ރޯދައަށް ވެސް އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ނުކުރެވުނު

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ރޯދަ މަހަށް ހައްލުކުރެވޭނެ ކަމަށް ފެނަކައިން ކުރިން ބުނި ނަމަވެސް އެގޮތަށް އެކަން ނުކުރެވޭ ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.
ފެނަކައިން އަންނަނީ އައްޑޫ އެކި ސަރަހައްދުތަކުން މިއަދު ވެސް ކަރަންޓް ކަނޑަމުންނެވެ. ލޯޑު މަތިވަމުންދާތީވެ ކަރަންޓު ކަނޑަމުން އަންނަނީ އެއް ގަޑިއިރަށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ ކަރަންޓުގެ މައްސަލަ ރަމަޟާން މަހަށް ހައްލު ކުރެވޭނެ ކަމަށް މީގެ ކުރިން ފެނަކައިން ބުނެފައިވާ ކަމަށާއި ނަމަވެސް ހިތާމައަކީ އަދިވެސް އެކަން ނުކުރެވޭކަން ކަމަށެވެ.
"އައްޑޫއަށް ބޭނުންވާ ވަރަށް ކަރަންޓު އުފައްދަން އިންޖީނުތައް ނުގެނެވެން ޖެހޭ އެއްވެސް ސަބަބެއް އޮވެގެން ނުވާނެ،" އަޒާން ވިދާޅުވި އެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލައާ ގުޅިގެން ފެނަކައިގެ އިސްވެރިން މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށްދޭން މީގެކުރިން އަޒާން ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލައާ ގުޅިގެން ފެނަކައިގެ އިސްވެރިން ހާޒިރުކުރަން ފާސްކުރި ނަމަވެސް މިހާތަނަށް އެ ކުންފުނީގެ ވެރިން ކޮމިޓީއަށް ގެނެސްފައެއް ނުވެ އެވެ.
ފެނަކަ އިން ދާދިފަހުން އައްޑޫއަށް 1.8 މެގަވޮޓްގެ ޖަނަރޭޓަރެއް ގެނެސް އިންސްޓޯލްކޮށް ހިދުމަތްދޭން ފަށާފަ އެވެ. ނަމަވެސް އޭގެ ފަހުން ވެސް ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލެއް އައިސްފައެއް ނުވެ އެވެ.
ފެނަކަ އިން މީގެކުރިން ވަނީ ރޯދަ މަހަކީ ކޮންމެ އަހަރަކު ވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ މަހެއް ކަމަށާއި އަދި އައްޑޫގައި ތަރައްގީގެ އެކިއެކި މަޝްރޫއުތައް ކުރިއަށްދާއިރު ދުވަހުން ދުވަހަށް ކަރަންޓުގެ ޑިމާންޑް މަތިވަމުންދާތީ، އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ