އެމެރިކާ ރުޅިއަޔަސް، ޖީ 20ގެ ނިންމުން ބަދަލެއް ނުކުރެވޭނެ: ދެކުނު އެފްރިކާ
ޖޮހަނަސްބާގް (23 ނޮވެންބަރު 2025): ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ޖީ 20 ގެ ގައުމުތަކުގެ ސަމިޓުން ފާސްކުރި ގަރާރަށް އެމެރިކާއިން ދެކޮޅު ހެދިނަމަވެސް އެ ގަރާރަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށް ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާ ވިދާޅުވެއްޖެއެވެ. ދެކުނު އެފްރިކާގެ ޖޮހަނަސްބާގްގައި މިއަދު ނިމުނު ޖީ 20 ގެ ގައުމުތަކުގެ ސަމިޓްގެ އިއްތިފާގުން ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމާބެހޭ ގަރާރު ފާސްކުރުމާ ގުޅިގެން އެކަމާ ކަންބޮޑުވާކަން ހާމަކުރައްވައި، ދެކުނު އެފްރިކާއަށް ފާޑުވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ރަމަފޯސާގެ ފަރާތުން ވާހަކަދެއްކެވި އޭނާގެ ތަރުޖަމާނުން ވިދާޅުވީ ތިމާވެށި ހިމާޔަތްކުރުމުގެ ގަރާރު އެކުލަވާލާފައިވަނީ މުޅި ދުނިޔޭގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކައި ކަމަށާއި އެ ގަރާރު އެކުލަވާލުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމުގައެވެ. މި ގަރާރު ފާސްކޮށްފައިވަނީ އެމެރިކާ ފިޔަވައި ޖީ 20 ގައި ހިމެނޭ އަނެއް 19 ގައުމުގެ ތާއީދާ އެކުގައި ކަމަށްވާތީ އެމެރިކާ ދެކޮޅު ހެދިނަމަވެސް ދެން އެ ގަރާރަށް އެއްވެސް ބަދަލު ނުގެނެވޭނެކަމަށް ރަމަފޯސާގެ ތަރުޖަމާނުން ވިދާޅުވިއެވެ. ސައެންސްގެ ހަގީގަތްތަކަށް އިންކާރުކުރައްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ޖޯކު ޖައްސަވާ ބޭފުޅެކެވެ. މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ވާހަކައަކީ ގަރުނުގެ އެންމެ ބޮޑު ދޮގު ކަމަށް ސިފަކުރައްވާ ބޭފުޅެކެވެ. އަދި، އިލްމީ ހަގީގަތްތަކާއި ސައެންސްގެ ތިޔަރީތަކާއި އަސާސްތައް ގަބޫލުކުރަން ދެކޮޅު ހައްދަވާ ބޭފުޅެކެވެ. ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ޖީ 20 ގެ ގައުމުތަކުގެ ސަމިޓުން ގަރާރެއް ފާސްކުރުމުން ޓްރަމްޕް ވަނީ ޖޮހަނަސްބާގްގައި ބޭއްވި ޖީ 20 ގެ ސަމިޓަށް އެމެރިކާ ހާޒިރުނުވެ، އެމެރިކާއިން އެ ސަމިޓް ބޮއިކަޓް ކުރުމުން އެކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ދެކުނު އެފްރިކާއިން ޖީ 20 ގެ ރިޔާސަތު "ހަތިޔާރަކަށް" ހެދިކަމަށް ތުހުމަތު ކުރައްވާފައެވެ. އެމެރިކާ ބޭނުންނުވާ ގަރާރުތަކަކާއި ނިންމުންތައް އެ ސަމިޓުން ފާސްކޮށްފައިވާ ކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ މިއީ ޖީ 20 ގެ ރިޔާސަތަށް ދެކުނު އެފްރިކާއިން ނުފޫޒު ފޯރުވުން ކަމަށް ވިދާޅުވެ، ވަރަށް ހަރުކަށިކޮށް ވާހަކަދައްކަވާފައެވެ. ޖީ 20 ގެ ގައުމުތަކުގެ ސަމިޓުން ގަރާރުތައް ފާސްކުރަނީ އަދި ނިންމާ ނިންމުންތައް ގުޅިފައިވާ ބަޔާން ނުވަތަ ޖޮއިންޓް ކޮމިއުނިކޭގެ ގޮތުގައި ފާސްކުރަނީ ސަމިޓްގައި ބައިވެރިވާ ހުރިހާ ގައުމުތަކެއްގެ ރުހުމާ އަދި އެއްބަސްވުމާ އެކުގައެވެ. ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރުމަކީ ޓްރަމްޕްގެ ޒައާމަތުގައި އެމެރިކާ ދެކޮޅު ހަދާކަމެކެވެ. ސަބަބަކީ ޓްރަމްޕަކީ ތިމާވެއްޓާބެހޭ ސައެންޓިފިކް ހަގީގަތްތައް ގަބޫލުކުރައްވާ ބޭފުޅަކަށް ނުވާތީއެވެ. ޓްރަމްޕްގެ ޒައާމަތުގައި އެމެރިކާއިންވަނީ ތިމާވެއްޓާބެހޭ ޕެރިސް އެގްރީމެންޓުން ވެސް ވަކިވެފައެވެ. އަދި، ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރުމަށް ބޭނުންވާ އެއްބާރުލުން ބައިނަލްއަގުވާމީ މުޖްތަމައަށް ދިނުމަށް ވެސް ޓްރަމްޕްގެ ޒައާމަތުގައި އެމެރިކާ ގެންދަނީ ދެކޮޅު ހަދަމުންނެވެ. އެމެރިކާ ދެކޮޅު ހެދި ނަމަވެސް ދެކުނު އެފްރިކާގައި ބޭއްވި ޖީ 20 ގެ ސަމިޓުން މިއަދުވަނީ ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރުމާބެހޭ ގަރާރު ފާސްކޮށްފައެވެ. އެމެރިކާއަކީ ޖީ 20 ޖަމާއަތުގެ މެންބަރެއް ނަމަވެސް ސަމިޓްގައި އެމެރިކާ އެއްވެސް ލެވެލްއެއްގައި އެއްވެސް ވަރަކަށް އެމެރިކާ ބައިވެރިވެފައިނުވާތީ ސަމިޓްގެ އިއްތިފާގު ހޯދުމަށް އެމެރިކާ ބޭނުމެއް ނުވެއެވެ. ނަމަވެސް، ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި ސަމިޓް ބޮއިކަޓް ކުރިނަމަވެސް އެމެރިކާއަކީ ޖީ 20 ގެ މެންބަރު ގައުމެކެވެ. އެހެންކަމުން އެމެރިކާ ބޭނުންނުވާ އެއްވެސް ގަރާރެއް އެއްވެސް ސަމިޓަކުން ފާސްކޮށްގެން ނުވާނެއެވެ. މިއާއެކު ޓްރަމްޕް ވަނީ ޖީ 20 ގެ ސަމިޓްތަކުގައި ޒަމާނުއްސުރެ އަމަލުކުރަމުންދިޔަ ގޮތަށް ދެކުނު އެފްރިކާ ގޮންޖަހާފައިވާ ކަމަށް ތުހުމަތުކުރައްވައި މިކަން ގަބޫލުނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ޖީ 20 ގެ ސަމިޓުން ފާސްކުރި ގަރާރުގައި ގްރީން ހައުސް ގޭސްތަކުން ދުނިޔޭގެ ޖައްވަށާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ ނުރައްކާތެރިކަން ފާހަގަކޮށްފައިވެއެވެ. އަދި، އިއާދަކުރަނިވި ހަކަތައާ ގުޅޭ އަމާޒުތަކަށް ވާސިލްވުމަށް އެ ގަރާރުގައި ވަނީ ބާރުއަޅައި އެކަމަށް ވަރަށް ބޮޑަށް ހިތްވަރު ދީފައެވެ. މީގެ އިތުރުން، ދަރަނީގެ ސަބަބުން ފަގީރު ޤައުމުތަކަށް ކުރާ އަސަރުތަކަށް ރިއާޔަތްކުރުމަށް ވެސް އެ ގަރާރުގައިވަނީ ވަރަށް ބޮޑަށް ބާރުއަޅައިފައެވެ. މިއީ އެމެރިކާގެ އަމިއްލަ އެދުންބޮޑު މަސްލަހަތާ އިދިކޮޅު ކަންކަން ކަމަށްވާތީ މިއީ އެމެރިކާއިން ދެކޮޅު ހަދާ ކަންކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ