ދުނިޔޭގެ އެންމެ މުއްސަނދި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މިހާރު އެންމެ ގިނަ ދުވަހު ރަސްކަން ކުރެއްވި ބުރޫނާއީގެ ސުލްތާން ހަސަނުލް ބޮލްކިއާ ވަރުބަލިފުޅުވުމުގެ ސަބަބުން އެޑްމިޓްކުރިތާ ފަސް ދުވަސް ފަހުން މެލޭޝިއާގެ ހޮސްޕިޓަލަކުން ދޫކޮށްލައިފި އެވެ.
ސުލްތާން ހަސަނުލް ބޮލްކިއާ، 78، ކުއާލަލަމްޕޫރުގެ ހޮޓަލަކަށް ބަދަލުވެވަޑައިގެންފައިވާ ކަމަށް ބުރޫނާއީ ސަރުކާރުން ވަނީ ރޭ ސޯޝަލް މީޑިއާގައި އިއުލާނުކޮށްފަ އެވެ. އެނބުރި ގައުމަށް ވަޑައިގަތުމުގެ ކުރިން އަރާމުކުރެއްވުމުގައި ދުވަސްކޮޅަކު ހޭދަކުރައްވާނެ އެވެ.
ބުރޫނާއީގެ އިންފޮމޭޝަން ޑިޕާޓްމަންޓުން ފޭސްބުކްގައި ވަނީ ސުލްތާން އަނބިކަނބަލުންނާ އެކު ހޮޓެލް ލޮބީއަށް ވަދެވަޑައިގަންނަވާ ތަނުގެ ފޮޓޯތައް ހިއްސާކޮށްފަ އެވެ. އަދި އޭނާގެ އަނބިކަނބަލުންނާއި ދެ ފިރިހެން ބޭފުޅުން ހިމެނޭ އާއިލާގެ މެންބަރުން ތިބި ކޮޓަރިއެއްގައިި ތިއްބެވި ތަން ފެންނަ ފޮޓޯއެއް ވަނީ އާންމުކޮށްފަ އެވެ.
ސުލްތާން އަންގާރަ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓްކުރި އިރު އޭނާ ހުންނެވީ އާސިއާންގެ އަހަރީ ސަމިޓެއްގައި ބައިވެރިވެވަޑައިގަތުމަށް މެލޭޝިޔާގަ އެވެ. އޭނާގެ އޮފީހުން ބުނީ އޭނާގެ ހާލުކޮޅު ރަނގަޅު ކަމަށާއި ނަމަވެސް ވަރުބަލިކަން އިހުސާސްވާތީ މެލޭޝިއާގެ ސިއްހީ މާހިރުންގެ ލަފާގެ މަތިން އަރާމު ކުރައްވަމުން ގެންދަވާ ކަމަށެވެ.
ތެލުގެ މުއްސަނދިކަން ލިބިފައިވާ އާދަޔާ ހިލާފަށް މުއްސަނދި ކުޑަ ގައުމުގައި ވެރިކަން ކުރައްވާތާ 57 އަހަރު ވަނީ ވެފަ އެވެ. އެ ގައުމު އިނގިރޭސީންގެ އަތުން މިނިވަންވީ 1984 ވަނަ އަހަރު އެވެ.
އެ ގައުމުގައި އޭނާ އަދާ ކުރައްވާ މަގާމުތަކުގެ ތެރޭގައި ބޮޑުވަޒީރު ކަމާއި ފިނޭންސް މިނިސްޓަރު ކަމާއި ޑިފެންސް މިނިސްޓަރުގެ އިތުރުން ފޮރިން މިނިސްޓަރުކަން ހިމެނެ އެވެ.
އޭނާއަކީ އަގުބޮޑު އަދި ތަފާތު ކާރުތައް ގިނަ އަދަދަކަށް ގެންގުޅުއްވާ، އާދަޔާ ހިލާފު ދިރިއުޅުމުގެ ވައްޓަފާޅިއަށް މަޝްހޫރު ބޭފުޅެކެވެ. އަދި 1،788 ކޮޓަރި ހިމެނޭ ގަނޑުވަރެއްގައި ދިރިއުއްވަމުން ގެންދަވާއިރު، އެއީ ދުނިޔޭގައި ހުރި އެންމެ ބޮޑު އަމިއްލަ ގެ އެވެ.
ބުރޫނާއީގެ ރަސްގެފާނު މެލޭޝިއާގެ ހޮސްޕިޓަލަކުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ