ކަލާ ފެނިލުމުން... 47
އެހެން އިނދެފައި އަފްނާން އިސް އުފުލައިލި ވަގުތު، ތަންކޮޅެއް ދުރުން ނަމަވެސް، ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ. އެ ހިނދު އަފްނާންއަށް ވެސް އެހެން ދިމާލަކަށް ނަޒަރު އަނބުރާލުމަކީ ނާދިރުކަމަކަށް ވެއްޖެއެވެ. މައުވާއަށް ބަލަހައްޓައިގެން އޭނާއަށް ވެސް އިނދެވުނީއެވެ. މައުވާގެ ފަރާތުން އޭނާއަށްޓަކައި ބޭޤަރާރުވެފައިވާ ފަދަ އަސަރުތަކެއް ފެނޭތޯ އަފްނާން އެ މޫނުމަތި ދިސާރާ ކުރަމުން ދިޔައެވެ. މައުވާ ނުފެނުމުން ހަމައެކަނި ހިތަށް ތަދުވެ އުނދަގޫވަނީ އޭނާއަށް ހެއްޔެވެ؟ ދުރުގައި ހުންނަން އެހާ އުނދަގޫވަނީ ހަމައެކަނި އޭނާއަށް ހެއްޔެވެ؟ މައުވާގެ ހިތަށް ހަމަ އެކައްޗެއްވެސް ނާރަނީ ހެއްޔެވެ؟ އޭނާއަށް މައުވާ ފެނިލުމުން އެވާ ގޮތްތައް ކުޑަކޮށްވެސް މައުވާއަށް ނުވަނީ ހެއްޔެވެ؟ އެފަދަ ޚިޔާލުތަކާ ޝަކުވާތަކުގެ ސަބަބުން އަފްނާންގެ ހިތުގައި ރިއްސައިލިއެވެ. އެ ވޭން ނާރުތަކުގައި ނައުރުވާން ފެށިހެން ހީވާން ފެށުމާއެކު، މެއަށް ވީ ތަދާއެކު އަފްނާން މައުވާއާ ނަޒަރު ވަކިކޮށްލިއެވެ. އިސްޖަހައިލެވުނީ މައުވާއަށް އެގޮތަށް ބަލަހައްޓައިގެން އިންނަން ކެތްނުކުރެވުނު ފަދައަކުންނެވެ. ދުރުން ނަމަވެސް މައުވާ ފެނުމުން ހިތްހަމަޖެހުމެއް ހިތަށް ލިބުނު ނަމަވެސް، އޭނާގެ ނަފްސުގެ ނުތަނަވަސްކަމަށް ހައްލެއް ނުލިބުނީ މައުވާ އެ އިން ޙާލަތުގެ ސަބަބުންނެވެ. އެކްސިޑެންޓަށްފަހު، އަނބުރާ ކުރީގެ ދިރިއުޅުމަށް އިއާދަވާން އަދިވެސް ދުވަސް ނަގާނެކަން އެނގުމުން އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އެ ހުރިހާކަމަކީ ހަމަ އޭނާގެ ސަބަބުން ވީ ކަންތަކެވެ. އެރޭ އެ ގޮތަށް ކަންތައް ނުކުރެވުނު ނަމައެވެ. އެހެންވެއްޖެނަމަ، މިއަދު އެ ދެމީހުން އުޅުނީހީ ވަރަށް އުފަލުގައެވެ. އެންމެ ފުރަތަމަ އޭނާއާއި ނަޒަރު ވަކިކޮށްލަމުން އަފްނާން، އިސްޖަހައިލިތަން ފެނި މައުވާގެ ހިތުގައި ވެސް ރިއްސައިލިއެވެ. އަފްނާން އެތަނުގައި އެ އިނީ ކީއްވެގެން ހެއްޔެވެ؟ އެ އައީ އޭނާއާ ބައްދަލުކުރާކަށް ނޫން ހެއްޔެވެ؟ ވީއިރު އެތެރެއަށް ނުވަނީ ކީއްވެހެއްޔެވެ؟ އެއީ މީގެ ކުރިން އަފްނާންގެ ފަރާތުން އޭނާއަށް ފެނުނު އަސަރުތަކެއް ނޫނެވެ. ކުރިން އޭނާ ބުނި ބަސްތަކުގެ ސަބަބުން ވަންނަން ނުކެރުނީ ހެއްޔެވެ؟ އެހެން ހިތަށް އެރުމުން މައުވާގެ ހިތުގައި ތޫނު ރިހުމެއް އުފެދުނެވެ. ކުށްވެރިއެއް ފަދައިން އޭނާއާ ނަޒަރު ވަކިކޮށްލިތަން ފެނި، މައުވާއަށް މެއާ ދިމާލުގައި އަތް ޖައްސައިލެވުނެވެ. އަފްނާންއަށް ނޭނގުނު ނަމަވެސް އަފްނާންއެކޭ އެއްގޮތަށް އޭނާގެ ހިތްވެސް ވަނީ އަފްނާން ދުށުމަށް ބޭޤަރާރުވެފައެވެ. އަފްނާން ދުށުމަށް ކިތަންމެ ދުވަހަކު އޭނާވެސް ބޭނުންވެއެވެ. އެ ހުރިހާކަމެއް އޭނާއަށް ހާމަކޮށްދެމުން ދިޔައީ އޭނާ މިއަދު ކިތަންމެ ނޫންކަމަށް ހެދުނު ނަމަވެސް އަދިވެސް ހަމަ އެހާވަރަށް އަފްނާން ދެކެ ލޯބިވާކަމެވެ. އަފްނާންއަށް އެދޭކަމެކެވެ. ވީ ބޭޒާރަށްފަހުވެސް އަފްނާންގެ ލޯބި އޭނާގެ ހިތުން ފުހެނުލެވޭކަމެވެ. އަފްނާންއާ ނަޒަރު ވަކިކޮށްލަން ނޭނގިފައި އިން މައުވާއަށް ސިހުން ލިބުނީ އޭނާގެ ގާތަށް އައިސް ނަރުސްކުއްޖާ ހުއްޓުމުންނެވެ. ގޮނޑި ދުއްވައިލުމާއެކު މައުވާއަށް ވެސް އިސްޖަހައިލެވުނެވެ. އޭނާއަށް ސިފަވެގެން ދިޔައީ އަފްނާން އިސްޖަހައިލި މަންޒަރެވެ. ހިތުގެ ވިންދުން މައުވާއާ ވާހަކަ ދައްކަން ފެށިއެވެ. އަފްނާން އެވަރަށް ދެރަކޮށްގެން އޭނާއަށް މިހާރު ލިބެނީ ކޮން ފައިދާއެއްހެއްޔޭ ހިތުގެ ކަނަކުން އޭނާގެ ގާތުގައި ސުވާލުކޮށްލި ހިނދު، މައުވާއަށް ލަސްލަހުން ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. އެ ފަދަ ގޮތަކަށް ވިސްނަން ބޭނުން ނުވިޔަސް ހިތުރެރޭގައި ވާ ލޯބި ދިޔައީ އެ ހުރިހާކަމަކަށް ހުރަސްއަޅަމުންނެވެ. އިންސާނާގެ ހިތަކީ ވެސް ހާދަ އަޖައިބުކުރުވަނިވި އެއްޗެކެވެ. އެހިތަށް ވިސްނައިދޭން އެހާ އުނދަގޫވަނީ ކީއްވެގެން ހެއްޔެވެ؟ ދޭ އިންޒާރުތައް ޤަބޫލުނުކުރަނީ ކީއްވެހެއްޔެވެ؟ ދުރަށް ދާން މަސައްކަތްކުރާ ވަރަކަށް އިޙްސާސްތަކަށް ބާރު ފޯރުވަން އުނދަގޫވާ މިންވަރަށް ޖަޒުބާތުތައް އުތުރެނީ ކީއްވެހެއްޔެވެ؟ ފިޒިއޯތެރަޕީ ޑިޕާރޓްމެންޓާ ދިމާލަށް ދެވެންދެންވެސް މައުވާއަށް އިނދެވުނީ އެފަދަ ޙިޔާލުތަކެއްގައެވެ. ނަރުސްކުއްޖާ ފައިލް ގެންގޮސް ތެރަޕިސްޓާ ހަވާލުކުރިއިރުވެސް ވަށައިގެންވީ އެއްވެސް ކަމަކަށް މައުވާއަކަށް ސަމާލު ކަމެއް ނުދެވުނެވެ. އަފްނާންގެ މޫނުމަތިން ފެނުނު ހިތް ހަލާކުވާފަދަ އަސަރުތައް އޭނާގެ ހިތަށް ވަނީ ވަރުގަދަ ތޫފާނެއް ގެނުވައިފައެވެ. "މައުވާ…" ޚިޔާލުގެ ދުނިޔޭގެ ތެރެއަށް ފީނަމުން ދިޔަ މައުވާއަށް ސިހުން ލިބުނީ ދާދިގާތުން އޭނާގެ ނަމުން ގޮވައިލުމާއެކުއެވެ. "ހުމް ހޫމް…" މައުވާއަށް ބުނެވުނެވެ. އިސްއުފުލައިލުމާއެކު، ލޮލުގައި އަޅައިގަތީ އޭނާގެ ކުރިމަތީގައި ހުރީ ޒުވާން އަންހެން ކުއްޖާއެވެ. އެއީ މީގެ ކުރިން އޭނާއަށް އެތަނުން ފެނުނު ކުއްޖެއް ނޫނެވެ. އަދި އެއީ އޭނާގެ ތެރަޕިސްޓެއްވެސް ނޫނެވެ. ހައިރާންކަމާއެކު އެ ކުއްޖާއަށް ބަލަހައްޓައިގެން މައުވާއަށް ހުރެވުނީ އެހެންވެގެންނެވެ. ލާފައިވާ ފެހިކުލައިގެ ސްކްރަބްގެ ޖީބާ ދިމާލުގައި އިން ނަމަށް އޭނާގެ ނަޒަރު ދަތުރުކޮށްލިއެވެ. "ރައްޔާ…." މައުވާ ހިތާ ހިތުން އެ ނަން ކިޔައިލިއެވެ. އޭނާ ރައްޔާއަށް ބަލައިލިއިރު ރައްޔާ ހުރީ ހިނިތުންވެލައިގެންނެވެ. "ހައި….އައި އެމް ރައްޔާ. އައިލް ބީ ޔޯ ފިޒިއޯ ތެރަޕިސްޓް، ފްރޮމް ޓުޑޭ އޮންވާރޑްސް…" ރައްޔާ އޯގާތެރިކަމާއެކު ވާހަކަ ދެއްކިއެވެ. ދެންވެސް މައުވާއަށް ސުވާލުވެރި ނަޒަރަކުން ބަލަހައްޓައިގެން އިނދެވުނެވެ. އޭނާއަށް ނޭނގި ފިޒިއޯތެރަޕިސްޓް ބަދަލުކުރީ ކީއްވެގެން ބާއޭ ހިތުގައި ދުވާލު އުފެދުނީ މީގެ ކުރިން ދުވަހަކުވެސް އޭނާގެ ޕިޒިއޯތެރަޕިސްޓް ބަދަލުވެފައި ނުވާތީއެވެ. "މީ… މައި ފިރިޒޯތެރަޕިސްޓް ކޮބާތޯ؟" މައުވާއަށް ސުވާލުކޮށްލެވުނެވެ. "އިންފޯމް ނުކުރެވިތަ އިނީ؟ މީ… އަމް. މައުވާގެ ފިޒިއޯތެރަޕިސްޓް ހުރީ ދިގު ޗުއްޓީއެއްގަ.. ޝީވިލްވީ އަވޭ ފޯ ތްރީ ޓު ފޯ މަންތްސް. އެހެންވެ ބަދަލުކޮށްލަން ޖެހުނީ.…" މައުވާގެ ސުވާލަށް ރައްޔާ ޖަވާބު ދިނެވެ. "އޯހް… އޯކޭ…" މައުވާ ހަމައެކަނި ބުނެލީ އެހެންނެވެ. "ކިހިނެއްވީ؟ އާރ ޔޫ އޯކޭ؟ އެހެން ތެރަޕިސްޓަކަށް ޗޭންޖްކޮށްލަންވީތޯ؟" ރައްޔާ ސުވާލުކޮށްލިއެވެ. "ނޫން. އިޓްސް އޯލްރައިޓް." މައުވާ ހިނިތުންވެލިއެވެ. "ނުބުނެވުނީމަ ދޯ… މިކޮޅުގެ މައްސަލައެއް…ސޮރީ…" ރައްޔާ މަޑުމައިތިރިއަޑަކުން އެހެން ބުނެލާފައި ހިނިތުންވެލިއެވެ. އަދި އޭނާ މައުވާ ގޮވައިގެން ސެޝަން ކުރިއަށް ގެންދިޔުމަށްޓަކައި ދިޔައެވެ. ސެޝަންގައިވެސް ދޭން ޖެހޭ ސަމާލުކަން އެންމެ ފުރިހަމައަށް މައުވާއަށް ދެވޭ ގޮތްނުވީ އަފްނާންގެ ހަނދާންތައް އިރުއިރުކޮޅަކުން ވެރިވަމުން ދިޔައީތީއެވެ. ސިކުނޑީގެ ތެރޭގައި ދައުރުވަމުން ދަނީ އަފްނާން އިސްޖަހައިލި މަންޒަރުގެ ހަނދާންތަކެވެ. އެ ދެލޮލުން ފެނުނު ހިތްހަލާކުވާފަދަ ނަޒަރެވެެ. އެގޮތުގައި ސެޝަން ނިމުމުން އޭނާ ވޯރޑަށް ގެންދަންވެގެން ވެސް އައީ ކުރީގައި އައި ވޯރޑް ބޯއީއާ ނަރުސްކުއްޖާއެވެ. އެ ދިޔަ ދިޔުމުގައިވެސް މައުވާގެ ހަނދާންތައް ގުޅެމުން ދިޔައީ އަފްނާންއާއެވެ. ވޯރޑާ ކައިިރިވީވަރަކަށް ހިތުގެ ތެޅުންވެސް އަވަސްވެލައިފިއެވެ. އަފްނާން އެތަނުގައި އަދިވެސް އިންނާނެހެއްޔެވެ؟ އޭނާއަށް އިންތިޒާރުކޮށްފާނެ ހެއްޔެވެ؟ ވޯރޑަށް ވަނުމާއެކު މައުވާގެ ނަޒަރު އެންމެ ފުރަތަމަވެސް ދަތުރުކުރީ، އަފްނާން އިން ގޮނޑިބަރިއާ ދިމާލަށެވެ. އުންމީދީ ނަޒަރު މާޔޫސްކަމަށް ބަދަލުވީ އޭނާގެ ލޮލުގައި އަފްނާން އަޅައިނުގަތުމުންނެވެ. ވަށައިގެން މުޅި ތަނަށް އަަވަސް ކަޅިއެއް ހިންގާލެވުނީވެސް އެއިން ކޮންމެވެސް ތަނަކު އަފްނާން ހުންނާނެކަމުގެ އުންމީދާއެކުގައެވެ. އެހެންނަމަވެސް އެއީ އޭނާގެ ވަހުމެއްކަމަށް ވިސްނުމާއެކު މައުވާ އިސްޖަހައިލިއެވެ. ދެއަތް ދެއަތާ މޮޑެވެން ފެށިއިރު އޭނާ ފެންކަޅިވާގޮތްވެސް ވިއެވެ. ކިތަންމެ ނޫންކަމަށް ހެދުނު ނަމަވެސް، އަފްނާންއަކީ އޭނާގެ ހިތުގައި އެދުވަހުން ފެށިގެން މިއަދާ ހަމަައަށްވެސް ރަސްކުރަންމުން ދާ ޒުވާނާއެވެ. އެހިތުން ހަމަ އެކަނި ޖާގަ ދެވުނު ޒުވާނާއެވެ. ލޯތްބަކީ ކޮބައިކަމާއި އެ ޖަޒުބާތުތަކުގެ ފުންކަން އޭނާއަށް އިޙްސާސްކޮށްދިނީ އަފްނާންއެވެ. އެހިތް ހަލާކުކޮށްލާ، ދުވަހަކު ނުފިލާނެ ފަދަ ޒަޚަމެއް ދިންނަމަވެސް، ލޯބީގެ މާނަ އޭނާއަށް ދަސްވީ އަފްނާންގެ ފުށުންނެވެ. ވޯރޑް ބޯއީ، މައުވާގެ ގޮނޑި ދުއްވާފައި އޭނާ އޮންނަ ރޫމާ ހިސާބަށް ގޮސް މަޑުޖެހިލީ ނަރުސްކުއްޖާ ދޮރު ހުޅުވާލަދެންނެވެ. އެވަގުތު މައުވާ ސިހުނީ އޭނާގެ ގާތަށް ހުއްޓުނު އިތުރު ނަރުހެއް އޭނާއަށް ގޮވައިލުމުންނެވެ. އެ ނަރުސް މައުވާއަށް ދިއްކޮށްލީ ފަތް ޖަހާލާފައިވާ ގަނޑުކޮޅެކެވެ. އެއާއެކު މައުވާގެ ހިތަށް އެންމެ ފުރަތަމަވެސް ވެރިވީ އަފްނާންގެ ނަމެވެ. "ތީ…." މައުވާ، ސުވާލުގެ ނަޒަރަކުން އެ ނަރުސްކުއްޖާއަށް ބަލައިލިއެވެ. "ތީ މައުވާއަށް ވިޒިޓްކުރި މީހެއް ގެނެސްދިން އެއްޗެއް. މައުވާއާ ހަވާލުކޮށްލާށޭ ބުނީ." ނަރުސްކުއްޖާ ބުންޏެވެ. އޭނާއަކީވެސް އާއްމުގޮތެއްގައި އެ ވޯރޑުގައި މަސައްކަތްކުރާ މީހަކަށްވީތީ އޭނާވެސް މައުވާ ދަނެއެވެ. "ތޭންކްސް." އެ ގަނޑުކޮޅުގައި ހިފުމާއެކު މައުވާއަށް އަފްނާން ފެންނަން ހުރިތޯ ވަށައިގެން މުޅި ތަނަށް އަނެއްކާވެސް ބަލައިލެވުނެވެ. އެހެންނަމަވެސް ކުރިއެކޭ އެއްގޮތަށް މާޔޫސްވުން ނޫންކަމެއް ނުވިއެވެ. ލަސްލަހުން ދޫކޮށްލި ފުންނޭވާއާއެކު، މައުވާ އޭނާގެ ޖަޒުބާތުތައް ހަމައަކަށް އަޅުވަން މަސައްކަތްކުރިއެވެ. ނަރުސްކުއްޖާ ދޮރު ހުޅުވާލުމުން ވޯރޑު ބޯއީ ގޮނޑި ދުއްވާލާ ރޫމް ތެރެއަށް ގޮނޑި ވައްދާލިއެވެ. އޭރު ރާމިޒާ ހުރީ ނަމާދަށެވެ. މައުވާ ގޮނޑިން ތެދުވެލުމަށްފަހު، ހިނގާލާފައި އެނދާ ހިސާބަށް ދިޔައިރު އޭނާގެ ފަަހަތުގައި ނަރުސްކުއްޖާ ހުއްޓެވެ. މައުވާއަށް ކަމެއް ވެދާނެތީ ސަމާލުވެގެން ހުރިކަން އޭނާގެ ހަރަކާތްތަކުންނާއި އެމޫނުމަތިން ފެންނަމުން ދިޔަ ސަމާލުކަމުން ދޭހަވެއެވެ. "އޯކޭ؟" މައުވާ އެނދުގައި އިށީނދެ ހަމަޖެހިލުމުން ނަރުއްކުއްޖާ ސުވާލުކޮށްލިއެވެ. "ޔާ." ހިނިތުންވެލާފައި މައުވާ އެހެން ބުނެލިއެވެ. ނަރުއްކުއްޖާ ދިޔައީވެސް މައުވާ އިތުރު ކަމަކަށް ބޭނުން ނުވާކަން ޔަޤީންކޮށްލާފައެވެ. އެ މަންޒަރު ބަަލަން އިނދެފައި މައުވާ ދެން ބަލައިލީ ނަމާދުކުރަން ހުރި ރާމިޒާއަށެވެ. ރާމިޒާ ހުރީ ހަށަމް ބަނދެގެންކަމުން، ހަމަޖެހުމުގެ ނޭވާއެއްދޫކޮށްލާފައި މައުވާ، އޭނާގެ އަތުގައި އޮތް ގަނޑުކޮޅު ނިއުޅުވާލިއެވެ. "ސޮރީ މައު. ވަރަށް ބޮޑަށް ސޮރީ. އަހަންނަށް އަހަރެންގެ ވަޢުދުގެ މަތީގައި ދެމިއެއް ނުހުރެވުނު. މައުއާ ބައްދަލުކުރަން ނާންނާނެމޭ ބުންޏަސް އެގޮތަށް ދުރުގައި ހުންނަން އަހަންނަށް ކެތް ނުކުރެވުނީ. އެނގޭ އަހަރެންގެ އެއްވެސް ބަހަކަށް މައުއަށް އިތުބާރު ނުކުރެވޭނެކަން. އެކަމަކުވެސް އައެމް ސޮރީ….މައު ފެނިލުމުން އެކަނިވެސް މިހިތަށް ހަމަޖެހުން ލިބޭ…. -އަފްނާން-" ގަނޑުކޮޅުގައި ލިޔެފައި އޮތް އެއްޗެއް ކިޔައިލުމާއެކު މައުވާގެ ހިތަށް ގޮތެއްވެގެން ދިޔައެވެ. އޭނާއަށް ޚިޔާލުކުރެވުނީ އޭނާގެ ކައިރީގައި އިންނަމަވެސް ދެރަވެފައި އަފްނާން އެ ޖުމްލަތައް ބުނާނެ ގޮތެވެ. އަފްނާންގެ އަޑުގައި ހުންނާނެ އަސަރެވެ. "އަހަރެން ވެސް ކިހިނެއް ބުނެދޭނީ އަހަންނަށް މިވާ ގޮތްތައް؟ ލޯބިވާކަށް ބޭނުމެއް ނޫން. އަލުން ފުރުސަތު ދޭން ބިރުގަނޭ. ޖެހިލުންވޭ… އެހެންވެ އަހަރެން އަފްނާންއަށް ދުރަށް ދާން މަސައްކަތް މިކުރަނީ…. އެކަމަކު… މިހިތެއް އެ އަޑެއް ނާހާ. އަފްނާންގެ ތި ހިތްދަތިކަން ފެނުމުން މިހިތަށް ކީއްވެތަ މިހާ ތަދުވަނީ؟ އަދިވެސް…. އަދިވެސް ކީއްވެތަ…. ކީއްވެތަ އަފްނާން ދެކެ އަހަރެން މިހާ ލޯބިވަނީ؟" މައުވާގެ ހިތުގައި އަފްނާންގެ ލޯބި ނޫނީ ނުވެއެވެ. އެހެން މީހަކަށް އެހިތުން ދުވަހަކު ޖާގަ ނުދެވޭ ވަރަށް އަފްނާންއަށްޓަކައި އެހިތުގައި ފުން ޖަޒުބާތުތަކެއް ވެއެވެ. އެކަމުގެ ސަބަބުން ދުވަހަކު އެ ލޯބި ހިތުން ފުހެލެވޭނެހެނެއް ހިޔެއް ނުވެއެވެ. އެހެން ނަމަވެސް އިތުރު ފުރުސަތެއް ދޭން އޭނާ ޖެހިލުންވަނީއެވެ. މައުވާއަށް އެ ގަނޑުކޮޅަށް ބަލަހައްޓައިގެން އިނދެވުނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އިރުކޮޅަކު އެހެން އިނދެފައި ނަމާދަށް ހުރި ރާމިޒާއަށް ބަލައިލުމަށްފަހު، އޭނާގެ ފޯނު ނަގާފައި އޭގެ ކަވަރު ދަށަށް އެ ގަނޑުކޮޅު ލިއެވެ. އަދި އޭނާ ރާމިޒާ ނިމެންދެން މަޑުކުރިއެވެ. ނަމާދުކޮށް ނިމިގެން މުސައްލަ ނަގާފައި ކަބަޑުމަތީގައި ބާއްވާލަމުން ރާމިޒާ މައުވާއާ ދިމާލަށް އެނބުރިލިއެވެ. އެވަގުތު ކޮންމެވެސް މީހަކު ރޫމުގެ ދޮރު ހުޅުވައިލިއެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ