ފައިނަލް ޑެސްޓިނޭޝަން ހިޓަކާ ދިމާލަށް
މި އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އެއް ފިލްމު ކަމަށްވާ "ފައިނަލް ޑެސްޓިނޭޝަން"ގެ އާ ފިލްމު ބޮކްސް އޮފީހުގައި ބޮޑު މަގުބޫލުކަމެއް ހޯދަން ފަށައިފިއެވެ. ފާޑުފާޑުގެ ބިރުވެރި ގޮތްގޮތަށް ކެރެކްޓަރުން މަރުވާ ފައިނަލް ޑެސްޓިނޭޝަންގެ ފިލްމެއް އެންމެ ފަހުން ރިލީޒްކޮށްފައިވަނީ 2011 ވަނަ އަހަރެވެ. މި ފިލްމުތަކުގައި އެކި ކަހަލަ ގޮތްގޮތަށް ތަފާތު މަރުތައް ދައްކާފައިވާއިރު އެތައް ބަޔަކަށް މި ފިލްމުތަކުން ވަނީ އާ ބިރުތަކެއް ފެނިގެން ގޮސްފައެވެ. އޭގެތެރޭގައި ލަކުޑި އުފުލައިގެން އެއްވެސް އުޅަނދެއް ދުއްވާނަމަ އޭގެ ފަހަތުން ނުދުއްވުމަށް ވަނީ ބިރެއް އުފެދިފައެވެ. މި މަގުބޫލު ކަމާއެކު ފްރެންޗައިޒްގެ އާ ފިލްމެއް ނެރޭކަން އިއުލާނު ކުރުމާއެކު ކުރީގެ އެތައް ފޭނުންނެއް ތިބީ ވަރަށް އުފަލުންނެވެ. ނަމަވެސް އާ ފިލްމުތަކާއެކު ކޮލިޓީ ވެއްޓޭ މައްސަލައާ ގުޅިގެން ކަންވެސް ބޮޑުވެފައި ގިނަ ބަޔަކު ތިއްބެވެ. ފިލްމުގެ ރިވިއުތައް އަންނަން ފަށާފައިވާއިރު ކްރިޓީކުންގެ މެދުގައިވެސް މި ފިލްމު ވަނީ މަގުބޫލުވެފައެވެ. އަދި ހަފުތާ ބަންދުގައި ފިލްމު ސިނަމާތަކުގައި ދައްކަން ފަށާފައިވާއިރު ބޮކްސް އޮފީހުގައިވެސް ހިޓަކަށް ވެދާނެ ކަމަށް މިހާރު ވަނީ އިޝާރާތް ކޮށްފައެވެ. ފިލްމުގެ ޕްރިމިއާ ފުރަތަމަ ރޭ އެކަނިވެސް ފައިނަލް ޑެސްޓިނޭޝަންގެ އާ ފިލްމު "ބްލަޑްލައިންސް" އަށް އެމެރިކާއިން އެކަނި ގާތްގަނޑަކަށް 48 މިލިއަން ޑޮލަރާ ގާތް ކުރާ އަދަދަކަށް އާމްދަނީ ލިބިފައިވާ ކަމަށް ބެލެވެއެވެ. މި އަދަދުތައް ކަށަވަރު ވެގެންދާނީ ހޯމަ ދުވަހާ ހިސާބުގައެވެ. ބްލަޑްލައިންގެ ކާސްޓަކީ ބްރެކް ބާސިންގާއާއި ޓޯނީ ޓޮޑާއި ރިޗާޑް ހާމަނާއި ކުއިންޓެސާ ސްވިންޑެލްއެވެ. އޮރިޖިލް ފިލްމުތަކުގެ އެއްވެސް ކާސްޓެއް މި ފިލްމުން ފެނުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް ޕްރޮޑަކްޝަނުން ބުނެއެވެ. މި ފިލްމު ޑައިރެކްޓުކޮށްފައިވަނީ ޒެކް ލިޕޮވްސްކީއާއި އެޑަމް ބީ ސްޓައިންއެވެ. އެކީގައި ފިލްމު އުފެއްދުމަށް މަގުބޫލު ދެ މީހުންނަކީ ފިލްމު ޑައިރެކްޝަނަށް ވަތްތާ މާ ގިނަ ދުވަސްތަކެއްވެފައިވާ ބައެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ