ނަޕޯލީން އިންޓާއާ އަރައި ހަމަކޮށްފި

އިޓާލިއަން ސެރީއާގައި ލީގަށް ވާދަކުރާ ނަޕޯލީން މޮންޒާ ބަލިކޮށް، އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އިންޓާ މިލާނާ އަރާ ހަމަކޮށްފިއެވެ. މޮންޒާގެ ދަނޑުގައި ކުޅުނު މެޗު ނަޕޯލީން ކާމިޔާބުކޮށްފައިވަނީ 1-0 އިންނެވެ. ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދީ ނަޕޯލީންނެވެ. ނަމަވެސް، މޮންޒާގެ ޑިފެންސް ފޫއަލުވާލަން ގިނަ އުނދަގޫތަކެއް ކުރިމަތިވިއެވެ. މެޗުގައި ނަޕޯލީން ކާމިޔާބުކުރި ހަމައެކަނި ލަނޑު 72 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ސްކޮޓް މެކްޓޮމިނޭއެވެ. މި ކާމިޔާބީއާ އެކު ނަޕޯލީ މިހާރު އޮތީ 33 މެޗުން ލިބިފައިވާ 71 ޕޮއިންޓާ އެކު އެއްވަނައިގައި އޮތް އިންޓާއާ ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށްފައެވެ. ނަމަވެސް، އިންޓާ އެއް މެޗު މަދުން ކުޅެފައިވުމުން މިރޭ ފަސްވަނައިގައި އޮތް ބޮލޯނިއާއާ ބައްދަލުކުރާ މެޗު ކާމިޔާބުކޮށްފި ނަމަ އަނެއްކާ ވެސް އެ ޓީމަށް ތިން ޕޮއިންޓްގެ ލީޑެއް ލިބޭނެއެވެ. ރޭގެ މެޗުން ބަލިވުމުން މޮންޒާ އޮތީ 15 ޕޮއިންޓާ އެކު އެންމެ ފުލުގައެވެ. މި މުބާރާތުގައި އޭއެސް ރޯމާއާއި ހެލަސް ވެރޯނާ ބައްދަލުކުރި މެޗު 1-0އިން ކާމިޔާބުކޮށްފައިވަނީ ރޯމާއިންނެވެ. ރޯމާގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ހަތަރުވަނަ މިނެޓުގައި އެލްޑޯ ޝޮމުރޮޑޯވްއެވެ. މި ކާމީޔާބީއާ އެކު ރޯމާ މިހާރު ވަނީ 57 ޕޮއިންޓާ އެކު ހަވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި، ވެރޮނާ އޮތީ 32 ޕޮއިންޓާ އެކު 14 ވަނައިގައެވެ. ކޯމޯއާއި ލެއްޗެ ބައްދަލުކުރި މެޗު 3-0 އިން ކާމިޔާބުކޮށްފައިވަނީ ކޯމޯއިންނެވެ. މެޗުގައި ކޯމޯގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ އަސާނޭ ޑިއާއޮއެވެ. އަދި، ފަހު ލަނޑު ކާމިޔާބުކޮށްދީފައިވަނީ އެޑުއާޑޯ ގޮލްޑަނީގާއެވެ. މި ކާމިޔާބީއާ އެކު ކޯމޯ މިހާރު އޮތީ 39 ޕޮއިންޓާ އެކު 13 ވަނައިގައެވެ. ލެއްޗެ އޮތީ 26 ޕޮއިންޓާ އެކު 17 ވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ