ދަރިކަލުންގެ ކަރާމާތް ނަގާލީ ސާޖިދާ ކަމަށް ބުނެ، އެމްޑީޕީން މައްސަލަ ފުލުހަށް

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އަނބިކަނބަލުން އަދި ފަސްޓްލޭޑީ ސާޖިދާ މުޙައްމަދުގެ ދަރިކަލުންގެ ކަރާމާތަށް ނުރައްކާވާ ގޮތަށް އަމަލުކުރެއްވީ އެ ކަމަނާ ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ފުލުހަށް ހުށަހަޅަން އެމްޑީޕީން ނިންމައިފިއެވެ. އެމްޑީޕީގެ މުޒާހަރާއެއްގައި އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ)ވަނީ ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ ދަރިކަލަކު ވޭޕް ކުރެއްވުމުން ކަމަށް ތުހުމަތުކޮށްފައެވެ. އެ ތުހުމަތުތައް ދޮގުކޮށް، ސާޖިދާ ވަނީ މަންދީއާއި އެމްޑީޕީއާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް މަދަނީ ދައުވާކުރަން ނިންމަވައިފައެވެ. https://sun.mv/203709 އެ މައްސަލަ ކޯޓަށް ހުށަހަޅާކަން ރައީސްގެ އާއިލާގެ ފަރާތުން ހާމަކުރެއްވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ އާއިލާގެ ވަކީލު އަދި ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރެވެ. އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލު އަހުމަދު މައުރޫފް ވިދާޅުވީ ކުޑަކުދިންގެ ރައްކާތެރިކުރަން އެމްޑީޕީން އަބަދުވެސް އިސްކަން ދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު އުފެދިގެން އުޅޭ މައްސަލައަކީ ކުޑަކުއްޖެއްގެ މަންމައާއި އިތުރު ބަޔަކު ވެގެން ކުއްޖާގެ ކަރާމާތް ނަގާލި މައްސަލައެއް ކަމަށެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު: އެ އާއިލާއިން ވަނީ ދަރިކަލުންނާ ގުޅޭ ގޮތުން ދެއްކި ވާހަކައާ ގުޅިގެން މައްސަލަ ކޯޓަށް ހުށަހަޅަން ނިންމައިފައި -- ފޮޓޯ/ ރައީސް އޮފީސް އެ މައްސަލަ ފެށުނީ އެމްޑީޕީގެ މުޒާހަރާއެއްގައި ދެއްކި ވާހަކައަކުން ކަމަށް ރައީސްގެ އާއިލާގެ ފަރާތުން ބުނި ނަމަވެސް އެ މުޒާހަރާގައި ކުޑަކުއްޖާއަކީ ކާކުކަން އެނގޭ ގޮތަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައިނުވާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ. "ދެން އެހެން ނަމަވެސް އެ ކުއްޖާގެ މައުލޫމާތު ހާމަވެގެން މި ދިޔައީ އެ ކުއްޖާގެ މަންމަގެ ފަރާތުން އާންމުކުރާ ބަޔާނެއް ކަމަށް ބުނެ ގާނޫނީ ވަކީލަކު މީޑިއާގައި ބަޔާނެއް އާންމުކޮށް އަދި ވަކި ކުޑަކުއްޖެއްގެ ނަމާއި އުމުރާއި އަދި އެހެނިހެން މައުލޫމާތު ހާމަކުރެއްވި ހިސާބުން،" އޭނާ ވިދާޅުވިއެވެ. މައުރޫފް ވިދާޅުވީ އާޒިމާ އެ ބަޔާން އާންމުކުރައްވައި، ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމުގެ ކުރިން ގިނަ ބަޔަކަށް އެ ކުއްޖާގެ މައުލޫމާތު ނޭނގޭ ކަމަށެވެ. ނަމަވެސް އެ ބައްދަލުވުމުގައި ވަކި ކުއްޖެއްގެ މައުލޫމާތު ހާމަކޮށް އެ ކުއްޖާގެ ކަރާމަތަށް ގެއްލުންވާ ގޮތަށާއި ކުއްޖާއަށް ނުރައްކާވާ ގޮތަށް އަމަލުކޮށްފައިވާތީ އެމްޑީޕީން އެކަން ކުށްވެރިކުރާ ކަމަށް މައުރޫފް ވިދާޅުވިއެވެ. "އަދި އެ ކުއްޖާގެ މަންމައާއި އެ ކުއްޖާގެ މަންމަގެ ފަރާތުން ކަމަށް ބުނެ ވާހަކަ ދެއްކެވި ގާނޫނީ ވަކީލުގެ މައްސަލަ އަޅުގަނޑުމެން ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅަން މިހާރު ވާނީ ނިންމާފައި،" އޭނާ ވިދާޅުވިއެވެ. އެ މައްސަލަ ހުށަހަޅާނީ ފުލުހުންގެ މުއައްސަސާއިން އެފަދަ މައްސަލަތައް ބަލާ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓް (އެފްސީޕީޑީ)އަށާއި ފެމިލީ މިނިސްޓްރީގެ ދަށުން ހިންގާ ފެމިލީ އެންޑް ޗިލްޑްރެންސް ސާވިސް ޑިޕާޓްމެންޓަށް ކަމަށް މައުރޫފް ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ރައީސްގެ އާއިލާގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހަޅަނީ، ރާއްޖޭގައި މިހާރު ހިނގަމުންދާ ބޮޑެތި މައްސަލަތަކުން މީހުންގެ ސަމާލުކަން އަނބުރާލުމަށާއި 'ވިކްޓިމް ކާޑު' ކުޅުމަށް ޓަކައެވެ. އޭނާވަނީ، އެ ބާވަތުގެ ސިޔާސީ ކަންކަމުގެ ތެރެއަށް ކުޑަކުދިންގެ ނަމާއި އަބުރަށް ނުރައްކާވާ ގޮތަށް އެއްވެސް ބަޔަކު، އެއީ އެ ކުދިންގެ މައިންބަފައިން ކަމުގައި ވިޔަސް އަމަލުނުކުރުމަށް އެމްޑީޕީން ގޮވާލާ ކަމަށް ވިދާޅުވެފައެވެ. އެމްޑީޕީގެ މުޒާހަރާގައި ރައީސްގެ ދަރިކަލުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަ އިލެކްޝަންސް ކޮމިޝަން (އީސީ)އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އާއި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ވަނީ ކުށްވެރިކޮށްފައެވެ. https://sun.mv/203756 ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުންވަނީ އެ މައްސަލަ ފުލުހަށް ވެސް ހުށަހަޅައިފައެވެ. އާޒިމާ ވިދާޅުވެފައި ވަނީ ރައީސްގެ އާއިލާގެ ފަރާތުން މި ހަފުތާގެ ތެރޭގައި މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށާއި ދައުވާތައް ހާމަކުރާނީ ޝަރީއަތުގެ މަރުހަލާގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ