ހަނގުރާމައިގެ ސަބަބުން ދިމާވާ ދަތިތަކަށް އަޅާ ފިޔަވަޅުތައް ދެނެގަންނަން ގަރާރެއް

އީރާނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކޮށްފާނެ އަސަރަކާ ގުޅިގެން އެފަދަ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން ދުރާލައި އަޅަންޖެހޭ ފިޔަވަޅުތަކާ ދޭތެރޭ ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް ހާމަކުރުމަށްޓަކައި ގަރާރެއް ހުށަހަޅައިފިއެވެ."ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި" ސިފަކޮށް މީކާއިލް ހުށަހެޅުއްވި ގަރާރުގައި، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމަ އެ ސަރަހައްދުގެ އިތުރު ގައުމުތަކަށް ފެތުރި، އެތަކެއް ދުވަސްތަކެއް ދިގުލައިގެން ދިޔުމުގެ ފުރުސަތު އެބައޮތް ކަމަށް ބަޔާންކުރައްވާފައި ވެ އެވެ.ރާއްޖެއަކީ ގިނަ މުދާ އިމްޕޯޓުކޮށް، ޓޫރިޒަމަށް ބަރޯސާވާ ގައުމަކަށް ވާތީ، މި ފަދަ ހާލަތްތަކުގައި އެންމެ ފުރަތަމަ އަސަރުކުރާ ސިނާއަތަކީ ޓޫރިޒަމް ކަމަށް ވެސް ގަރާރުގައި ބަޔާންކޮށްފައި ވެ އެވެ.މެދު އިރުމަތީގައި ހަނގުރާމަ ދިގުލައިގެން ދާނަމަ، ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އުފުލާ ގަތަރު އެއާވޭސް އާއި އެމިރޭޓްސް އެއާވޭސްގެ ދަތުރުތައް މަޑުޖެހުމުގެ ފުުރުސަތު ވެސް ބޮޑު ކަމަށް މީކައިލްގެ ގަރާރުގައި ވެ އެވެ.ގަރާރުގައި ވަނީ އަސާސީ ހިދުމަތްތަކަށް ބޭނުންވާ ތެލާއި ގޭސް ފަދަ ތަކެތި މެދުނުކެނޑި އެތެރެ ކުރެވޭނެކަން ކަށަވަރު ކުރުމާއެކު ބޭހާއި ކާޑުގެ ބާވަތްތަކާއި އަދި ތުއްތުކުދިންގެ ކާނާ ފަދަ ކޮންމެހެން ބޭނުންވާ ތަކެތި ހުސްނުވެ ރައްޔިތުންނަށް ލިބެން ހުންނާނެކަން ކަށަވަރު ކުރުމަށްޓަކައި ފިޔަވަޅުތައް އެޅުމަކީ ސަރުކާރުގެ މައްޗަށް ލާޒިމު ކަމެއް ކަމަށް ބުނެފަ އެވެ.މި ގަރާރު ހުށަހެޅީ "ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި" މި އޮތް ހާލަތުގައި އަންނަން ހުރި ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން ދުރާލައި އަޅަންޖެހޭ ފިޔަވަޅުތަކާ ދޭތެރޭގައި ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް ހާމަކުރުމަށްޓަކައި ވަނީ ބުނެފަ އެވެ. ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އެކަމުގެ އަސަރު އެކި ގޮތް ގޮތުން މިހާރު ފޯރަން ފަށާފައިވާ ކަމަށާއި އެކަމުގެ އަސަރު ކުޑަކުރަން މިހާރުން މިހާރަށް މަސައްކަތްކުރަން ޖެހޭ ކަމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވެސް މި ފަހުން ވަނީ ގޮވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ