ޗެލްސީއަށް ކުޅެމުންދާ އެ ކްލަބުގެ ފޯވަޑް ޕޯޗުގަލްގެ ޖޮއާއޯ ފެލިކްސް ލޯނު އެއްބަސްވުމެއްގެ ދަށުން އިޓަލީގެ އޭސީ މިލާނަށް ބަދަލުވެއްޖެ އެވެ.
އުމުރުން 25 އަހަރުގެ ފެލިކްސް ޗެލްސީ އާއި ގުޅިފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް އިން 57.16 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރާންސްފަރ ފީއަކަށެވެ. ނަމަވެސް ދެވަނަ ފަހަރަށް ޗެލްސީ އާއި ގުޅުނު ފަހުން އޭނާއަށް ޗެލްސީގެ ޓީމުން ފުރުސަތު ލިބިފައިވަނީ މަދު ފަހަރެއްގެ މަތިންނެވެ.
ޗެލްސީ އާއި އަލަށް ގުޅުނު ފަހުން އޭނާ ފުރަތަމަ ޓީމުގައި ހިމެނިގެން ޕްރިމިއާ ލީގުގައި ކުޅެފައިވަނީ އެންމެ ތިން މެޗެވެ.
ފެލިކްސް އޭސީ މިލާނާއި ލޯނެއްގެ ދަށުން ގުޅިފައިވާއިރު އެ ޓީމުގެ ކޯޗަކަށް ހުރި ޕޯޗުގަލްގެ ސަރޖިއޯ ކޮންސެއިސާއޯ އަކީ ފެލިކްސް އަށް އައު މޫނެއް ނޫނެވެ. އެހެންކަމުން އެ ކްލަބުގައި އޭނާއަށް ރަގަޅު ކުޅުމެއް ދެއްކުމުގެ ފުރުސަތު ބޮޑުކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.
އިޓަލިއަން ސެރިއާ ގައި މި ހަފްތާގައި ވާދަވެރި އިންޓަރ މިލާނާއި ދެކޮޅަށް އޭސީ މިލާން ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
ސެރިއާގެ އަށް ވަނައިގައި މި ވަގުތު އޮތް އޭސީ މިލާނުން މިއަދު ނިކުންނާނީ އިޓާލިއަން ކަޕްގެ ކުއާޓާރ ފައިނަލުގައި އޭއެސް ރޯމާ އާއި ދެކޮޅަށެވެ.
ފެލިކްސް ލޯނެއްގެ ދަށުން އޭސީ މިލާނަށް ގެންގޮސްފައިވާއިރު އެ ކްލަބުން ވަނީ ދާދި ފަހުން ނެދަލޭންޑްސްގެ ފެނޫޑް އަށް ކުޅެމުންދިޔަ މެކްސިކޯގެ ފޯވަޑް ސެންޓިއާގޯ ޖިމިނޭޒް ހަތަރު އަހަރާއި ބައިގެ މުއްދަކަތަށް އެ ކްލަބަށް ސޮއި ކުރުވާފަ އެވެ.
އާޖެންޓީނާއަށް އުފަންވި ނަމަވެސް މެކްސިކޯގެ ރަށްވެހިކަން އޮންނަ ޖިމިނޭޒް 2022 ވަނަ އަހަރު ފެނޫޑް އާއި ގުޅުނު ފަހުން އެ ކްލަބަށް ކުޅުނު 105 މެޗުގައި އޭނާ ވަނީ 65 ލަނޑު ޖަހާފަ އެވެ. އަދި މެކްސިކޯގެ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 32 މެޗުގައި އޭނާ ވަނީ 4 ލަނޑު ޖަހާފަ އެވެ.
އިޓަލީގެ މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 23 އަހަރުގެ ޖިމިނޭޒް ހޯދުމަށް އޭސީ މިލާނުން ވަނީ 32.8 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްފަ އެވެ.
މީގެ އިތުރުން މެންޗެސްޓަރ ސިޓީ އަށް ކުޅެމުންދިޔަ ކައިލް ވޯކާ ވެސް ވަނީ މި ޖެނުއަރީ ޓްރާންސްފާ ގައި އޭސީ މިލާނަށް ބަދަލުވެފަ އެވެ.
ޗެލްސީގެ ފެލިކްސް ލޯނެއްގެ ދަށުން އޭސީ މިލާނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ