މެންބަރު އައްބާސް ފުލުހުންނަށް ގޮންޖަހައި ޖެމްކިއު ޕްރޮމޯޓު ކުރަނީ މެންބަރު އައްބާސް ފުލުހުންނަށް ގޮންޖަހައި ޖެމްކިއު ޕްރޮމޯޓު ކުރަނީ

ޖެމްކިއު ނުވަތަ ޖީއެމްސީއީ އިންވެސްޓްމަންޓް ސްކީމަކީ ރަޖިސްޓްރީ ނުކޮށް މަކަރާއި އޮޅުވައިލުން އޮތް ސްކީމަކަށް ވާތީ، އެ ސްކީމް ހިންގައި ޕްރޮމޯޓްކޮށް އަދި އޭގައި ބައިވެރިވުމަށް މީހުން ހޯދުމުގައި ޝާމިލުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންް އޮތޯރިތީ އާއި މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފައި ވަނުކޮށް، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެކަމަށް ގޮންޖަހައި، ޖެމްކިއު ޕްރޮމޯޓުކޮށްފި އެވެ.
ޖެމްކިއު ބޭނުންކޮށް ޕްރޮމޯޓުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބަޔާންކޮށް ފުލުހުންނާއި ސީއެމްޑީއޭއިން މި މަހުގެ 15 ގައި ނޫސް ބަޔާނެއް ނެރެފައި ވަނިކޮށް އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކިތަންމެ ވަރަކަށް ނޫސް ބަޔާންތައް ނެރުނު ނަމަވެސް ޖީއެމްކިއު ބޭނުން ކުރައްވާ ފަރާތްތަކުގެ އަދަދު ކޮންމެ ދުވަހަކު ހާހުން އިތުރުވަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ 70 ޕަސެންޓު މެންބަރުން ޖެމްކިއު އަށް އިންވެސްޓުކޮށްގެން އުޅޭ ކަމަށާއި ސްޓޭޓު މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި ސިފައިންނާއި ފުލުހުންގެ 80 ޕަސެންޓު ވެސް ޖެމްކިއު އަށް އިންވެސްޓުކޮށްފައިވާ ކަމަށެވެ.
އައްބާސް ވިދާޅުވީ 70،000 ދިވެހި ރައްޔިތުން ޖެމްކިއު ބޭނުންކުރަމުންދާ ކަމަށާއި އެއީ އެކަމުން ވަރަށް ބޮޑު ނަފާއެއް ލިބެމުންދާތީ ކަމަށެވެ.
މި ނަންބަރުތަކުގެ ސައްހަކަން އަދަދު ނޫހަށް ކަށަވަރެއް ނުކުރެވެ އެވެ.
"ގަބޫލުކުރަން ޖެހޭ ހަގީގަތަކީ GEMCE ގެ ސަބަބުން GEMCE ބޭނުންކުރައްވާ ބޭފުޅުނަށް ބޮޑުތަނުން ފައިދާވެ ކަންމަތީ ފިހާރަތަކުގެ ދަރަނި ދައްކާ ލުއި ލޯނުތައް ދައްކާ އެބޭފުޅުންގެ ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑުތަނުން ރަނގަޅުވަމުންދާކަން، އެކި މުނާސަބަތު ތަކުގައި ރަށްފުށުގައި ބާއްވާ އެކި އެކި ހަރަކާތްތަކަށް GEMCEގެ ފަރާތުން ބޮޑެތި އަދަދު ތަކުން ސްޕޮންސަ ދެއްވާކަން،" ޖެމްކިއުއަކީ ސައްހަ އިންވެސްޓުމެންޓު ސްކީމެއްކަން ދެއްކުމަށް އައްބާސް ވިދާޅުވެފައިވެ އެވެ.
ނިމިގެން ދިޔަ ބޮޑު އީދުގައި ނ. އަތޮޅުގެ ބައެއް ރަށްތަކުގައި ބޭއްވި ހަރަކާތްތައް ޖެމްކިއު ބޭނުންކުރާ ފަރާތްތަކުން ހަރަދުކޮށްފައިވެ އެވެ.
ފުލުހުންނާއި ސީއެމްޑީއޭގެ ބަޔާނުގައި ބުނެފައިވާ ވާހަކަތަކަކީ ދޮގެއްކަން ދެއްކުމަށް އައްބާސް ވިދާޅުވީ 2024 ވަނަ އަހަރުން ފެށިގެން ޖެމްކިއު ބޭނުންކުރަމުން ދާއިރު އަދި އެއްވެސް ރައްޔިތަކަށް ގެއްލުން ލިބިފައި ނެތް ކަމަށެވެ. ފުދުންތެރިކަން ހުރި މިންވަރަކުން ޖެމްކިއު އަށް އިންވެސްޓު ކުރި ކޮންމެ މީހަކަށް ވެސް މިއަދާ ހަމައަށް ހާހުން، ލައްކައިން، މިލިއަނުން ފައިދާ ވާކަމީ ޖެމްކިއު ބޭނުންކުރާ އެއްވެސް މީހަކު ދެބަސްވާނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.
"ކިތަންމެ ވަރަކަށް GEMCE އާ ބެހޭގޮތުން ނޫސް ބަޔާން ތައް ނެރުނު ނަމަވެސް GEMCE ބޭނުން ކުރައްވާ ފަރާތްތަކުގެ އަދަދު ކޮންމެ ދުވަހަކު ހާހުން އިތުރުވަމުންދަނީ! އެހެންކަމުން ގައުމުގެ ހާލަތު އޮތްގޮތުންނާއި އަދި ރައްޔިތުން ތިބި ހާލަތަށް ބަލާއިރު GEMCE ގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ފުރުސަތު އޮތުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކެން!" ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނަވައި، ގާނޫނަށް ގޮންޖައްސަވައި ވިދާޅުވި އެވެ.
އިންވެސްޓްމަންޓް ސްކީމްތައް ރާއްޖޭގައި ހިންގޭނީ ސީއެމްޑީއޭގައި ރަޖިސްޓަރކޮށް، ހުއްދަ ނަގައިގެންނެވެ. ނަމަވެސް ޖެމްކިއުގެ ނަމުގައި މި ހިންގާ ސްކީމަކީ ރަޖިސްޓަރީކޮށްގެން ހިންގާ ސްކީމެއް ނޫން ކަމަށް ފުލުހުންނާއި ސީއެމްޑީއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
"އެހެންކަމުން މި ސްކީމަކީ ގާނޫނީ ހަމަތަކުގެ ތެރެއިން ހިންގާ ސްކީމެއް ނޫން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން، ބޭރު ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ އަލީގައި ޖީއެމްސީއީ ނުވަތަ ޖެމްކިއޫގެ ނަމުގައި ހިންގަމުންދާ ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ