ކައިވެންޏަށްފަހު ބައިވެރިޔާގެ ކިބައިން ހިނިތުންވުން ނުލިބޭނަމަ އެކަމަށް ދެމީހުންކުރެ ކޮންމެ މީހަކުވެސް ކަންބޮޑުވާނެއެވެ. އަދި އެކަމަށް އެންމެ ގިނައިން ޝަކުވާކުރާނީވެސް ފިރިހެނުންނެވެ. ސަބަބަކީ މަސައްކަތުން އެނބުރި ގެއަށް އައުދެވުމާއިއެކު އަނބިމީހާގެ ކިބައިން ހިނިތުންވުމަށް އެދެވޭވަރު ބޮޑު ވުމެވެ.
އަހުރެންނަށް ޙަޤީޤަތް ކިޔައިދިން ގިނަ އަންހެނުން ބުނީ އެމީހުންވެސް ފިރިމީހާގެ ކިބައިން ހިނިތުންވުން ބޭނުންވާ ކަމަށާއި ނަމަވެސް ގެއަށް އަންނަ ވަޤުތު ހިނިތުންވުން ނުލިބުނަސް އެހައި ބޮޑަށް ޝަކުވާ ނުކުރާ ކަމަށެވެ. ސަބަބަކީ އެއިރުވެސް މަސައްކަތު މާޙައުލުން ކުރިމަތިވި މައްސަލަތައް ވިސްނުމުގައި ހުންނާނެ ކަމަށް ޤަބޫލުކުރެވޭތީ ކަމަށެވެ.
އެއިގެ ބަދަލުގައި ގިނަފިރިހެނުން ބުނީ ގެއަށްވަދެވޭއިރު އަނބިމީހާ ހިނިތުންވެގެން ނެތްނަމަ ރުޅިއާދެވޭ ކަމަށެވެ. ސަބަބެއްކަމަށް ބުނީ އެކަމަށްވުރެ ބޮޑަށް އަނބިމީހާ ސަމާލުކަންދޭންޖެހޭނެ އެހެން އެއްވެސް ކަމެއް އޮންނާނެ ކަމަށް ޤަބޫލުނުކުރެވޭތީ ކަމަށެވެ.
ކޮންމެއަކަސް އަހުރެން މިއުޅެނީ މިބަޙުސްކުރާކަށް ނޫނެވެ. ހެޔޮލަފާ އަނބިންނަށްވެސް މިމައްސަލަ ކުރިމަތިވާ ނުވަތަ ހިނިތުންވެގެން ނުހުރެވޭ ސަބަބު ބުނެލާށެވެ! އެސަބަބަކީ ފިރިމީހާ ހެނދުނު ގެއިން ނުކުތީންސުރެ އަނބުރައި ގެއަށް ވަންނަންދެން، ގޭގެ އޭސީ 16 ގައި ބެހެއްޓިޔަސް ހަށިގަނޑަށް ފިނިކަން ނުލިބޭވަރަށް ގޭތެރެއިން ހޫނުކަން ލިބިލިބި އިންނަން ޖެހޭތީއެވެ. މިދައްކަނީ ފިރިމީހާގެ ޢާއިލާގެ މީހުން އޭނާއާއިމެދު ކަންކަން ކުރާގޮތުން އަބަދު ހިތްދަތިކަން ލިބިލިބި އިންނަންޖެހޭ ވާހަކައެވެ.
އެހެންވެ މިމައްސަލަ ހިފައިގެން އަންނަ ފިރިގާތު އަހުރެން ބުނަނީ ފުރަތަމަ ކަމަކަށް ދެމަފިރިންގެ ދިރިއުޅުން ވަކިކޮށް މިބުނި ފަދަ ގަދަ ހޫނުން އަނބިމީހާ ސަލާމަތްކޮށްފައި ދެއިންދުމަށެވެ. އެހެން ބުނަން ޖެހެނީ އަނބިން އެންމެ ބޮޑަށް އެދޭނީ ރައްކައުތެރިކަމެވެ. ސިކުނޑީގެ މިނިވަންކަމެވެ. މިދެކަންތައްވެސް ޙާޞިލުކުރެވޭނީ މިބުނި ފަދަ ގަދަހޫނުން އަނބިން ސަލާމަތްކުރެވިގެން ކަމަށްވާތީއެވެ.
އަނބިމީހާ ދެކެ ފޫހިވެ ރުޅިއަންނަންވާނީ މިބުނިމަގުން އަނބިމީހާއަށް ފުރުޞަތު ދިނުމުންވެސް ބަދަލެއް ނައިނަމައެވެ. އަހުރެން ބުނާނީ މިގޮތަށް ޢަމަލުކުރުމުން ނުކުންނަ ނަތީޖާ ހަމަ ވަރަށް ރަނގަޅު ކަމަށެވެ. އެއީ ތަޖުރިބާކުރާ ގިން މީހުންގެ ޥާހަކައިން އެކަން އެނގޭތީއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން
އަނބިމީހާގެ ކިބައިން ހިނިތުންވުން ނުލިބޭތީ ރުޅިއައުމުގެ ކުރިން ފިރިމީހާ ގޭގަ ނުހުންނައިރު އަނބިމީހާގެ ގައަށް ގޭތެރެއިން އަބަދު އަރުވާ އަލިފާނުގެ ހޫނުން އޭނާ ސަލާމަތްކުރަންޖެހޭނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ