ލަންކާގެ ކޮލެޖުތަކެއް ސަސްޕެންޑުކޮށްފައިވާތީ ސަމާލުވުމަށް އެމްކިޔުއޭގެ 'ރެޑް އެލާޓް'އެއް
ސްރީލަންކާގައި ހިންގާ ކޮލެޖުތަކެއް ސަސްޕެންޑުކޮށްފައިވާތީ، ދިވެހި ދަރިވަރުން އެކަމަށް ސަމާލުވުމަށް, މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)އިން މިއަދު އިލްތިމާސްކޮށްފިއެވެ. އެމްކިޔުއޭއިން ބުނީ, ލަންކާގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތައް ބަލަހައްޓާ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަން (ޓިވެކް)ގައި ރަޖިސްޓްރީކޮށްފައިވާ ބައެއް މަތީ ތައުލީމުދޭ މަރުކަޒުތައް ސަސްޕެންޑުކޮށްފައިވާ ކަމަށް އެ އޮތޯރިޓީއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި މެޓްރޯޕޮލިޓަން ކޮލެޖާއި އީސޮފްޓްގެ ހުރިހާ ކެމްޕަސްތައް ހިމެނޭ ކަމަށް އެމްކިޔުއޭއިން ބުންޏެވެ. މެޓްރޯޕޮލިޓަން ކޮލެޖުގައި ތައުލީމީ ދާއިރާއާއި، ބިޒްނަސް އާއި ސައިކޮލޮޖީ ފަދަ ދާއިރާތަކުން ކޯސްތައް ހިންގާއިރު އީސޮފްޓުން ކޮމްޕިއުޓިން އާއި އިންޖިނިއަރިން ހިމެނޭ ގޮތަށް ހަ ސްކޫލެއް ހިމެނެއެވެ. އެ މަރުކަޒުތަކުގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރެއް ނަމަ، ވީއެންމެ އަވަހަކަށް އެ އޮތޯރިޓީއަށް އީމެއިލް ކުރުމަށް އެމްކިޔުއޭއިން ވަނީ އެދިފައެވެ. މެއިލް ކުރާނީ [email protected] އަށެވެ. އެ މަރުކަޒުތަކުގެ ޕްރޮގްރާމުތަކުގައި މިވަގުތު އިތުރަށް އެންރޯލްވެގެން މަތީ ތައުލީމު ހާސިލުކުރުމަށް ނުފެށުމަށް ވެސް އެމްކިޔުއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. https://x.com/mqamaldives/status/1935221579287511077 އެ އޮތޯރިޓީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ރާއްޖެއިން ބޭރަށް ކިޔަވަންދާ ބައެއް ދަރިވަރުން އެމްކިޔުއޭއިން ހޯދަން ޖެހޭ މުހިންމު އެއް ލިޔުން ކަމަށްވާ 'ރިކޮގްނިޝަން އޮފް ދަ އިންޓެންޑެންޑެޑް ޕްރޮގްރާމް' ނުހޯދާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމުގެ ސަބަބުން ދަރިވަރުން ކިޔަވައި ނިމިގެން އައިސް ސަނަދު ވެލިޑޭޓް ކުރުމަށް ހުށަހެޅުމުން އެކިޔެވި މަރުކަޒަކީ އެމްކިޔުއޭ ގަބޫލުކުރާ މަރުކަޒަކަށް ނުވުމުން އުސޫލުގެ ތެރެއިން ސަނަދު ވެލިޑޭޓް ނުކުރެވޭ ކަމަށް އެމްކިޔުއޭއިން ބުންޏެވެ. "މި ލިޔުން ހޯދުމުގެ އެންމެ ބޮޑު ބޭނުމަކީ އެމްކިޔުއޭއިން ގަބޫލުކުރާ މަރުކަޒެއް ކަމާއި އެ ކިޔަވާ ޕްރޮގްރާމަކީ އެމްއެންކިއުއެފްއަށް ފެތޭ ޕްރޮގްރާމެއްކަން ބެލުމާއި މީގެ އިތުރުން އެ މަރުކަޒަކީ އެ ގައުމެއްގެ ސަރުކާރުގެ ކަމާ ބެހޭ އިދާރާއަކުން ގަބޫލުކުރާ މަރުކަޒެއް ކަމާއި އެ މަރުކަޒުގައި އެ ޕްރޮގްރާމް ރަޖިސްޓްރީކޮށްފައިވާކަން ކަށަވަރު ކުރުމެވެ." ބަޔާނުގައިވެއެވެ. އެހެންވެ، ރާއްޖެއިން ބޭރަށް ކިޔަވަން ދިޔުމުގެ ކުރިން 'ރިކޮގްނިޝަން އޮފް ދަ އިންޓެންޑެންޑެޑް ޕްރޮގްރާމް' ހޯދުމަށް އެމްކިޔުއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެ ލިޔުމާ ނުލައި ކިޔެވުން ފަށައިވާ ދަރިވަރުން ވެސް ވީހާ ވެސް އަވަހަށް ލިޔުން ހޯދުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ. އެމްކިޔުއޭއިން ވަނީ، އެ އޮތޯރިޓީން ގަބޫލުނުކުރާ މަރުކަޒަކުން ސަނަދު ހާސިލުކުރުމުން އެކަމުގެ ސަބަބުން ދަރިވަރަށް ލިބޭ ގެއްލުމުގެ ޒިންމާ އެ އޮތޯރިޓީން ނުނަގާނެ ކަމަށް ބުނެފައެވެ. އަމިއްލަ ޚަރަދުގައި ބޭރަށް ކިޔަވަންދާ ބައެއް ދަރިވަރުން، އެމްކިޔުއެއީން ބަލައިނުގަންނަ ކޯސްތައް ފުރިހަމަ ކޮށްފައި އައުމުން ސަނަދުގެ ސައްހަކަން ކަށަވަރު ނުކުރެވި، މާލީ ގޮތުން ގެއްލުންތަކާ ކުރިމަތިލާންޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ