ހުޅުމާލޭގައި ޕާރކް ކޮށްފައިހުރި އުޅަނދުތަކަކުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފިއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. އިސްދޫ / އޯކިޑްމާގެ، ޢަބްދުއްރަޙްމާން ޙުސައިން (33އ) އެވެ.
އޭނާ ހައްޔަރު ކޮށްފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި ޕޮލްކޯ ފުލެޓް ސަރަހައްދުގައި ހުރި ޕާކިންގ ޒޯން ކައިރީގައި ހުއްޓައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެވަގުތު އޭނާ ވަނީ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންތަކެއް ފެނުމާއިއެކު އެއްޗެއް ފޮރުވަން މަސައްކަތްކޮށް ސައިކަލަށް އަރައިގެން ދާން މަސައްކަތް ކޮށްފައެވެ.
ފުލުހުން އޭނާ ހުއްޓުވައި ބެލިބެލުމުން އެ ސަރަހައްދުގައި ޕާކްކޮށްފައި ހުރި ގިނަ އުޅަނދުތަކެއް ހުޅުވާފައިވާކަން ފާހަގަކުރެވިފައިވުމާ ގުޅިގެން އެތަނާއި ހައްޔަރު ކުރެވުނު މީހާ ބަލަާ ފާސްކުރިއިރު އެއުޅަނދުތަކުން ވަގަށް ނަގާފައިވާ ތަކެތި ފެނިފައިވާކަމަށާއި ފުލުހުން އޭނާ ހުއްޓުވި ވަގުތު އޭނާގެ އަތުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް އޮތްކަމަށާއި އޭނާގެ ހާޒިރުގައި އެ ނަގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން އިތުރަށް ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި ޢަބްދުއްރަޙްމާން ޙުސައިން އާއި އޭނާ އަރައިގެންދާން މަސައްކަތްކުރި ސައިކަލް ބަލައިފާސްކުރިއިރު، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކާރު އަދި ސައިކަލް ތަޅުދަނޑިތަކާއި ފައިސާ އާއި ފޯންތަކަކާއި ޗާޖިންގ ކޭބަލް ފަދަ ތަކެތި ފެނިފައިވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
ފުލުހުންދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އުޅަނދުތަކަކުން ވައްކަން ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ