ސަރުކާރުން ތެޔޮ ގަންނަން ކުރަން ޖެހޭ ހަރަދު ކުޑަކުރުމުގެ މަގުސަދުގައި ފިއުލް ހެޖިން ފެށުމަށް ފާއިތުވި ދެ އަހަރު ވެސް ދައުލަތުގެ ބަޖެޓުގައި ހިމަނާފައި ވަނިކޮށް އެކަން ނުވެ އޮއްވައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުތަނުން އުފުލެން ފަށައިފި އެވެ.
މިދިޔަ 2024 ވަނަ އަހަރުގެ ބަޖެޓުގައި އެ މަސައްކަތަށް 300 މިލިއަން ރުފިޔާ ބަޖެޓުގައި ޖެހިއިރު މި އަހަރުގެ ބަޖެޓުގައި އެ މަސައްކަތަށް 216 މިލިއަން ރުފިޔާ އޮތީ ޖަހާފަ އެވެ.
ބަޖެޓުގައި ބޮޑު އަދަދުން ފައިސާ ޖެހި ނަމަވެސް ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު އަދަދު އަށް މައުލޫމާތު ދިން ގޮތުގައި އެ މަސައްކަތް މިހާތަނަށް ފެށިފައި ނުވެ އެވެ. އަދިވެސް ވަމުން އަންނަނީ އެކަމުގެ ތައްޔާރީތަކެވެ.
ފިއުލް ހެޖިންއަކީ އެއްބަސްވެވޭ މުއްދަތެއްގެ ތެރޭގައި ކަނޑައެޅިފައިވާ ވަކި އަގެއްގައި މުސްތަގުބަލުގައި ތެޔޮ ގަންނަން، ތެޔޮ ވިއްކާ ކުންފުނިތަކާ އެކީ ވެވޭ އެއްބަސްވުމެކެވެ. މިހެން އެއްބަސްވެވޭ އަގުތަކުގެ ސަބަބުން، އޭރު ބާޒާރުގައި ހުރި އަގަށް ވުރެ ކުޑަކޮށް ވެސް ބޮޑުކޮށް ވެސް ތެޔޮ ގަންނަން ޖެހިދާނެ އެވެ. މިފަދަ އެއްބަސްވުންތައް އާންމުކޮށް ބޭނުންކުރަނީ އެއާލައިންތަކާއި ކުރޫޒްލައިނާތައް ފަދަ ގިނަ އަދަދަކަށް ތެޔޮ ބޭނުންކުރާ ކުންފުނިތަކުން, ތެލުގެ ހަރަދުތައް ކުޑަކުރުމަށެވެ.
ރާއްޖެއަށް ފިއުލް ހެޖު ކުރުމުގެ މަސައްކަތް ނުކުރެވި ވަނިކޮށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެން ފެށީ މެދުއިރުމަތީގައި ހަނގުރާމަ ފެށުމުންނެވެ. އެގޮތުން، އިޒްރޭލުގެ ހައްދުފަހަނައެޅި އަސްކަރިއްޔާއިން އިރާނަށް ހަމަލާ ދިނުމުން ފާއިތުވި 48 ގަޑިއިރު ތެރޭ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 10 ޕަސެންޓުން ވަނީ އުފުލިފަ އެވެ.
"ރާއްޖެއިން ރިޒާވުގެ ދަތިކަން ބޮޑުވެފައި އޮއްވައި ތެލުގެ އަގު ބޮޑުވުމުން ރިޒާވު ހިފެހެއްޓުމަށް ސަރުކާރަށް އުނދަގޫވާނެ. މިހާތަނަށް ރިޒާވު މެނޭޖު ކުރެވެން އޮތް ނަސީބަކީ ތެޔޮ އަގުހެޔޮކޮށް ހުރުން. 2022 ގައި ޔޫކްރެއިން ހަނގުރާމަ އާއެކު 130 ޑޮލަރަށް އެރި، މިދިޔަ ދުވަސްކޮޅު އެވްރެޖުކޮށް ހުރީ 60 ޑޮލަރުގައި. ތެލުގެ އަގުބޮޑުވަމުންދާ ވަރަކަށް ސަރުކާރުގެ ރިޒާވަށް އަސަރު ކުރާނެ،" ތެލުގެ އަގޮބޮޑުވުމުން ރާއްޖެއަށް ކުރާނެ އަސަރުތަކާ ގުޅޭގޮތުން މިދިޔަ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިބްރާހިމް އަމީރު އަދަދު އަށް ވިދާޅުވި އެވެ.
މި މަސް ފެށުނުއިރު ތެޔޮ ފީފާއެއްގެ އަގު ހުރީ ގާތްގަނޑަކަށް 63 ޑޮލަރަށެވެ. އެކަމަކު އިޒްރޭލު-އިރާން ހަމަލާތައް ފެށުމާ އެކު 10 ޕަސެންޓުން ތެލުގެ އަގު އުފުލި ތެޔޮ ފީފާއެއްގެ އަގު ވަނީ 73 ޑޮލަރަށް އަރާފައެވެ.
އިޒްރޭލުން ވަނީ އިރާނުގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު ގޭސް ފީލްޑު އަދި ވެރިރަށުގައި ހުންނަ ގޭސް ރައްކާކުރާ މަރުކަޒަކަށް ވެސް ހަމަލާ ދީފަ އެވެ. މި ހަމަލާތަކާ ގުޅިގެން ހޮރުމުޒު ކަނޑުއޮޅި ބަންދުކުރަން އީރާނުން ވިސްނަމުންދާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައި ވެ އެވެ.
އެ ކަނޑުއޮޅިއަކީ ދުނިޔޭގެ ގައުމުތަކުން ގަންނަ ތެލުގެ 20 ޕަސެންޓު ދަތުރުކުރާ ކަނޑުއޮޅި އެވެ. ކަނޑުމަގެން ގެންދާ ތެލުގެ 30 ޕަސެންޓު ހޮރުމުޒު ކަނޑުއޮޅި ހުރަސް ކުރާނެ އެވެ. އޭގެ އިތުރުން، ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ގެ 25 ޕަސެންޓު ގައުމުތަކަށް ގެންދަނީ ވެސް އެ ކަނޑުއޮޅި ހުރަސްކޮށެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުން ވެގެންދާނީ ރާއްޖެއަށް ވެސް އޭގެ އަސަރު ކުރާނެ ކަމަކަށެވެ. ވަކިން ހާއްސަކޮށް ދައުލަތުގެ ރިޒާވުން ތެޔޮ ގަންނަން ކުރާ ހޭދަ ބޮޑުތަނުން މީގެ ސަބަބުން އިތުރުވެގެންދާނެ އެވެ. އެންމެފަހުން 2022 ގައި ރަޝިއާ-ޔޫކްރެއިން ހަނގުރާމަ އާއެކު ވެސް ރާއްޖޭގެ ތެޔޮ ބިލު ދެ ގުނަވެ ރިޒާވަށް ވަރަށް ބާރުބޮޑުވި އެވެ.
ރާއްޖޭގައި ފިއުލް ހެޖިން ނުފެށި އުޅެނިކޮށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެނީ ރާއްޖޭގައި ފިއުލް ހެޖިން ނުފެށި އުޅެނިކޮށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ