އިސްލާމީ ހަމަތަކާއި އާންމު އިޖުތިމާއީ މިންގަނޑުގެ ތެރެއިން އީދު ފާހަގަކުރަން އެލްޖީއޭއިން ގޮވައިލައިފި
އިސްލާމީ ހަމަތަކާއި އާންމު އިޖުތިމާއީ މިންގަނޑުގެ ތެރެއިން އީދު ފާހަގަކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ސިޓީތަކުގެ މޭޔަރުންނަށާއި އަތޮޅު އަދި ކައުންސިލް ރައީސުންނަށް ގޮވައިލައިފިއެވެ. އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް ސޮއިކުރައްވާ ސިޓީތަކާއި ރަށު އަދި އަތޮޅު ކައުންސިލްތަކަށް ފޮނުއްވި ސިޓީއެއްގައި ވަނީ، ކައުންސިލުން ފާހަގަކުރާ ދުވަސްތަކުގެ ތެރެއިން އެންމެ ކުލަގަދަކޮށް ފާހަގަކުރާ އެއް ދުވަހަކީ އީދު ދުވަސް ކަމަށެވެ. އީދަކީ ދީނީ ގޮތުން އިސްލާމީ އުންމަތުގައި ވެސް ކުލަގަދަކޮށް ފަހަގަކުރާ ދުވަހަކަށްވާއިރު، މިއީ ރަށުގެ އެއްބައިވަންތަކަމާއި އިޖުތިމާއީ ގުޅުން ވެސް ބަދަހިކޮށްދޭ ކަމެއްކަމަށް އެ ސިޓީގައި ވެއެވެ. މި ސިޓީގައި ވަނީ އީދު ފާހަގަކުރަނީ އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތައް ދިރުވައި އާލާކުރުމާއި ދިވެހި ސަގާފަތް ދިރުވައި އާލާކުރުމުގެ މަގުސަދުގައި ކަމަށެވެ. "އެހެންކަމުން ކައުންސިލުތަކުން އީދު ފާހަގަކުރުމުގައި އިސްލާމީ ހަމަތާކާއި އުޞޫލުތަކުގެ ތެރެއިން ކަންކަން ކުރުމަކީ ކައުންސިލުތަކަށް ގާނޫނުން މަތިކޮށްފައިވާ ދީނީ އެއްބައިވަންތަކަން ގާއިމް ކުރުމުގެ ޒިންމާގެތެރޭން ކުރައްވަންޖެހޭ ކަމެއްކަމުގައި މި އޮތޯރިޓީން ދެކެމެވެ،" އެ ސިޓީގައި ވެއެވެ. އެލްޖީއޭއިން ވަނީ، އީދު ފާހަގަކުރުމަށް ކައުންސިލްތަކުން އިންތިޒާމުކުރާ ހަރަކާތްތަކަކީ ދީނުގެ އިމުން ބޭރުނުވާނެ ހަރަކާތްތަކެއްކަން ކަށަވަރު ކުރުމަށް ގޮވައިލައިފައެވެ. އަދި މި ހަރަކާތްތައް ހިންގުމުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު ނުވާނެހެން ކަންކަން އިންތިޒާމު ކުރުމަށް ވެސް ވަނީ ގޮވައިލައިފައެވެ. މިދިޔަ ހޯމަ ދުވަހު ލޯކަލް ގަވަނަންސް މިނިސްޓްރީން ވެސް ވަނީ އިސްލާމްދީނުގައި ހުއްދަ ކުރައްވާފައިވާ ގޮތުގެ މަތިން ރާއްޖޭގެ ސިޓީތަކާއި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ޢީދުގެ ކަންކަން ކުރިއަށް ގެންދާކަން ކަށަވަރުކުރަން ދައުލަތުގެ ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާއަކަށް ގޮވައިލައިފައެވެ. މި އަހަރުގެ އަޟްހާ ޢީދު ސަރުކާރުން ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ ތިން ރަށަކީ، ލ. ގަމާއި، ކ. ގުރައިދޫ އަދި ހއ. ކެލާއެވެ. ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ މިދިޔަ އަހަރު އީދު ލައިޓް ފޮނުވި 29 ރަށާއި މި އަހަރުގެ ފިތުރު އީދުގައި ލައިޓް ފޮނުވި 36 ރަށާއެކު ޖުމްލަ 65 ރަށުގައި އީދު ލައިޓް ދިއްލާނެކަމަށް ބެލެވެއެވެ. އީދު ފަދަ، ދީނުގައި ކަނޑައަޅުއްވާފައިވާ މުނާސަބަތުތައް ކުލަގަދަކޮށް ފާހަގަކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ފަހުން މިހާތަނަށް ފާހަގަކުރި އީދުތަކުގައި ސަރުކާރުން ބައިވެރިވެގެން މާލެ ސަރަހައްދާއި އެކި ރަށްރަށުގައި ކުލަގަދަކޮށް އީދު ފާހަގަކުރުމަށް ތަފާތު ހަރަކާތްތައް ބާއްވައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ