ހެވީލޯޑް ކުންފުނީގެ ތިން ރަށެއް ވިއްކާލަން ދިން ހުއްދަ ހައި ކޯޓުން ބާތިލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ މަސްލަހަތު އޮންނަ ހެވީލޯޑް ކުންފުނިން ލޯނެއް ނުދެއްކުމުން އެ ކުންފުނީގެ ތިން ރަށެއް ވިއްކާލަން ސިވިލް ކޯޓުން ބީއެމްއެލްއަށް ދީފައިވާ ހުއްދަ ހައި ކޯޓުން އިއްޔެ ބާތިލްކޮށްފި އެވެ.
ހެވީލޯޑް ކުންފުންޏަށް ބޭންކް އޮފް މޯލްޑިވްސްއިން ދޫކުރި 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ގެ ލޯނެއް ނުދެއްކުމުން ވިއްކާލަން އިއުލާންކުރީ ލ. ފަރެސް އައިލެންޑާއި ކުޑަ ފަރެސް އައިލެންޑް އަދި ބޮޑުހުރާ އައިލެންޑެވެ. އޭގެ ތެރެއިން ފަރެހާއި ކުޑަފަރެހަކީ ރިސޯޓެކެވެ.
ސިވިލް ކޯޓުގެ ހުއްދައާ އެއްގޮތަށް މިދިޔަ އަހަރު އެ ތިން ރަށް ވިއްކާލަން އިއުލާންކުރި ނަމަވެސް ސިވިލް ކޯޓުން ދީފައިވާ ހުއްދަ ބާތިލްކުރަން ހެވީލޯޑް ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ. އެހެންވެ, ރަށްތައް ވިއްކާލުން މަޑުޖައްސާލަން ހައި ކޯޓުން ކުރިން އޮތީ އަންގައިފަ އެވެ.
ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ރަށްތައް ވިއްކާލުމުގެ ހުއްދަ ދިނުމުގައި ސިވިލް ކޯޓުން އެ ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދާ ހިލާފުވެފައިވާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ހުކުމުގައިވަނީ ވިއްކާލުމުގެ ހުއްދަ ދިނުމުގައި އަގު ކަނޑައަޅާފައިވަނީ ހަމައެކަނި ބީއެމްއެލް އިން ހުށަހެޅި އަގަށް ބަލައިގެން ކަމަށްވާތީ އެވެ. އެހެންވެ, ސިވިލް ކޯޓުން އެ ރަށްތައް ވިއްކާލަން ދިން ހުއްދަ ބާތިލްކުރީ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
ފަރެސް އައިލެންޑާއި ކުޑަ ފަރެސްގައި މިހާރު ހިންގަމުންދާ ރަހާ ރިސޯޓުގައި 100 ކޮޓަރި ހުންނައިރު ހުރިހާ ކޮޓަރިއަކީ ވެސް ބީޗް ވިލާ އެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ