ވަޒީފާ ކިތަންމެ މުހިންމު ނަމަވެސް ﷲ ގެ މަގުގަ ޘާބިތުވެ ހުންނަން ހުރަސް އެޅޭނަމަ ވަޒީފާއިން ވަކިވުމުން ލައްވަވަ ރަޙްމަތް މާބޮޑުވާނެކަން އެނގިގެންދާ ޢިބްރަތްތެރި ވާހަކައެއް!

ބައެއް ކުންފުނިތަކުން ޔުނިފޯމުގެ ގޮތުގައި ފިރިހެނުންލާފަދަ ހެދުންލާން ޖައްސުވާތީ އާއި ގަޔަށް ބާރު ހެދުން ލާން ޖައްސުވާތީ ކަންބޮޑުވެ ބައެއް ކިޔުންތެރިން ގެންދަވަނީ ސުވާލުކުރައްވަމުންނެވެ. އެެހންވެ މިގެނެސްދެނީ ޖަވާބު ލިބިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ
"އަޅުގަނޑު ކުންފުންޏަށް ވަޒިފާއަށްފަހުން މިހާރު ވަނީ ޔުނިފޯމެއް ތަޢާރަފްކޮށްފައެވެ. ޔުނިފޯމަކީ ގައަށް ބާރު ޓީޝާޓެކެވެ. މިޓީޝާޓްލީމާ ގައިގެ ވަނާތައް ހާމަވެއެވެ. ހީވަނީ މިއީ ކުންފުނީގެ ވެރިން ހިތްހަމަޖައްސަން ކޮށްގެން އުޅޭ ކަމެއް ކަމަށެވެ. ކޮންމެއަކަސް އެ ނުލާނަމަ އޮތީ ވަޒީފާ ދޫކޮށްލުމެވެ. ވަޒީފާ ދޫކޮށްލައިފިނަމަ ދިރިއުޅޭ ތަނުގެ ކުލި ދެއްކޭނެ ގޮތެއްވެސް ނެތެވެ. ފިރިމީހާއަށް ލިބޭ މުސާރައިން ހުރިހާ ކަންކަން ނުކުރެވޭނެތީއެވެ.
އެހެންވީމާ މިޙާލަތުގައި ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟"
ޖަވާބަކީ މުސްލިމުން ދިރިއުޅެންޖެހޭނީ ﷲ ތަޢާލާ އަންގަވާފައިގޮތަށް ކަމަށެވެ. ﷲ އަށް ބިރުވެތިނުވާ މީހުން އިސްމަޤާމުތަކަށް ލީމާ ފެންނާނެ ހުރިހާ ކަންކަން މިދަނީ ވަރަށް ރީތިކޮށް ފެންނަމުންނެވެ. މައިސޯބުގެދަށުން ކުދިސޯބުތައް އެނބުރޭއިރު މައިސޯބަށްވުރެ މާބާރަށް ކުދިސޯބުތައް އެނބުރުން އެއީ އެކަން ހިނގަމުން އަންނަ ގޮތެވެ. ވީމާ ކުރިމަތިނުވެ ނުދާނެ ހުރިހާ ކަންކަން މިދަނީ ހާމަވަމުންނެވެ.
މަޝްހޫރު ރެޑްވޭވް ފިހާރަތަކުގެ ވެރިޔާ އަހްމަދު ސަލީމް ވިދާޅުވިއެވެ. "އަހަރެންގެ ފިހާރަތަކުގައި ޔުނިފޯމަށް ޓީޝާޓް ލައްވަނީ ފިރިހެނުންނެވެ. އަންހެން މުވައްޒިފުންނަށް ދީފައި ހުންނާނީ އެމީހުން ލައިގެންތިބޭ ހެދުމުގެ މަތިން ލާނެ ޖެކެޓެކެވެ."
ﷲ އިރާދަފުޅުން އޭނާގެ އަންހެން މުވައްޒިފުން ގައަށް ބާރު ޓީޝާޓް ނުލެއްވިނަމަވެސް ވިޔަފާރިދަނީ ބާރަށް ކުރިއަރަމުންނެވެ.
ކޮންމެއަކަށް ބިރުވެތިވާންވީ ﷲ ތަޢާލާއަށެވެ. ގައަށް ބާރު ހެދުމާއި ކުރު ހެދުން ލެއްވުމާއި އަނހެނުން ބެގީކުރުވުމަކީ ސަރރުކާރުންވެސް ކުރުވަމުން އަންނަ ކަންކަމެވެ. ވީމާ އަމިއްލަ ކުންފުނިތަކުންވެސް ސަރުކާރު ކޮޕީކުރާނެއެވެ. ސަރުކާރުން ކުރުވިނަމަވެސް ދީނުގައި ޙަރާމްކަމެއްގެ ޙުކުމް ބަދަލެއް ނުވާނެއެވެ. ޙުކުމް އޮންނާނީ ދީނުގައި އޮތް ގޮތަށެވެ.
ތިރީގަިވާ ލިޔުމުގައި އެވަނީ ތިއަފަދަ ކަމެއް ކުރިމަތިވުމުން ވަރަށް ދަތިޙާލުގައި ތިބެމެ ވަޒީފާ ދޫކޮށްލި އަންހެން ކުއްޖަކަށް ލެއްވެވި ބޮޑު ރަޙްމަތުގެ ވާހަކައެވެ. ޢިބްރަތް ޙާޞިލުކޮށް ހިތްވަރު ލިބިގަންނާށެވެ.
މިއީ ފަހުޒަމާންކަމަށްވުމުން މިޒަމާނުގައި އުޅޭ އެންމެންނަކީ ޖާހިލުވާނެ މީހުންކަމަށް ބަލައި ކަންކަން ނިންމައިގެން ނުވާނެއެވެ. އިސްލާމް ދީނުގައި ވަރަށް ފުރިހަމައަށް ސާބިތުވެ ތިބި މީހުން، ޚާއްޞަކޮށް ޒުވާނުން ވަރަށް ގިނައެވެ. އަދި އެމީހުންގެ ސަބަބުން އަންނަނީ ދީނަށް ވަރަށް ބޮޑެތި ކުރިއެރުންތައްވެސް ލިބެމުންނެވެ. ނަޞްރުލިބެމުންނެވެ.
މިއީ ހަމަ ދާދިފަހުން ހިނގިކަމެކެވެ. ކުންފުންޏެއްގައި ކުއްލިއަކަށް ޔުނިފޯމެއް ތަޢާރަފްކުރީއެވެ. އެޔުނިފޯމަކީ ގައަށް ބާރު، ވަނާތައް ހާމަވާ ގޮތަށް ފަރުމާކޮށްފައިވާ ޔުނިފޯމެކެވެ. އެޔުނިފޯމް އެގޮތަށް ލުމަކީ އެމީހުންގެ އާޚިރަތަށް ގެއްލުންހުރި ކަމެއް ކަމަށް ބަލައި 2 އަންހެނަކު ވަޒީފާއިން އިސްތިޢުފާދިނެވެ. މާލީ ގޮތުން އެންމެ ދަތި ހާލުގައިތިބިއިރުވެސްމެއެވެ. ޢާއިލާއަށް ލިބޭ ހުރިހާ އެއްޗަކީ އެކުދިންގެ މުސާރަކަމުގައިވެފައިވީއިރުވެސްމެއެވެ.
އެ ދެކުދިން ވެސް ބުނެފައިވެއެވެ. "ވަޒީފާ ދޫކޮށްލީ މަގުމަތީގައި ސަލާންޖަހަން ޖެހުނު ނަމަވެސް އެންމެ ރަނގަޅުކަމަށް ޤަބޫލުކޮށްގެންނެވެ. ސުވަރުގެ ވައްދަވާނީ ދުނިޔޭގައި އަދާކުރި ވަޒީފާއަށް ބައްލަވައިގެން ނޫންކަން ޔަޤިންވާތީއެވެ."
އެއްކުއްޖަކު ބުނެފައިވެއެވެ. "ސުވަރުގެ ލިބެން އޮތީ ﷲ ސުބްހާނަހޫ ވަތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންނެވެ. އެހެންވެ އަހަރެން އިސްކަންދިނީ އެކަލާނގެ ރުހިވޮޑިގަތުން ލިބުމަށެވެ. މުސްތަޤްބަލާއި އަންނަ މަހު ކައިބޮއިހަދާނެ މަގު ވަކީލުކުރީ އެކަލާނގެއަށެވެ."
މިކަމުގެ ނަތީޖާ ފެނުނު ގޮތް އެނގޭހެއްޔެވެ؟ ދެ ކުދިންގެ ސާބިތުކަން ފެނިފައި ހަމަ އެކުންފުނީގެ ހިއްސާދާރަކު (އެންމެ ކުޑަ ހިއްސާދާރު) 2 ކުދިންނަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދިނެވެ. ދެކުދިންނަށް ލިބުނު ފައިސާކޮޅު އެއްކޮށްލައިގެން އެއްކުއްޖެއްގެ ގޭގައި ހުރި ގަރާޖެއް ކުޑަ ފިހާރައަކަށް ބަދަލުކޮށް އެހެން މީހުން ގެންނަ ކާބޯތަކެތި ވިއްކައިދޭން ފެށިއެވެ. އެ މަސައްކަތުން ލިބުނު ފައިސާއިން މިހާރު އެދެކުދިންވަނީ އެކަށީގެންވާ ފިހާރައެއް ހުޅުވާފައެވެ. ކުޑަ ރެސްޓޯރަންޓެއްވެސް ހުޅުވާފައެވެ.
އެކުދިން ބުނާ ގޮތުގައި އެކުދިން ވަޒީފާއަދާކުރި ކުންފުނީގެ އެންމެ އިސް މަޤާމުތަކުގައި ތިބި މީހުންނަށް މަހަކު ލިބޭ އާމްދަނީއަށްވުރެ ގިނައިން އެ ދެކުދިންނަށް މިހާރު ލިބެއެވެ.
ކޮންމެ ޙާލަތެއް މެދުވެރިވިނަމަވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ގެއްލިގެންދާފަދަ ކަމެއް ނުކޮށް ﷲ ތަޢާލާގ ރަޙްމަތަށް އެދުމުން އެމީހަކަށް މަގުދައްކަވާކަން ކޮންމެ ދުވަހަކު ހިނގާ މިފަދަ އެތައް ކަމަކުން ދަނީ އެނގެމުންނެވެ. އެކިމީހުންނަށް ނިޢްމަތް މިންވަރުކުރައްވަވާނީ އެކިގޮތަށެވެ. އެކިވަރަށެވެ. އޮތީ ވަކީލްކޮށް ﷲ ތަޢާލާގެ މަގުގައި ސާބިތުވުމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ