ހޮރުމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ބިރު | ތެޔޮ ފީފާއެއް 80 ޑޮލަރާ ގާތަށް

ހޮރުމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ 20 ޕަސެންޓް ދަތުރުކުރާ މަގެވެ. އަދި އޭޝިއާއަށް އަންނަ ތެލުގެ 80 ޕަސެންޓު ދަތުރުކުރާ މަގެވެ. އެހެންވެ މީގެ ސަބަބުން އޭޝިއާއަށް ކުރާ އަސަރު ބޮޑުވާނެ އެވެ.
އީރާނުގެ ނިއުކްލިއަ ޕްލާންޓްތަކަށް އެމެރިކާއިން ހަމަލާ ދިނުމާއެކު، ދުނިޔޭގެ ތެލުގެ މައި މަގު ހޮރުމޫޒް ކަނޑުއޮޅި ބަންދުކޮށްފާނެ ކަމަށް ބެލުމުން ތެލުގެ އަގު ފީފާއެއް 80 ޑޮލަރާ ގާތަށް ޖެހިލައިިފި އެވެ. 
އީރާނުގެ ތިން ނިއުކްލިއަ ޕްލާންޓަކަށް އެމެރިކާގެ ބޮޑުބޮން އެޅުމާއެކު އީރާނުގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ ވަނީ ހޮރުމޫޒް ކަނޑުއޮޅި ބަންދު ކުރުމުގެ ފެހި ސިގްނަލް ދީފަ އެވެ. މީގެ ސަބަބުން ދުނިޔޭގެ ހިއްސާގެ ބާޒާރުތަކަށް ލޮޅުން އަރާފައިވާއިރު ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 79.45 ޑޮލަރަށް އުފުލިފަ އެވެ. އަދި އެމެރިކާގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ގާތްގަނޑަކަށް 3.18 ޕަސެންޓުގެ އުފުލުމަކާއެކު ވަނީ 76.19 ޑޮލަރަށް މައްޗަށް ޖެހިލާފަ އެވެ.  
ތެލުގެ އަގު ހަލުވިކަމާއެކު މައްޗަށް އުފުލެމުންދާއިރު އީރާނުން ރަސްމީކޮށް ހޮރުމޫޒް ކަނޑުއޮޅި ބަންދުކޮށްފިނަމަ ދުނިޔެ އަށް ބޮޑެތި މައްސަލަ ތަކެއް ކުރިމަތިވާނެ އެވެ. ހާއްސަކޮށް މިކަމުގެ ސަބަބުން ތެލަށް ބަރޯސާވެފައިވާ ގައުމުތަކަށް މީގެ ތަދު ބޮޑުވާނެ އެވެ. އެމެރިކާގެ އެނާޖީ އިންފޮމޭޝަން އެޑްމިނިސްޓްރޭޝަނުން ބުނެފައިވާ ގޮތުގައި ހުރުމޫޒް ކަނޑުއޮޅިއަކީ ދުވަހަކު 20 މިލިއަން ފީފާ ތެޔޮ ދުނިޔޭގެ ބޭނުންކުރާ މަގެކެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތެލުގެ މުއްސަނދި މެދުއިރުމަތިން ދަތުރުކުރާ ތެލުގެ 20 ޕަސެންޓުގެ މިންވަރު ހުރަސްކުރާ މުހިންމު މަގެވެ. އަދި ތެލުގެ އިތުރުން މި މަގަކީ ދުނިޔޭގެ ލިކުއިފައިޑް ގުދުރަތީ ގޭހުގެ މުއްސަނދި ގަތަރުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ ގޭސް ބޯޓުތަކުގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި ވެސް ދަތުރުކުރާ މަގެވެ. 
އީރާނުން ހޮރުމޫޒް ކަނޑުއޮޅި ބަންދުކޮށްފިނަމަ ދުނިޔޭގައި ތެލުގެ އަގު އަތް ނުފޯރާ ފަށަށް އުފުލިދާނެކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރާ ސައުދީ އަރަބިއްޔާ އިން މިދިޔަ އަހަރު ހޮރްމޫން ކަނޑުއޮޅި ހުރަސްކޮށް ދުވާލަކު 5.5 މިލިއަން ފީފާގެ ތެޔޮ ބޭރުކޮށްފައިވެ އެވެ. މިއީ އެ ގައުމުން ބޭރުކުރާ ތެލުގެ 38 ޕަސެންޓެވެ. މިއީ އެންމެ ބިރުވެރިއެއް ކަމެވެ. 
ތަޖުރިބާކާރުންގެ ނަޒަރުގައި ހޮރުމޫޒު ކަނޑުއޮޅި ބަންދުކޮށްފިނަމަ ދުނިޔެ އަށް ގެއްލުންވުމުގެ މައިގަނޑު ސަަބަބަކީ ގަލްފުން ބޭރުކުރާ ތެޔޮ ބޮޑުބައި ކުރު މަަގަން ގެންދެވޭނެ އިތުރު މަގެއް ނެތުމެވެ. އީރާނުގެ އައްސޭރި ފަށުގައި އޮންނަ ހޮރުމޫޒް ކަނޑުއޮޅީގެ މި މަގަކީ ރާއްޖެއަށް އަންނަ ތެލުގެ ވެސް މައި މަގެވެ. މި މަގަކީ  ޗައިނާ އާއި އިންޑިއާ އަދި ޖަޕާން އާއި ދެކުނު ކޮރެއާގެ ފަދަ އޭޝިއާގެ ބޮޑެތި އިގްތިސޯދުތަކުން ބޭނުންކުރާ ތެލުގެ 84 ޕަސެންޓު ވެސް ދަތުރުކުރާ މަގެވެ. 
އެހެންވެ މި މަގު ބަންދުކޮށްފިނަމަ ދުނިޔޭގެ އިގްތިސޯދު އިތުރަށް ގޯސްވެ، އާއްމުންގެ އަތްމަތި ދަތިވާނެ އެވެ. ލުބުނާނުގެ ޔުނިވާސިޓީގެޕްރޮފެސަރެއް ކަމަށްވާ ޖަސެމް އަޖާކާ އަރަބްނިއުސްގައި ވިދާޅުފައިވާ ގޮތުގައި ހޮރުމޫޒް ކަނޑުއޮޅި ބަންދުކުރާ ދުވަހު ތެޔޮ ފީފާއަކުން 25 ޑޮލަރުގެ އުފުލުމެއް އައިސް ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް އުފުލިގެންދާނެ އެވެ. އަދި ތެލަކީ އެންމެ އަސާސީ އެއް މުދާ ކަމަށްވުމާއެކު ތެލުގެ އަގަށް އަންނަ މި ބަދަލާއެކު ތަކެތީގެ އަގުތައް ވެސް މައްޗަށް ޖެހިލާނެ އެވެ. އަދި މިއީ ދުނިޔޭގެ އިގްތިސޯދަށް އަންނާނެ ބޮޑު ލޮޅުމަކަށްވާނެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ