ކުރުސީއަކީ ކުރީގެ ސިޔާސީ އިސް ލީޑަރެއް ކަމަށް ރަޝިއާއިން ބުނެފި

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި "ހަސަން ކުރުސީ"ގެ ނަމުގައި އެކައުންޓެއް ހިންގަނީ ކާކުކަން އެނގޭ ކަމަށް ރަޝިޔާ އިން ބުނެފި އެވެ.ކާކުކަން ނޭނގޭ ގޮތަށް ހިންގަމުންދާ ހަސަން ކުރުސީގެ އެކައުންޓްގެ މައްސަލަ ރާއްޖޭގެ ސަރުކާރުތަކަށްވެސް އޮތީ ބޮލު ރިހުމަކަށްވެފަ އެވެ. އެކަން އެހެން އޮއްވާ ރަޝިއާ އިން ހަސަން ކުރުސީގެ އެކައުންޓްގެ މައްސަލައިގައި ވާހަކަދައްކާފައި މިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ގާނޫނާ ހިލާފަށް ޗިޕްތަކެއް ރަޝިއާއަށް ގެންދިޔަ ކަމަށް ތުހުމަތުކޮށް ކުރުސީގެ އެކައުންޓްގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ.ކުރުސީގެ ތުހުމަތާ ގުޅިގެން ރަޝިއާ އިން ސްރީލަންކާއާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލިވަން އެސް ޖަގަރްޔަންއާ ހަވާލާދީ ރަޝިއާ އެމްބަސީ އިން ބުނީ "ހަސަން ކުރުސީ"ގެ އެކައުންޓް ހިންގަނީ ރާއްޖޭގެ ކުރީގެ ސިޔާސީ އިސް ލީޑަރެއް ކަމަށެވެ. އެކައުންޓް ހިންގާ ބޭފުޅަކު ހުންނެވީ ޔޫރަޕްގައި ކަމަށްވެސް ތުހުމަތުކުރައްވާފައިވެ އެވެ.ސަފީރު ވިދާޅުވި ގޮތުގައި ކުރުސީ އެކައުންޓް ހިންގާ ބޭފުޅަކު މަސައްކަތްކުރައްވަނީ އެމެރިކާއާ އެކު ރަޝިއާ އިން ކުރިއަށް ގެންދާ މަޝްވަރާތަކާއި ރާއްޖެއާއި ރަޝިއާއާ ދެމެދު އޮތް ބަދަހި ގުޅުން ހީނަރުކުރުވުމަށެވެ. އެކަމަކު އެ ގުޅުމަށް އަސަރު ނުކުރާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފަ އެވެ ކުރުސީ އެކައުންޓްގެ ފަހަތުގައި ހުރީ ކާކުކަން އެނގޭ ކަމަށް ރަޝިޔާއިން ބުނެފައި ވާއިރު، މީގެކުރިން ދިވެހި ފުލުހުން ވެސް ވަނީ އެ އެކައުންޓް ހިންގާ މީހަކު ހޯދަން ތަހުގީގެއް ހިންގައިފަ އެވެ. އެ ތަހުގީގު ހިންގީ އެއީ ކާކުކަން ހޯދައިދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުލުހަށް މައްސަލައެއް ހުށަހެޅުއްވުމުންނެވެ. ނަޝީދު އެގޮތަށް ހުށަހެޅުއްވީ ކުރުސީއަކީ އެމަނިކުފާނު ކަމަށް ތުހުމަތު ކުރެއްވުމުންނެވެ.އެ މައްސަލައާ ގުޅިގެން އޭނާ ހޯދުނު ކަމެއް ނުވަތަ އެ ތަހުގީގާ ގުޅޭ ފަހުގެ އަޕްޑޭޓެއް ފުލުހުން ނުދެ އެވެ.ކުރުސީ އެކައުންޓުން މިފަދަ ތުހުމަތެއް ކޮށްފައިވާއިރު، އެމެރިކާގައި އުފައްދާ އެއާކްރާފްޓުގެ ސާމާނުތަކެއް މިދިޔަ އަހަރު ރާއްޖެ މަގުން ރަޝިޔާއަށް އެތެރެކުރި ކަމަށް އިޒްރޭލުގެ މީހަކު އެމެރިކާގެ ކޯޓެއްގައި އެއްބަސް ވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ