ސަމާހުގެ ވަކިވުމާއެކުވެސް ވަށާ ނުޖެހޭ ޒިންމާގެ ވާހަކަ!

ހުސްވި ހަފްތާގައި ރާއްޖެ ސިހި ރޮވިގެން ދިޔައީ ނޫކަށި ފުރައިގެ ޒުވާނެއްގެ ކުއްލި މަރުގެ ހަބަރުންނެވެ. ރައްޓެހިންތަކަކާއެކު ކޮފީއެއް ނިންމާލުމަށް ފަހު މެރަތަން ދުވުމުގެ ތައްޔާރީތައް ވަމުން ދަނިކޮށް ދެން އިވޭނީ އޭނާގެ މަރުގެ ހަބަރު ކަމެއް އެކަކަށްވެސް އަންދާޒާ ކޮށްލެވޭނެ ހެއްޔެވެ؟
ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ރޭސް ކާރަކުން ޖެހި، ބުރާސްފަތި ދުވަހުގެ ރޭގެ މެންދަމު 2:48 ހާއިރު ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި ހިނގި އެކްސިޑެންޓުގައި މި ދުނިޔެއާ އަލްވަދާއު ކިޔާފައި ވަނީ ލ. އިސްދޫ އަށް އުފަން 23 އަހަރުގެ ޕްރިޒަންސް ލާންސްކޯޕްރަލް ހަސަން ސަމާހް އެވެ. ސަމާހުގެ ކުއްލި މަރާއެކު ސޯޝަލް މީޑިއާ ފުރިގެން ދިޔައީ މީހުންގެ ހިތާމައިގެ ޝުއޫރުތަކުންނެވެ. ސަމާހުގެ ރައްޓެހިން، ހަނދާން އާ ކޮށްދެމުން ދިޔައީ ވަކިވެގެން އެ ދިޔައީ އެންމެންނާވެސް ގުޅޭ ގައުމަށް ނުހަނު ބޭނުންތެރި 'ދަރިއެއް' ކަމެވެ.
މޯލްޑިވްސް ކަރެކްޝަނަލްސް ސާވިސްގައި ސަމާހު މަސައްކަތް ކުރަން ފަށާފައި ވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. ސަމާހު އާއެކު މަސައްކަތް ކުރާ ސަމާހުގެ އެކުވެރިއަކު ނަން ނުޖެހުމަށް އެދި މައުލޫމާތު ދެމުން ބުނީ އޭނާގެ ކުއްލި މަރުގެ ހަބަރާއެކު ލިބުނީ ޝޮކެއް ކަމަށާއި އެވާހަކަ ފުރަތަމަ ގަބޫލު ކުރަން ވެސް ދަތިވި ކަމަށެވެ. ސަމާހުއާ ގުޅޭ ގޮތުން އޭނާ ބުނީ ސަމާހު އަކީ އަބަދުވެސް ޑިއުޓީ އަށް ވަރަށް ފަރުވާތެރި މީހެއް ކަމަށާއި ބައެއް ފަހަރަށް އެހެން މީހުންގެ މަސައްކަތްތައް ވެސް ނިންމައި ދޭނެ ކަމަށެވެ. ބޭނުންވި ކޮންމެ ވަގުތަކުވެސް ސަމާހުގެ އެހީތެރިކަން ލިބުން ކަމަށާއި އޭނާގެ ވަކިވުމަކީ ފޫނުބެއްދޭނެ ވަރުގެ ގެއްލުމެއް ކަމަށް ހިތާމައާއެކު އޭނާގެ ރަހުމަތްތެރިޔާ ބުންޏެވެ.
ސަމާހު މަރުވީ ބުރާސްފަތި ދުވަހު ހެނދުނު ހުޅުމާލޭގައި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން ބޭއްވި 'ބޮޑު 5' ދުވުމުގައި ބައިވެރިވުމަށް ސައިކަލުގައި މެންދަމުގެ ވަގުތެއްގައި ދަނިކޮށެވެ.
ސަމާހު އަކީ އަބަދުވެސް ދުވުމަށް ފޯރިހުންނަ މީހެއް ކަމަށް އޭނާގެ ރަހުމަތްތެރިން ބުނެއެވެ. އަބަދުވެސް މެރަތަން ތަކުގައި ބައިވެރިވެ ދުވާ ކަމަށާއި މި އަހަރު ފުލް މެރަތަންއެއްގައި ދުވަން ތައްޔާރު ވަމުން ދިޔަ ކަމަށް ސަމާހު ބުނި ކަމަށްވެސް އޭނާގެ ރަހުމަތްތެރިން ބުނެއެވެ.
މި ހާދިސާއާ އެކު ގިނަ ބަހަކު ނުރުހުން ފާޅުކުރަމުން ދިޔައީ ސަމާހު އެކްސިޑެންޓްވެފައި އޮއްވާ ވެސް ޓީއެފްޖީން ދުވުން ހުއްޓާނުލައި ކުރިއަށް ގެންދިއުމާ ގުޅިގެންނެވެ. ސަމާހުގެ މަރާ ގުޅިގެން ޓީއެފްޖީން ފޭސްބުކްގައި ކުރި ޕޯސްޓުގެ ދަށުގައި ކޮމެންޓް ކުރި ބައެއް މީހުން ބުނީ، ސަމާހު މިފަދަ ހާދިސާއެއްގައި މަރުމަކީ ދުވުން ހުއްޓާލަން ޖެހޭ ކަހަލަ ކަމެއް ކަމަށާއި، ނަމަވެސް ޓީއެފްޖީ އަށް ދުވުން ހުއްޓާލަން ނުކުރެނު ކަމަށެވެ.
އާންމުންގެ ފާޑުކިއުންތަކާ ހުރެ ޓީއެފްޖީން ވަނީ އެ ޕޯސްޓަށް ކޮމެންޓް ނުކުރެވޭ ގޮތް ހަދާފައެވެ. ނަމަވެސް ގިނަ ބަޔަކު ޓީއެފްޖީގެ ޕޯސްޓު ޝެއާކޮށް ހުއްޓުމެއް ނެތި ވަނީ ފާޑުކިޔާފައެވެ. ޕޯސްޓް ޝެއާކުރި ބައެއް މީހުން ވަނީ ޓީއެފްޖީން 'ބޮޑު 5' ދުވުން ކުރިއަށް ގެންގޮސްފައި ވާތީ ޓީއެފްޖީ ބޮއިކޮޓް ކުރަން ވެސް ގޮވާލާފައެވެ.
23 އަހަރުގެ ސަމާހު މަރުވި އިރު އޭނާ ދިޔައީ އަންނަ މަހު ޒަވާޖީ ހަޔާތެއް ފަށަންވެސް ތައްޔާރު ވަމުންނެވެ. ޒަވާޖީ ހަޔާތަށް އެތަކެއް ފޮނި އުންމީދުތަކެއް ކުރަމުން ދިޔަ ސަމާހު މަރުވެގެން އެދިޔައީ ގިނަ ބަޔަކު ރޮއްވާފައެވެ.
ސަމާހުގެ ޖަނާޒާ ހުކުރު ދުވަހުގެ މަގްރިބު ނަމާދަށް ފަހު ހުޅުމާލެ ސަހަރާ މިސްކިތުގައި ބޭއްވި އިރު އެތަނުން ފެނިގެން ދިޔައީ ހިތް ފަޅައިގެން ދާފަދަ މަންޒަރުތަކެކެވެ. ލޯބިވާ ދަރިފުޅުގެ މޫނު އެންމެ ފަހު ފަހަރަށް ބަލައިލަން، އެ ހަށިގަނޑުގެ ކައިރިއަށް އޭނާގެ މަންމައާއި ބައްޕަ ގެންދިޔަ ވަގުތު އެމީހުންނަށް ކުރި އަސަރު އިތުރު މީހަކަށް އިހުސާސް ނުކުރެވޭނެއެވެ. ފެނުނީ ސަމާހުގެ މައިންބަފައިންގެ ލޮލުން ހުއްޓުމެއް ނެތި އޮހޮރެމުން ދިޔަ ކަރުނަތަކެވެ. ދަރިފުޅު އުމުރަށް ވަކިވީ ކަން ގަބޫލު ކުރަން ދަތިވެފައި ހުރި ސަމާހުގެ ބައްޕަ އެތައް ފަހަރެއްގެ މަތިން ސަމާހުގެ ގައިގައި ބައްދަން މަސައްކަތް ކުރިއެވެ. ސަމާހުގެ މަންމަގެ ހާލު އެއަށް ވުރެ އަދި ދެރައެވެ.
ސަމާހުގެ ސައިކަލުގައި ޖެހި އެކްސިޑެންޓް ވި ރޭސް ކާރު ދުއްވަން އިން ސ. ހިތަދުއަށް އުފަން 26 އަހަރުގެ މުހައްމަދު ވިސާމް ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި ވިސާމް އަކީ އެއްގަމު އުޅަނދެއް ދުއްވުމުގެ ލައިސެންސް ވެސް އޮތް މީހެއް ނޫނެވެ. އޭނާ ހައްޔަރު ކޮށް ބަންދުގެ މުއްދަތު ޖަހާފައި ވާ އިރު އޭނާ ދުއްވި ކާރުގައި އިތުރު ބަޔަކު ތިބިކަމެއް އަދި ސާފެއް ނުވެއެވެ.
ބާރު ސްޕީޑުގައި ރޭސް ކާރު ދުއްވައިގެން މިފަދަ އެތައް ހިތާމަވެރި ހާދިސާއެއް މި ރާއްޖޭގައި ހިނގަމުން ދާއިރު އެއް ބަޔަކު ވަނީ އުމުރަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެފައެވެ. އަނެއް ބަޔަކު ދުނިޔެއާ އަލްވަދާއު ކިޔާއިރު އެތައް ޒަމާނަކަށް ދެމިގެންދާ ހިތާމައާި މޮޅިވެޅިކަމުގައި އެ މީހުންގެ އާއިލާތަކާއި ރަހުމަތްތެރިން ތިބެން ޖެހެއެވެ. ހިތާމަ މުޅި އުމުރަށް "ޓްރޮމަޓައިޒް" ވާ ފަހަރު ގިނައެވެ.
މިފަދަ ކޮންމެ ހާދިސާއަކާ އެކު ހެން ޒިންމާގެ ވާހަކަ ދައްކައެވެ. އާންމުންނާއި ކަމާބެހޭ މުއައްސަސާތަކުން ބާރުލާފައި ދެތިން ދުވަހަކު އެވާހަކަ ދައްކާލުމަށް ފަހު ހަނދާން ނައްތާލި ނަމަވެސް އެ ހިތާމައާ ކުރިމަތި ލާން ޖެހޭ އާއިލާތަކުގެ ހާލަތަކީ މިއެއް ނޫނެވެ. ޒިންމާގެ ވާހަކަ ދައްކާ، 'އެ ފިޔަވަޅު މިފިޔަވަޅު އަޅާ ކަމަށް ބުނެ' ލޮލުގައި އަޅުވާ އަނދުނެއް ފަދައިން ވަގުތީ ހައްލެއް ހޯދައެވެ. ދުވަސްކޮޅެއް ނުވެ އިހު އޮތް ގޮތަށް ނުވަތަ އެއަށް ވުރެ ދޯހަޅިކޮށް ދޫކޮށްލައެވެ. އެނބުރި އަންނަނީ ހިތާމަވެރި ހާދިސާ އަކާއެކު ޒިންމާގެ ވާހަކައެވެ.
އެއް ކޯޓުން ބަންދު ކުރިއްޔާ އަނެއް ކޯޓުން ދޫކޮށްލައެވެ. އެއް ބަޔަކު އަޑު އުފުލައި އިހުތިޖާޖު ކުރަން ފަށާއިފި ނަމަވެސް ދޫކޮށްލައެވެ. މަގުމަތީގެ އަދަބުތަކާއި ޓްރެފިކް ގަވައިދުތަކާ މުޅިން ހިލާފަށް ވެހިކަލްތައް ހުރި ނަަމަވެސް އަދި ލޯމަތީ [އަތްފޯރާ ފަށުގައި] ހުންނަ ކެމެރާތަކުގެ ލެންސްތަކުން މަންޒަރުތައް ކުރަހަމުން ދިޔަ ނަމަވެސް ފިޔަވަޅެއް ނާޅައެވެ.
ބާރު ސްޕީޑްގައި ދުއްވުމާއި ގަވައިދާ ހިލާފަށް ދުއްވުމުގެ ހާދިސާތައް ހިނގަމުން ދިޔަ ނަމަވެސް އެފަދަ މީހުން ހުއްޓުވައި ފިޔަވަޅު އެޅޭތަނެއްވެސް ނުފެނެއެވެ. މަގުމަތި ބަލަހައްޓަން ތިބޭ ފުލުހުންގެ 'އަތްތައް އެމީހުނާ މެދު ބަނދެވިފައި' ތިބޭ ފަދައެވެ. ނަމަވެސް އާދައިގެ ދިވެއްސަކަށް 'އޮޅިގެން ނުބައިތަނެއްގައި ޕާކް ކުރެވުނަސް، ރޮނގެއް ހުރަސް ކުރެވުނަސް' ހިފަހައްޓާ ސުވާލުކޮށް ޖޫރިމަނާ ކޮށް އަދި މަގުމަތީގެ އެކްސިޑެންޓްތައް ނޫނަސް އެހެން ބައެއް ހާދިސާތަކުގައި ދިގު މުއްދަތަށް ޖަލަށް ވެސް ލައިފައި ވެއެވެ.
ޒިންމާގެ ވާހަކަ އާ ކުރާ މި ދަނޅިވަޅުގައި ހުޅުމާލޭގައި ޑްރިފްޓް ކުރުމަށް ކަނޑައަޅާފައި އޮތް ސަރަހައްދަށް އޮތް ހުއްދަ މިހާރު ވަނީ ބާތިލް ކޮށްފައެވެ. މި ހާދިސާ އާ ގުޅިގެން ފިޔަވަޅުތައް ވަރުގަ ދަކުރައްވާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހާމަ ކުރައްވާފައެވެ.
މިކަމާ މެދު މީހުން ހޭލުންތެރިވާން ވެސް ޖެހެއެވެ. ބާރަށް ނުދުއްވުމަށާއި މަގުމަތީގައި އުޅޭއިރު ތިމާގެ ރައްކާތެރިކަމުގެ އިތުރުން އެހެން މީހުންގެ ރައްކާތެރި ކަމާމެދު ވިސްނާ ފަރުދީ ޒިންމާ ވެސް އަދާކުރަން ޖެހެއެވެ. ކޮންމެ މައްސަލައެއް ވެސް ހައްލު ކުރެވޭނީ ފުރަތަމަ އެކަމަކާމެދު ތިމާ ހޭލުންތެރިވެ ތިމާއާ ހިސާބުން ފަށައިގެންނެވެ. މިި ކުޑަ ކުޑަ މުޖުތަމައަކީ އެންމެންނަށްވެސް އަމާން ރައްކާތެރި ތަނަކަށް ހެދުމަކީ ކޮންމެ ދިވެހި ފަރުދެއްގެވެސް ކޮނޑުގައި އެޅިފައިވާ ގައުމީ ޒިންމާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ