އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި 13 މިލިއަން ސިނގިރޭޓުގެ މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ކޮންޓެއިނަރުތަކުގެ ބައިތަކެއް ތިލަފުށިން ހޯދާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ހެދުނު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އިތުރު މީހަކު ހައްޔަރުކުރީ އިއްޔެ ކަމަށެވެ. އެއީ 52 އަހަރުގެ ފިރިހެނެކެވެ. އެކަމަކު އޭނާގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެ އެވެ.
މީގެ އިތުރުން، މި މައްސަލައިގެ ތަހުގީގު ތެރެއިން އޮކްޓޯބަރު 19، ގައި ތިލަފުށީގެ ސައިޓުތަކެއް ބަލައި ފާސްކޮށް، ވަގަށް ނެގި ދެ ކޮންޓެއިނަރުގެ ބައިތަކެއް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ނޫހަށް ލިބިފައިވާ ފޮޓޯއަކުން ފެންނަ ގޮތުގައި ތިލަފުށީގައި ކޮންޓެއިނަރުތައް ބަހައްޓާފައިހުރީ ރޫޅާލުމަށްފަހު ބައިތައް ވަކިވަކިންނެވެ.
މި މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.
ސިނގިރޭޓު ވައްކަމާއި ގުޅިގެން މީގެ ކުރިން ފުލުހުން ހައްޔަރުކުރީ ބޮޑު ދެ ވިޔަފާރިވެެރިން ކަމަށްވާ އަހުމަދު އާރިފާއި މުހައްމަދު ވަހީދު އާއި ކަސްޓަމްސްގެ ކުރީގެ އޮފިސަރެއް ކަމަށްވާ މުއާޒް އަލީ އަދި ކަސްޓަމްސްގެ ސީނިއާ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް އެވެ.
އާރިފް އާއި ޒިވާރުގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދިނެވެ. މުހައްމަދު ވަހީދުގެ ބަންދަށް ދިނީ 10 ދުވަހެވެ. މުއާޒް ބަންދުގައި ބަހައްޓަން ފުރަތަމަ ފަސް ދުވަސް ޖެހުމަށްފަހު ފަހުން އިތުރު 10 ދުވަސް ވަނީ ޖަހައިފަ އެވެ.
މި މައްސަލައާ ގުޅިގެން ކަސްޓަމްސް އިން ވަނީ ހައްޔަރުކުރި ޒިވާރު ވަޒީފާއިން ސަސްޕެންޑުކޮށްފަ އެވެ. އަދި، އެމްޕީއެލްގެ ހަ މުވައްޒަފަކު ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.
ސިނގިރޭޓު ދެ ކޮންޓެއިނަރު ވަގަށް ނެގީ މީގެ ދެ މަސްދުވަސް ކުރިންނެވެ. އެއީ އޭޕްރީލް މަހު ވަގަށް އެތެރެ ކުރަނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރެވެ. އެ ސިނގިރޭޓުތަކުގެ ޑިއުޓީއަށް ވެސް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރަ އެވެ.
އެ ސިނގިރޭޓުތައް އެތެރެ ކުރީ ސައުދީ ބިންލާދިން ގްރޫޕުން އެތެރެ ކުރި ދެ ކޮންޓެއިނަރުގެ ތެރޭގަ އެވެ. ކޮންޓެއިނަރު އެތެރެ ކުރީ ލިއޯ ޓްރޭޑިން ކުންފުނިންނެވެ. ކަސްޓަމްސް އިން ބުނީ ވަގަށް ސިނގިރޭޓު އެތެރެ ކުރާކަން އެނގިގެން އެ ދެ ކޮންޓެއިނަރު ފްލެގު ކުރީ ކަސްޓަމްސްއިން ކަމަށެވެ.
ކޮންޓެއިނަރުގައި ހުރި ސިނގިރޭޓުތައް ވަގަށް ނެގުމަށްފަހު ވަގުން ހުރީ އެ ތަނުގައި ނަކަލުކޮށް ބެހެއްޓި ދެ ކޮންޓެއިނަރުގެ ތެރޭގައި ފޮޓޯގަނޑެއް ހަރުކޮށްފަ އެވެ. އެ ފޮޓޯގަނޑަކީ، ޕީޕީއެމްގެ އޮފީހަށް މައުމޫން ވަދެވަޑައިގެން "ގރހަނޑާ ދެން" ލިޔެފައި އިން ފާރެއްގެ ކައިރީގައި ހުއްޓިވަޑައިގެން ނަންގަވާފައިން ފޮޓޯގަނޑެކެވެ.
ސިނގިރޭޓުތައް ވަގަށް ނެގީ ބަނދަރުގެ ކެމެރާތައް ނިއްވާލުމަށްފަހު ކަމަށް އެނގިފައިވެ އެވެ. އަދި ނިއްވައިނުލެވި ހުރި ބައެއް ކެމެރާތަކުގެ ފުޓޭޖު ޑިލީޓުކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. ވަގަށް ނެގި ދެ ކޮންޓެއިނަރު ދޯންޏަކަށް އަރުވައިގެން ފުރަތަމަ ގެންދިޔައީ ހުޅުވާލެ ފޭސް 3، އަށް ކަމަށް މި ނޫހަށް މައުލޫމާތު ލިބިފައިވެ އެވެ.
ސިނގިރޭޓު ވައްކަން: އިތުރު މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ކޮންޓެއިނަރުތަކުގެ ބައިތަކެއް ތިލަފުށިން ހޯދައިފި ސިނގިރޭޓު ވައްކަން: އިތުރު މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ކޮންޓެއިނަރުތަކުގެ ބައިތަކެއް ތިލަފުށިން ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ