އަންނަ ސެޕްޓެމްބަރު މަހު ކުޅުދުއްފުށީ ސިޓީގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކޮމަންވެލްތު ބީޗްހޭންޑްބޯލް މުބާރާތުގައި، ފެނިގެންދާނީ އަށް ގައުމެއް ކަމަށް ހޭންޑްބޯލް މޯލްޑިވްސް އިން ބުނެފި އެވެ.
މިދިޔަ ފެބްރުއަރީ މަހު 18 އިން 23 ޕާކިސްތާންގެ ކަރާޗީގައި ބާއްވަން މަސައްކަތް ކުރި، ކޮމަންވެލްތު ގައުމުތަކަށް ބާއްވާ ބީޗްހޭންޑްބޯޅަ މުބާރާތް ނުބޭއްވުނެވެ. އޭގެ ފަހުން، އޭޝިއަން ހޭންޑްބޯޅަ ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓަރީ، މުހައްމަދު ޝަފީގު ރާއްޖެ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން، ރާއްޖޭގައި ބައިނަލްއަގުވާމީ ބީޗްހޭންޑްބޯޅަ މުބާރާތެއް ބޭއްވުމުގެ ކަންކަން ފެށިގެންދިޔަ އެވެ. އަދި، ހޭންޑްބޯޅަ އެސޯސިއޭޝަނާއި ސްޕޯޓްސް މިނިސްޓްރީ، ކުޅުދުއްފުށި ސިޓީ ކައުންސިލް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ގުޅިގެން ކުރި މަސައްކަތުން މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ރާއްޖެ އަށް ލިބިގެންދިޔައީ ކަމަށް ހޭންޑްބޯލް މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ.
ކުޅުދުއްފުށި ސިޓީގައި ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތް ކުރިއަށްދާނީ އަންނަ ސެޕްޓެމްބަރު 18 އިން 22 އަށެވެ.
މުބާރާތުގެ ތައްޔާރީތަކާ ގުޅޭގޮތުން، "އަދަދު ސްޕޯޓްސް" އަށް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް، އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ، ތައްޔާރީތައް ވަރަށް ރަނގަޅު ދުވެއްޔެއްގައި ކުރިއަށްގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ގޮތުން، ކޮމަންވެލްތާ މަޝްވަރާ ކުރެވުނު ގޮތަށް، މި ފަހަރު މުބާރާތް އޮންނާނީ، އޭޝިއާގެ ހަތަރު ގައުމާއި އެފްރިކާގެ ހަތަރު ގައުމުގެ މެދުގައި ކަމަށެވެ. އެ ގޮތުން، އޭޝިއާގެ ޖާގަތައް މި ވަގުތު ނަގާފައިވަނީީ، ރާއްޖެ، އިންޑިއާ، ޕާކިސްތާން ކަމަށާއި މާދަމާ ބަންގްލަދޭޝާއި ސްރީ ލަންކާގެ ތެރެއިން، އެންމެ އަވަހަށް ބައިވެރިވުމުގެ ކަންކަން ކުރާ ގައުމަކަށް ފުރުސަތު ދޭނެ ކަމަށެވެ.
"މި ފަހަރު ވިސްނާފައި މި އޮތީ، އޭޝިއާގެ ހަތަރެއް، ދެން، އެފްރިކާގެ ހަތަރަކަށް، ކުރިއަށް އޮތްތަނުގައި، މުބާރާތް ބޮޑުވެގެންދާނެ، އެ ގޮތުން، 12 ގައުމަކަށް ވެސް ފުރުސަތު ދެވޭނެ ކަމަށް މުސްތަގުބަލުގައި ވިސްނުން އޮތީ،" މުޖޭ ވިދާޅުވި އެވެ.
އޭޝިއަން ހޭންޑްބޯޅަ ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓަރީ، މުހައްމަދު ޝަފީގު (ކ) އާއި އޭޝިއާ ހޭންޑްބޯޅަ މުބާރާތުގެ ތެރެއިން މުޖޭ (ވ).--- ފޮޓޯ: ނަވާޒް އައްސަދު / ހޭންޑްބޯލް މޯލްޑިވްސް
މުބާރާތާ ގުޅޭގޮތުން، މާދަމާ މުހިންމު ބައްދަލުވުންތަކެއް ތާވަލުކުރެވިފައި އޮތް ކަމަށް މުޖޭ ވިދާޅުވި އެވެ. އެ ގޮތުން، ސްޕޯޓްސް މިނިސްޓްރީއާ އެކު، މުބާރާތުގެ ތައްޔާރީތަކާއި ބަޖެޓާ ގުޅޭ ކަންކަމުގެ ބައްދަލުވުމެއްގެ އިތުރުން، މުބާރާތް ކުރިއަށްދާނެ ގޮތުގެ، ޕްލޭނެއް ކަރުދާހަކާ ހަމައަށް ގެނެވި، އެ ކަންކަން ކޮމަންވެލްތުގެ މަޝްވަރާގެ މަތިން ގެންދިއުމާ ގުޅޭ ކަންކަމުގެ ބައްދަލުވުމެއް ވެސް މާދަމާ ކުރިއަށްދާނެ ކަމަށް ވަނީ މައުލޫމާތު ދީފަ އެވެ.
"ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް މަޝްވަރާ ކުރެވޭ މި އިވެންޓް، އިރާދަކުރެއްވިއްޔާ މި މަސައްކަތް ކުރަނީ، ރާއްޖޭގައި ބޭއްވޭ ކުޅިވަރުގެ ބީޗް އެންމެ ފުރިހަމަ މުބާރާތަށް ހެދުމަށް،" މުޖޭ ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި ޕްރެކްޓިސް ފަށައި، އެ ރަށަށް ނިސްބަތްވާ ގިނަ ކުޅުންތެރިން ހިމެނޭހެން އެކުލަވާލި ގައުމީ ބީޗްހޭންޑްބޯޅަ ޓީމު ދާދި ފަހުން، ވަނީ އޮމާނުގެ މަސްކަޓުގައި ކުރިއަށްދިޔަ އޭޝިއާގެ ބީޗް މުބާރާތުގައި ވާދަކޮށްފަ އެވެ. ފުރަތަމަ ފަހަރަށް ބީޗްހޭންޑްބޯޅަ ބައިނަލްއަގުވާމީ މުބާރާތެއްގައި ރާއްޖޭން ބައިވެރިވިއިރު، މުބާރާތް ނިންމާލީ ރޭންކިން މެޗުގައި، ހޮން ކޮންގް ބަލިކޮށްގެންނެވެ.
ކުޅުދުއްފުށި ސިޓީގައި ބާއްވާ ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތުން ފެންނާނީ އަށް ގައުމު ކުޅުދުއްފުށި ސިޓީގައި ބާއްވާ ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތުން ފެންނާނީ އަށް ގައުމު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ