ދޯނީގެ ރިޓަޔަމަންޓް ބަހުސަކަށް! ދޯނީގެ ރިޓަޔަމަންޓް ބަހުސަކަށް!

ޗެންނާއި، އިންޑިއާ (އޭޕްރީލް 6) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ޗެންނާއި ސުޕަ ކިންގްސް އަށް ކުޅެމުން އަންނަ މަހިންދުރަ ސިންގް ދޯނީ، ރިޓަޔާކުރާނެ ދުވަހެއްގެ ވާހަކަ އިންޑިއާގައި ބަހުސަކަށްވެފައިވާ ކަމަށް ޗެންނާއިގެ ކޯޗު ސްޓެފެން ފްލެމިން ބުނެފި އެވެ.
އުމުރުން، 43 އަހަރުގެ ދޯނީ، މީގެ ފަސް އަހަރު ކުރިން، އިންޑިއާ ގައުމީ ކްރިކެޓް ޓީމަށް ހުރިހާ ފޯމެޓެއްގައި ކުޅުން ހުއްޓާލި އެވެ. އެކަމަކު، އޭނާ އަންނަނީ އިންޑިއާގައި ކުރިއަށްދާ ފްރެންޗައިސް ކްރިކެޓް ލީގު، އައިޕީއެލްގައި ކުޅެމުންނެވެ. އައިޕީއެލްގައި މިއީ ދޯނީގެ 18 ވަނަ ސީޒަނެވެ. އައިޕީއެލް ފެށިގެން މިހާތަނަށް އައި ހުރިހާ ސީޒަނެއްގައި ވެސް ކުޅެފައިވާ ދޯނީ ވަނީ ޗެންނާއިއާ އެކު، ފަސް ފަހަރު އައިޕީއެލް ކާމިޔާބުކޮށްފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ދިއްލީ ކެޕިޓަލްސް އަތުން ޗެންނާއި 25 ލަނޑުން ބަލިވި މެޗު ބަލަން ޗެންނާއިގެ ޗިދަމްބަރަމް ސްޓޭޑިއަމް އަށް، ދޯނީގެ މުޅި އާއިލާ ވަނީ ގޮސްފަ އެވެ. އެހެންވެ، އިންޑިއާ މީޑިއާގައި ވަނީ މިއީ، ދޯނީގެ ކްރިކެޓް ކެރިއަރުގެ ފަަހު ސީޒަން ކަމަށް އަޑުފެތުރިފަ އެވެ.
އެކަމާ ބެހޭގޮތުން، މީޑިއާގެ ސުވާލުތައް އަމާޒުވާން ފެށުމުން، ޗެންނާއިގެ ކޯޗު ފްލެމިންް ބުނީ، ރިޓަޔާކުރާނެ ދުވަހެއް ކަނޑައަޅާނީ ދޯނީ ކަމަށެެވެ.
"އަހަންނަށް ނޭނގޭ އޭނަ (ދޯނީ) ރިޓަޔާކުރާނެ ދުވަހެއް. އެއީ، އެ ކުޅުންތެރިއަކުގެ އަތްމަތީގައި އޮންނަ ނިންމުުމެއް. ދެން، މި ކަމުގެ ވާހަކަ ކިތަންމެ ގޮތަކަށް ދެކެވުނަސް، ބަހުސެއްގެ ގޮތުގައި ކުރެވުނަސް، މިއީ ޕްލޭޔަރަކު އަމިއްލަ އަށް ނިންމާނެ ކެރިއަރުގެ އެންމެ ބޮޑު ނިންމުން،" 2011 ވަނަ އަހަރު އިންޑިއާ އަށް ވޯލްޑް ކަޕްގެ ތަށި ގެނެސްދިން ކެޕްޓަން، ދޯނީއާ ބެހޭގޮތުން، ފްލެމިން ބުންޏެވެ.
މި ފަހަރުގެ އައިޕީއެލްގައި ޗެންނާއި ކުޅުނު ހަަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވެފައިވާއިރު، އެ ޓީމުގެ ކުޅުމަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. ދިހަ ޓީމު ވާދަކުރާ އައިޕީއެލްގައި ޗެންނާއި މި ވަގުތު އޮތީ ނުވަ ވަނައިގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ