އިޒްރޭލާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި އެމެރިކާ ބައިވެރިވެދާނެކަމުގެ އިޝާރާތެއް ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ. ޑޮނަލްޑް ޓްރަމްޕް މިހެން ވިދާޅުވީ ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
އޭނާ ވިދާޅުވީ އަވަހަށް ސުލްހަ ޤާއިމުވާނެ ކަމަށާއި ނަމަވެސް އެމެރިކާ ބައިވެރިވުން އެކަށީގެންވާ ކަމަށެވެ. މިއީ ވަރަށް ނުރައްކާތެރި ހާލަތެއް ކަމަށް ޓްރަމްޕް ސިފަކުރެއްވިއެވެ. އަދި މިކަމުގައި ބައިޑަން ސަރުކާރުގެ ބަލިކަށިކަމަށް ޓްރަމްޕް ފާޑުވިދާޅުވިއެވެ.
އީރާނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އީރާނުގެ އާންމު ރައްޔިތުންނަށް ވަރަށް ބޮޑަށް އަސަރުކުރަމުންދާ ކަމަށް އީރާނު-އެމެރިކާގެ ތަހުލީލުކުރާ ފަރާތެއް ކަމަށްވާ ހޮލީ ޑެގްރެސް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އާންމު ރައްޔިތުންނަކީ މި ހަނގުރާމައިގައި އެއްވެސް ބާރެއް ނެތް ބައެއް ކަމަށާއި، އެމީހުންނަށް ހިޔާވަހިކަން ލިބޭނެ ތަންތަން ނެތް ކަމަށެވެ. އަދި މި ހަނގުރާމައިގެ ސަބަބުން އެމީހުންގެ ދިރިއުޅުމަށް ވަރަށް ބޮޑަށް އަސަރުކުރަމުންދާ ކަމަށް ޑެގްރެސް ވިދާޅުވިއެވެ.
އީރާނުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި އިޒްރޭލުން ހުކުރު ދުވަހު ފެށި ހަމަލާތަކުގައި މިހާތަނަށް 224 މީހުން މަރުވެފައިވެއެވެ. އަދި 1200 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ވުޒާރާގެ ތަރުޖަމާނު ހުސައިން ކަރްމަންޕޫރު ވިދާޅުވިއެވެ. މަރުވި މީހުންގެ 90 އިންސައްތައަކީ އާންމު ރައްޔިތުން ކަމަށް އޭނާ ވިދާޅުވިއެވެ. އީރާނުން ވަނީ މިސްކިތްތަކާއި މެޓްރޯ ސްޓޭޝަންތަކާއި ސްކޫލްތައް ބޮމުގެ ހަމަލާތަކުން ރައްކާތެރިވުމަށް އާންމުންނަށް ހުޅުވަން ފަށާފައެވެ.
އިޒްރޭލުން އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އިންޓެލިޖެންސް ޗީފް މުހައްމަދު ކާޒިމީ އަވަހާރަކޮށްލާފައިވާ ކަމަށް އީރާނުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. އީރާނުގެ ރަސްމީ ނިއުސް އެޖެންސީ އިރުނާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ތިން އިންޓެލިޖެންސް ޖެނެރަލުން ކަމަށްވާ މުހައްމަދު ކާޒިމީ، ހަސަން މުހައްގިގް އަދި މުހުސިން ބާގިރީ ވަނީ އަވަހާރަކޮށްލާފައެވެ.
ނެތަންޔާހޫ ފޮކްސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ބުނީ ކާޒިމީ މަރާލާފައިވާ ކަމަށާއި، އިޒްރޭލުގެ ހިތްވަރުގަދަ ޕައިލެޓުން ތެހެރާނުގެ ވައިގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، އަދި އަސްކަރީ ސައިޓްތަކާއި ނިއުކްލިއާ ސައިޓްތަކަށް ހަމަލާދެމުންދާ ކަމަށެވެ.
ޔޫރަޕިއަން ކޮމިޝަނަރ އުރުސުލާ ވޮން ޑެއާ ލޭޔަން ވިދާޅުވީ އިޒްރޭލަށް އަމިއްލަ ދިފާއުވުމުގެ ހައްގު ލިބިގެންވާ ކަމަށާއި، އީރާނަކީ ސަރަހައްދީ ހަމަޖެހުމެއް ނެތްކަމުގެ މައިގަނޑު ސަބަބު ކަމަށެވެ. އޭނާ މިހެން ވިދާޅުވީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއާ ފޯނުން ގުޅުއްވައިފައެވެ. ވޮން ޑެއާ ލޭޔަން އިތުރަށް ވިދާޅުވީ އީޔޫއިން އަބަދުވެސް އީރާނުގެ ނިއުކްލިއާ އަދި ބެލިސްޓިކް މިސައިލް ޕްރޮގްރާމްތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށާއި، އެ މިސައިލްތަކަކީ އިޒްރޭލަށް އެކަނި ނޫން ކަމަށާއި، ޔޫކްރޭނަށް ވެސް ހަމަލާދިނުމަށް ބޭނުންކުރާ މިސައިލްތައް ކަމަށެވެ. އީރާނަށް ނިއުކްލިއާ ހަތިޔާރެއް ލިބިގެންނުވާނެ ކަމަށާއި، މަޝްވަރާގެ ތެރެއިން ހައްލެއް ހޯދުން އަވަސްކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނުން ވަނީ ތެހެރާނުގައި ހުންނަ ފޮރިން މިނިސްޓްރީގެ އިމާރާތަކަށް އިޒްރޭލުން ހަމަލާދީފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. ނައިބު ފޮރިން މިނިސްޓަރ ސައީދު ޚަތީބްޒާދާ ވިދާޅުވީ މި ހަމަލާގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުންނަށް އަނިޔާވެފައިވާ ކަމަށާއި، އެތައް ބަޔަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ. ޚަތީބްޒާދާ މި ހަމަލާއަކީ ހަނގުރާމައިގެ ކުށެއް ކަމަށާއި، އިޒްރޭލުގެ މި ޖަރީމާއަކީ އީރާނާ ދެކޮޅަށް ހިންގާ ހަމަލާތަކުގެ ބައެއް ކަމަށް ސިފަކުރެއްވިއެވެ.
ޖަރުމަނުގެ ޗާންސެލަރު ފްރީޑްރިކް މާޒް ވިދާޅުވީ އީރާނުން ޖަރުމަނުގައި ހުންނަ އިޒްރޭލުގެ ނުވަތަ ޔަހޫދީ ތަންތަނަށް ހަމަލާދީފިނަމަ އެކަމަށް ތައްޔާރުވަމުންދާ ކަމަށެވެ. ޖީ7 ލީޑަރުންގެ ސަމިޓްގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން މާޒް ވިދާޅުވީ، އީރާނަށް ނިއުކްލިއާ ހަތިޔާރު ތަރައްގީކުރުމަށް ނުވަތަ ހޯދުމަށް ހުއްދަ ނުދިނުމަށް ސަމިޓްގައި މަޝްވަރާކުރާނެ ކަމަށާއި، އިޒްރޭލަށް އަމިއްލަ ދިފާއުވުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. އަދި މި ހަނގުރާމަ އިތުރަށް ގޯސްވެގެން ނުދިއުމަށް މަސައްކަތްކުރުމާއި، ސުލްހަވެރި ހައްލެއް ހޯދުމަށް މަސައްކަތްކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނުން އިޒްރޭލަށް ދިން މިސައިލް ހަމަލާތަކުގައި އިޒްރޭލުގެ އެތައް ސަރަހައްދަކަށް އަސަރުކޮށްފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެއެވެ. މެޑިޓެރޭނިއަން ކޯސްޓްގައި ހުންނަ ރެސިޑެންޝިއަލް އިމާރާތަކަށް ހަމަލާދީފައިވާ ކަމަށް ފަޔަރ ފައިޓަރުން ބުނެއެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އީރާނުން ދިން ހަމަލާތަކަށްފަހު އިޒްރޭލުގެ އެތައް ސަރަހައްދަކަށް ހޯމްފްރަންޓް ކޮމާންޑް ސަރޗް އެންޑް ރެސްކިއު ޓީމްތައް ފޮނުވާފައިވާ ކަމަށެވެ.
އީރާނުގެ އަސްކަރިއްޔާއިން ވަނީ އިޒްރޭލުގެ ރައްޔިތުންނަށް “މުހިންމު ސަރަހައްދުތަކުން” ދުރުވުމަށް ގޮވާލާފައެވެ. އަދި އެމީހުންނަކީ “އިންސާނީ އައްޑަނައެއް”ގެ ގޮތުގައި ބޭނުންކުރުމަށް ހުއްދަ ނުދިނުމަށް ވެސް ގޮވާލާފައިވެއެވެ.
އިޒްރޭލާއި އީރާނާ ކުރާ ހަނގުރާމައިގައި އެމެރިކާ ބައިވެރިވެދާނެ: ޓްރަމްޕް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ