ލިވަޕޫލް (ފެބްރުއަރީ 13) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އިން އިތުރު ވަގުތުގެ ފަހު ސިކުންތު ތެރޭގައި ގޯލު ޖަހައި، 2-2 އިން އެއްވަރުކޮށް، ލިވަޕޫލް މޮޅުވިޔަނުދީ ހިފަހައްޓައިފި އެވެ.
މި މެޗުން މޮޅުވެގެން އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނެގެން އޮތް ލިވަޕޫލަށް ލިބުނީ ހަތް ޕޮއިންޓުގެ ލީޑެކެވެ. ލިވަޕޫލަށް 24 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އާސެނަލް އަށް 24 މެޗުން ވަނީ 50 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށް ވަނީ 24 މެޗުން 47 ޕޮއިންޓް ލިބިފަ އެވެ.
އެވަޓަންގެ ގުޑިސަން ޕާކުގައި އަަވައްޓެރިން ކަމަށްވާ ލިވަޕޫލާ ދެކޮޅަށް ކުޅުނު ފަހު މެޗުގައި، އެ ޓީމުން ވަނީ ލީޑުނަގައިފަ އެވެ. މި ސީޒަން ނިންމާފައި އާ ދަނޑަކަށް ބަދަލުވާން ނިންމާފައި އޮތް އެވަޓަން އިން ރޭގެ މެޗުގައި، ލީޑުނެގީ، ބެޓޯ ޖެހި ގޯލުންނެވެ. މެޗުގެ 11 ވަނަ މިނިޓްގައި ބެޓޯ ގޯލު ޖަހައި، އެވަޓަން އަށް ލީޑުނަގައިދިންތާ ފަސް މިނިޓް ފަހުން، އަލެކްސިސް މެކް އަލިސްޓާ ބޮލުން ގޯލެއް ޖަހައި، ލިވަޕޫލަށް އެއްވަރުކޮށްދިނެވެ.
ދެ ވަނަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކައި، އެވަޓަން އިން ވަނީ، ލަނޑެއް ވެސް ޖަހައިފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އޮފްސައިޑް ކަމަށް ނިންމީ އެވެ. އޭގެ ފަހުން، ތަނަވަސްވި ފުރުސަތެއްގައި، އެވަޓަން އޭރިއާތެރެއިން، ލިވަޕޫލްގެ މުހައްމަދު ސަލާހު 73 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނެވެ.
ލިވަޕޫލް މޮޅުވާނެ ކަމަށް ބެލެވިފައި އޮއްވައި، އިތުރު ވަގުތުގެ ފަސް މިނިޓް ހަމަވެ، އަށް ވަނަ މިނިޓްގައި އެވަޓަން އަށް އެއްވަރުކޮށްދިން ލަނޑު ޖެހީ، ޖޭމްސް ޓާކޯސްކީ އެވެ.
މެޗު ނިމުމާ އެކު، ލިވަޕޫލްގެ ސަޕޯޓަރުންނާ ދިމާލަށް އެވަޓަންގެ އަބްދުﷲ ޑޮކޫރޯ ދިއުމާ އެކު، އޭނާ އާއި ލިވަޕޫލްގެ ކާޓިސް ޖޯންސްގެ ދެމެދުގައި ހިނގި ހަމަނުޖެހުމުގެ ތެރޭގައި، ރެފްރީ މައިކަލް އޮލިވާ ވަނީ ދެ ކުޅުންތެރިންނަށް ރަތް ކާޑު ދައްކައިފަ އެވެ. އަދި އޭގެ ފަހުން، ލިވަޕޫލްގެ ކޯޗު، އާނާ ސްލޮޓް ބުނި އެއްޗެއްގެ ސަބަބުން އޭނާ އަށް ވެސް ރަތް ކާޑެއް ދެއްކި އެވެ.
އެވަޓަން އިން ފަހު ވަގުތު ގޯލު ޖަހައި ލިވަޕޫލް ހުއްޓުވައިފި އެވަޓަން އިން ފަހު ވަގުތު ގޯލު ޖަހައި ލިވަޕޫލް ހުއްޓުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ