ދިވެހި ސަގާފީ ލިބާހުގައި ފަރާ ދިވެހީންނަށް ރައްދުކޮށްލީ ޢީދުގެ ތަހުނިޔާގެ މެސެޖު

ދިވެހިރާއްޖޭގެ ރަށްފުށުގެ ދިރިއުޅުން ތަޖުރިބާކޮށް ދިވެހީން ޢީދުގެ އުފާ ފާހަގަކުރާ ގޮތް ބަލައިލުމަށް ރާއްޖެ ޒިޔާރަތްކޮށްފައިވާ ބޮލީވުޑްގެ ޑައިރެކްޓަރު ފަރާ ޚާން ދިވެހި ލިބާހުގައި ރާއްޖޭގެ ރައްޔިތުންނަށް ޢީދުގެ ތަހުނިޔާ ފޮނުވައިފިއެވެ. ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރަމުން އަންނަ އެމްއެމްޕީއާރުސީގެ ސޯޝަލް މީޑިއާގައި ކޮށްފައިވާ ވީޑިއޯ ޕޯސްޓެއްގައި ފަރާ ފެންނަނީ ރަތް ކުލައިގެ ދިވެހި ލިބާހެއްގައެވެ. ދިވެހި ލިބާހާއެކު ފަށްޓަރު ބަޔާއި ފޭލި އަނދެފައިވާ ކުޅަދާނަ ކޮރިއަގްރާފަރު ވަނީ އިންޑިއާގެ ރައްޔިތުންގެ ފަރާތުން ދިވެހި ރައްޔިތުންނަށް ވަރަށް އުފާވެރި ޢީދަކަށް އެދޭކަމަށް ބުނެ ތަހުނިޔާގެ މެސެޖެއް ފޮނުވާފައެވެ. ފަރާ ޚާން އޭނާގެ ކްރޫއިންނާ އެކު ރާއްޖޭގައި--ފޮޓޯ/އިންސްޓަގްރާމް ފަރާ ޚާންގެ އަމިއްލަ ސޯޝަލް މީޑިއާގައި ވެސް އޭނާ ވަނީ ރާއްޖޭގެ ރިސޯޓެއްގައި ދިވެހި ލިބާހުގައި ނަގާފައިވާ ފޮޓޯތަކެއް ހިއްސާކޮށްފައެވެ. އެގޮތުން ފަރާއާ އެކު ރާއްޖެ އައިސްފައިވާ އޭނާގެ ކްރޫއާ އެކު ނަގާފައިވާ ފޮޓޯއެއް ވެސް ހިމެނެއެވެ. މި ފޮޓޯގައި ފަރާއާ އެކު ބައިވެރިވި އޭނާގެ ކައްކާ ދިލިޕް ވެސް ފެންނަނީ ދިވެހިވަންތަ ހެދުމެއްގައި ހުރިތަނެވެ. ދިލިޕް ފަރާއާ އެކު ރާއްޖެއަށްކުރި މި ދަތުރަކީ އިންޑިއާއިން ބޭރަށް އޭނާ ކުރި ފުރަތަމަ ދަތުރެވެ. އެހެންވެ އެކަމުގެ އުފަލުގައި ފުރުމުގެ ކުރިން ދިލިޕް ވަނީ މުމްބާއީގެ އެއާޕޯޓުގައި އެވަގުތު ތިބި މީޑިއާ ރިޕޯޓަރުންނަށް ޗޮކްލެޓު ވެސް ބަހާފައެވެ. View this post on Instagram A post shared by Maldives Marketing & Public Relations Corporation (@mmprc) އެމްއެމްޕީއާރުސީއިން ކުރިން ބުނެފައިވާ ގޮތުގައި ފަރާގެ މި ދަތުރުގައި ރާއްޖޭގައި ބޮޑު ޢީދު ފާހަގަކުރާ ގުޅޭގޮތުން ޚާއްސަ ޑޮކިއުމެންޓްރީއެއް ތައްޔާރުކުރާނެއެވެ. މި ޑޮކިއުމެންޓްރީއަށް ބޭނުންވާ މަންޒަރުތައް ޝޫޓުކުރުމުގެ މަސައްކަތް ފަރާގެ ޓީމުން މި މަހުގެ އަށްވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާނެ ކަމަށް އެމްއެމްޕީއާރުސީއިން ވަނީ ބުނެފައެވެ. އިންޑިއާގެ އެންމެ މަގުބޫލު ޑައިރެކްޓަރު އަދި ކޮރިއަގްރާފަރު ފަރާ ޚާން ވަނީ މީގެކުރިންވެސް އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ