިކަމަށާއި، ރައީސް ވަނީ ދިވެހިންނަކީ ދުނިޔެއަށް ހުޅުވިފައިވާ ބައެއްކަން ދައްކުވައިދެއްވާފައިކަމަށެވެ.
ރާއްޖެއަކީ ކުޑަ ގައުމެއް ކަމުގައި ވީނަމަވެސް ދިވެހީންނަށް ފާގަތި މުސަތަގުބަލެއް ހޯއްދަވައިދެއްވުމަށް ރައީސް މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން މަސައްކަތް ކުރައްވާނެ ކަމަށްވެސް ތޯރިގު ވަނީ ވިދާޅުވެފައެވެ.
ދުނިޔޭގެ މުޖުތަމައިން ރާއްޖެ އެކަހެރި ކުރީ ޔާމީން، ދިވެހިންގެ އަޑު އިއްވައިދިނީ މުއިއްޒު: މިނިސްޓަރު ތޯރިގު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ