އައިޖީއެމްއެޗުން ޑިސްއިންފެކްޓަންޓު ހުސްވެފައި ހުއްޓައި، ތުއްތު ކުދިންނަށް ފަރުވާ ދޭ އެންއައިސީޔޫގައި ފެތުރުނު ނުރައްކާތެރި ބައްޔެއް ޖެހިފައިވާ އުމުރުން އެންމެ 28 ދުވަހުގެ ކުއްޖަކު ރާއްޖެއިން ބޭރަށް ފޮނުވަން އާއިލާއިން އެހީ ހޯދަން ފަށައިފި އެވެ.
އެހީ ހޯދަނީ އަލްސަން ބިން މުހައްމަދު ޝަމްއޫން (28 ދުވަސް) ގެ އާއިލާއިނެވެ. އެންއައިސީޔޫގައި ފެތުރެމުންދިޔަ ބަލި އަލްސަންއަށް ޖެހުނީ، ވިހެއި އިރު ގިނަ މައްސަލަތަކެއް ހުރެގެން ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދެމުން ދަނިކޮށެވެ.
އަލްސަންއަކީ ޅ. ކުރެންދޫ، އަކިރި، މަރިޔަމް ފަޒީލާ އާއި ހަމަ އެ ރަށު، އެމަޒޫން، މުހައްމަދު ޝަމްއޫންއަށް ލިބުނު ދެ ވަނަ ދަރިފުޅެވެ. އަލްސަން ލިބުނީ ކުއްޖަކު ހޯދަން މަސައްކަތް ކުރާތާ 19 އަހަރު ފަހުން ކަމަށް އާއިލާގެ ފަރާތުން މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.
އަލްސަން ދިޔައީ ހިތުގެ މައްސަލައަކަށް، ކިޑްނީގެ މައްސަލައަކަށް އަދި ފިޓު ޖެހޭތީ ފަރުވާ ހޯދަމުންނެވެ. އަައިޖީއެމްއެޗުގެ އެންއައިސީޔޫގައި ފެތުރުނު ބޭހަށް ނުގުޑާ ބާކޯލްޑޭރިއާ ސްޕޭޝިއާ އަލްސަން އަށް ޖެހުނީ އެ ހުރިހާ ކަމަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އެ ބަލީގެ ސަބަބުން ލޭގައި ވަނީ އިންފެކްޝަނެއް އުފެދިފަ އެވެ.
އަލްސަން ބޭރަށް ފޮނުވަން ބޭނުންވާ ލިޔުން ވަނީ މިހާރު ލިބިފަ އެވެ. އަދި އާސަންދަ އިން ފަރުވާ ދިނުމަށް ހޮސްޕިޓަލަކާއި ބޭރަށް ދިޔުމަށް ޓިކެޓު ވެސް ވަނީ ހަމަޖެހިފަ އެވެ. އެކަމަކު، ފަރުވާއަށް ދާނެ ހަރަދު އަންދާޒާ ނުކުރެވޭތީ އާއިލާއިން އެދެނީ އަލްސަންގެ ފަަރުވާއަށް ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް ދެވެން އޮތް މީހަކު ފޯރުކޮށްދިނުމަށެވެ.
އެންއައިސީޔޫގައި ފެތުރުނު ބާކޯލްޑޭރިއާ ސިއްހީ ހިދުމަތް ދޭ ތަންތަނުގައި އާންމުކޮށް ފެތުރެނީ ފަރުވާ ދިނުމަށް ބޭނުން ކުރާ އާލާތްތައް މެދުވެރިކޮށެވެ. އެއީ ސާފުތާހިރުކަމުގެ ހަރުދަނާ ފިޔަވަޅުތައް އަޅާ ނަމަ ފެތުރުން ދުރު ބައްޔެކެވެ. އެއީ ވަރަށް ގިނަ ވައްތަރުގެ ބޭހަށް ނުގުޑާ ނުރައްކާތެރި ބައްޔެކެވެ.
އައިޖީއެމްއެޗްގެ ސީނިއާ ޑޮކްޓަރެއް ކަމަށްވާ ނަޒްލާ މުސްތަފާ އަދަދު އާ ވާހަކަ ދައްކަމުން މިއަދު ވިދާޅުވީ އެންއައިސީޔޫ ސާފު ކުރަން ބޭނުން ކުރަމުންދިޔައީ ޑިސްއިންފެކްޓަންޓް ވައިޕްސް ކަމަށެވެ. ނަމަވެސް ބަލި ފެތުރުނު އިރު، ޑިސްއިންފެކްޓަންޓް ހުސްވެގެން ބޭނުން ކުރަމުންދިޔައީ ބްލީޗު ކަމަށް އޭނާ ވިދާޅުވި އެވެ.
އެންއައިސީޔޫގައި ބަލި ފެތުރެން ފެށީ މާޗް 27، ގަ އެވެ. އެކަމަކު ހޮސްޕިޓަލުން ވަނީ އިއްޔެއާ ހަމައަށް އެކަން ސިއްރުކޮށްފަ އެވެ. ޖުމުލަ ފަސް ކުއްޖަކަށް ވަނީ އެ ނުރައްކާތެރި ބަލި ޖެހިފަ އެވެ. ބަލި ޖެހުނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުން އައި ފަސް ކުއްޖަކަށެވެ. އޭގެ ތެރެއިން ދެ ކުއްޖެއްގެ ހާލު ވަރަށް ދެރަ އެވެ. ހާލު ދެރަ ކުދިން ބޭރަށް ފޮނުވަން މަސައްކަތް ކުރާ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.
ނަމަވެސް، އިތުރު ފަރުވާ ދިނުމަށް ބޭރަށް ފޮނުވަން ނިންމާފައިވާ ކުދިންގެ އަދަދު ނޭނގޭ ކަމަށް ހޮސްޕިޓަލުން ބުންޏެވެ. ހޮސްޕިޓަލުން ބުނީ ބޭރަށް ފޮނުވައިގެން ފަރުވާ ދޭންޖެހޭ ހުރިހާ ކުދިން ބޭރަށް ފޮނުވާނެ ކަމަށެވެ. އެކަން ނިންމާނީ އެ ކުދިންނަށް މިހާރު ފަރުވާ ދޭ ޑޮކްޓަރުން ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
އެކައުންޓުގެ ނަން: Mohamed Shamoon (އަލްސަންގެ ބައްޕަ)
90103101523811000 (ރުފިޔާ އެކައުންޓު)
90103101523812000 (ޑޮލަރު އެކައުންޓު)
އައިޖީއެމްއެޗް އެންއައިސީޔޫ ކާރިސާ: ފުރާނައަށް ނުރައްކާވެފައި އޮތް ތުއްތު ކުއްޖަކު ބޭރަށް ފޮނުވަން އާއިލާއިން އެހީ ހޯދަނީ އައިޖީއެމްއެޗް އެންއައިސީޔޫ ކާރިސާ: ފުރާނައަށް ނުރައްކާވެފައި އޮތް ތުއްތު ކުއްޖަކު ބޭރަށް ފޮނުވަން އާއިލާއިން އެހީ ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ