ޖުންޖުލާ 3

"މިދިރިއުޅުމުގައި އެހެން މީހުން ކަޑައްތުކުރަނީ ކޮންފަދަ ދަތި އުދަގޫ ހާލަތެއްކަން މޫނަށް ބަލާފައެއް ނޭގޭނެއެވެ. އެހީތެރިވެ ހިނިތުންވުމަކީ އެފަދަ މީހުންނަށް ލިބޭނެ ހިތްހަމަޖެހުމެކެވެ." *** "މަގު އޮޅުނީ.....ހެޔޮ މަގުން ދާން މަސައްކަތްކުރަން ޖެހޭނީ......އެންމެނަށް އެހާ ފަސޭހަކަމެއްނޫން...ޚާއްސަކޮށް މަސްތުވާ އެއްޗެހީގެ ވަބާގައި ޖެހުނީމަ ސިކުނޑި މުޅިން އެފުށްމިފުށަށް ޖެހޭނީ...އެހެންވެ އެކަމާއި ދުރަށް ދުވާންވީ..ދެދުނިޔޭގެ ހަލާކު...މަންމަ އެކަމުން ސަލާމަތްކުރަން ދަރިފުޅުވެސް މަސައްކަތްކުރޭ..މާމައަށް ވިސްނޭ...އެކަމުގެ ތެރެއަށް ވަންނަނީ ނުބައިނުލަފާ ވެގެނެއްނޫން. ހާލަތު ހުންނަގޮތުން. ނަމަވެސް އެމީހެއްގެ ޒިންމާއެއް އެކަމުން ދުރުވުމަކީ.އެއީ މާމަ ގަބޫލުކުރާގޮތް..މާމަ ހާދަ ދުޢާކުރަމޭ..އެކުއްޖާއަށް ހިދާޔަތް ލިބުމަށް އެދި......އާރިކް..މަންމަގެ ހާލު ކިހިނެއް؟" ދަރިފުޅުގެ ނުބައިނުލަފާ ކަމާއިއެކުގައި ވިޔަސް މާމަގެ ހިތުގައިވަނީ ރަހުމާއި ލޯތްބެވެ. އާރިކްއަށް ލޯ މަރައިލެވުނެވެ.އޭނަގެ ލޮލުގައި ކަރުނަ ގިނަވެގަތެވެ. *** އޭރުވެސް ކޮންމެވެސް ވަރަކަށް ވާރޭވެހެމުން ރުއްތަކާއި ގަސްތައް ރިހިކުލައިގެ ފަރުދާއެއްގެ ފަހަތުން ފެންނަ ހިޔަނިތަކެއް ފަދައެވެ. ނިމުމެއްނެތް ބަލިމީހުންތަކުގެ އިތުރުން އެންމެ ނުރައްކާތެރި އަންހެންކުއްޖާ އަލާނާގެ ފަރާތުން ސަލާމަތްވެގެން ނުކުމެވުމުން ހިތަށް ތަފާތު ހަމަޖެހުމެއް ލިބުނެވެ. އޭނަ ދެކޭގޮތުގައި އަލާނާއަކީ ސްކަރްބްސްގައި ހުންނަ އިންސާނީ "ހަރިކޭން"އެކެވެ. މިނިވަންކަން ލިބުމުގެ އުފާވެރިކަން ބަސްބުނާ ހިނދުކޮޅެއްގެ ތެރޭގައި ނިގުޅައިގަނެވިއްޖެއެވެ. އާރިކް ކާރަށް އަރަން ދަނިކޮށް މީހަކު ގޮވައިލިހެން ހީވިއެވެ. "ޑޮކްޓަރ....ހޭއި ޑޮކް...."އެތޫނު އަޑު ސައިރެންއެއް އަޅުވައިލިފަދައިން ވާރޭގެ އަޑު ކަފައިލިއެވެ. އެއާއެކު ދަންނަ ފިޔަވަޅުތަކެއްގެ އަޑު ކަންފަތުގައި ޖެހުނެވެ. އަލާނާގެ ޗައްޕަލުން ފެންގަނޑުގައި ބަކަތަޅާ އަޑު ހަރުވަމުން ހިނދަކަށްވުރެ ހިނދެއް ގާތްވަމުން އައެވެ. އާރިކްގެ މެޔަށް ފިނިވެގެން ދިޔުމާއެކު ހުރިތަނަށް ގަނޑުވިއެވެ. ލޯ މަރައިލެވުނެވެ. ނޫން.. މިހާރަކު ނޫން..... ޔާރައްބު ސޭވް މީ......ނަމަވެސް އެނބުރި ބަލައިލެވުނީ އެކުއްޖާ އެވަރަށް ހަޅޭއްފަޅޭއްޖަހަމުން އައީ ކިހާވަރެއްގެ އިމަޖެންސީއެއްވެގެން ތޯ ބަލައިލުމަށެވެ. އޭރު ސާޅީސް ފަސްޑިގްރީއަށް ލެނބިފައިވާ ކުޑައެއް ބޮލަށް ނަގައިގެން އަންނަ ތަން ފެނުނެވެ. އިސްތަށިގަނޑު މޫނުގައި ތަތްލައްވާފައެވެ. އެކަމަކު ހެވި ދިއްލިފައި ހުރިގޮތުން މިހާ ރީތި މޫސުމެއް ނުދެކޭފަދައެވެ. "ބާއިވެސް ނުކިޔާ ތިދަނީ؟" އަލާނާ އޭނަގެ ކައިރިއަށް ހުއްޓި ކުށްވެރިކުރާ ފާޑަކަށް ބުނެލިއެވެ. "އޭނ؟ އެހެން ބުނަން ތިއައީ؟" އާރިކް ސިހޭގޮތްވިއެވެ. ނަރުތައް ހަލާކުވެ ވަޔާއިހެދި މައްޗަށް އެއްބައި ހިއްލިފައިވާ ކުޑައިން އެއްވެސް އެހީތެރިކަމެއް ލިބެނީއެއްނޫނެވެ. "އަލާނާ...."އޭނަގެ ކެތްތެރިކަން ކޮޅުންލައިގެން ދާންފެށިއެވެ. "އަހަރެން ހޮސްޕިޓަލުގައި ބާރަަގަޑިއިރު ހޭދަކުރަން.....އަހަންނަށް ހީވަނީ އެންމެ ފަހަރަކު ހިމޭންކަމާއެކު ނުކުމެގެން އަޔަސް މި ގުޅުން ދެމި އޮންނާނެހެން......." "އޯ...އެހެންވީމަ ތިބުނީ އަހަރެމެންގެ ގުޅުމެއް އެބައޮތޭ؟ އަހަރެން އެންމެން ކައިރީ ބުނަންވީ ނޫނީ އާރިކް ރަސްމީކޮށް އިއުލާންކުރާނީ؟" "އަހަރެން ބުނީ ތިހެނެއްނޫން.....އަހަރެން.."އޭނަ ފުން ނޭވާއެއް ދޫކޮށްލިއެވެ. "ރިލެކްސް ޑޮކް..."އަލާނާ އާރިކް ވަށާލާފައިގޮސް ކާރުގެ ދޮރު ކައިރީގައި ހުއްޓުނެވެ."އަބަދު ހާދަ ސީރިޔަސްވެފައި ތިހުންނަނީ؟އެނގޭތަ؟ ސްޓްރެސްވީމަ މޫނުގައި ރޫ ޖެހޭކަން..." "އެހެންވިއްޔާ ހަފްތާއެއްހާ ދުވަސްވާއިރު ހީވާގޮތުން ނުވަދިހަ އަހަރުމީހެއްހެން ހީވާނެ.."އޭނައަށް ބުނެވުނެވެ. އަލާނާ ހެވިލާފައި ހުރެ ކުޑަ ދިއްކޮށްލިތަނާ ވަޔާއެކު ކުޑަ އުދުހިގަތެވެ. އަލާނާ ފުންމައިގެންގޮސް ކުޑައިގާ ހިފެހެއްޓިއެވެ. އޭނައަށް ބަލައިލެވުނީ ހަލާކުވެ ފުރާނަ ހުސްވާން ކައިރިވެފައި އޮތް ކުޑައަށެވެ. އަދި އަލާނާގެ ވިދާ މޫނަށެވެ."އެނގޭތަ އަލާނާ؟ ބައެއްފަހަރު އަހަރެން ހިތަށް އަރާ މިތަނަށް ފޮނުއްވީ މެޑިކަލް ޓެސްޓެއްގެ ގޮތުގައޭ؟" "ކޮންކަހަލަ؟" "މަގޭ ޕްރެޝާ ޗެކްކުރަން..." އަލާނާ ހީގަނެފައި އަތްތިލަ ޖަހައިލިއެވެ."ބަލާލަބަލަ...އާރިކްއަށްވެސް ޖޯކު ޖަހަން އެނގޭ. އަދިވެސް އުއްމީދުކޮޅެއް އެބައޮތް....ޑޮކްޓަރ ސީރިޔަސް...އަސްލު މިހާވަރުން ފަހަތުން ދުވެފައި މިއައީ މީތި ދޭން...ނޭގޭ....މިއީ ކޯނޗެއްކަމެއް..އެކަމަކު މި ކޮތަޅު އޮތީ އާރިކްގެ ޑެސްކްމަތީގައި....." އަލާނާ އުރުގައި ޖަހާފައި ހުރި ކޮތަޅު ދިއްކޮށްލިއެވެ. އޭގެ ބައްޓަން އޮތީ ދޮންކެޔޮ ވަހެއްހެންނެވެ. "ތިއީ މަގޭ އެއްޗެއް ނޫން." "ދެން މިއީ ކާކުގެ ބަނާނާއެއްތަ؟ އަހަރެން މިހާވަރުން މިއަށް ހިމާޔަތްދީގެން ވިހި މިނިޓަށް މިހިރީ؟" އޭނައަށް ނޭފަތުގައި މަޑުމަޑުން ނިތްކުރީގައި އަތް ޖައްސައިލެވުނެވެ."އަލާނާ ކީއްވެ މަގޭ ފަހަތުން ތިއަންނަނީ؟" "ފަހަތުން އަންނަނީއޭ؟" އަލާނާ ވަރަށް ޑްރާމާވެލާފައި ލޯ ބޮޑުކޮށްލިއެވެ."އެކްސްކިއުޒްމީ...އަހަރެން މިހާވަރަށް އިމޯޝަނަލް ސަޕޯޓްދިނީމަ ތިހެން ބުނަން ހެޔޮނުވާނެ. ވަރަށް ސްޓްރެސްވެފައި ހުރީމަ.." "ވާރޭގެ ތެރޭގައި ތިބުނާ ސަޕޯޓެއް ދޭން އައީ؟" "އާނ....ވާރޭ އެހީތެރިވާނެ....އިމޯޝަނަލް ޑިސްޗާޖް..ގުގުރި ތެރަޕީ........" "ތިއީ އޮންނަ އެއްޗެއްނޫން..." "މިހާރު އަހަރެން އެ ތެރަޕީވެސް އިތުރުކޮށްލީ.."ޢަލާނާ ފަޚުރުވެރިވެލިއެވެ."އާ އެއްޗެއް ތާ..." "ޢަލާނާ..ޕްލީޒް. އަހަރެން ގެއަށް ދާންވެއްޖެ..."އޭނަ ކާރުގެ ދޮރު ހުޅުވައިލިއެވެ. "އަހަރެންވެސް ކާރެއް ނުލިބިގެން ރައިޑެއް ލިބިދާނެތޯ އަހަންވެެގެން މިއައީ؟ މިހާ ވިއްސާރައިރު އެނގެއެއްނު ޓެކްސީގަނޑެއް ނުލިބޭނެކަން..." "ޢެންމެ ރަގަޅު...." އާރިކްގެ ޖުމްލަ ފުރިހަމަނުވަނީސް އަލާނާ އުފަލުން ހަޅޭއްލަވައިގެންފާ ނެށުމުގެ ހަރަކާތެއް ގެނައުމާއެކު ދެވަނަ ސިކުންތުކޮޅުގެ ތެރޭގައި ފެނުނީ ފެންގަނޑެއްގެ ތެރެއަށް ގޮސް ގުޅައަކަށް ޖެހުނުތަނެވެ. މުޅި ތަނަށް ފެންގަނޑު ބުރުއްސައިގެން ދިޔައީ ފިލްމެއްގެ މަންޒަރެއްފަދައިންނެވެ."ފެނިއްޖެތަ؟ ހައިޑްރޯތެރަޕީ....." ކޮމެޑީ ޝޯއެއްހެން ނިއުޅެވުނު މަންޒަރު ބަލަން ހުރި އާރިކްއަށް ބޮލުގައި އަތުން ޖަހައިލެވުނެވެ. "ސައިކޭޓްރިސްޓެއްކަން މިހާރު ޔަގީންވެއްޖެ......." "ތެންކިއު..."އަލާނާ އުފަލުން ފޮޅިފައި ހުރެ ފެންގަނޑުގެ ތެރެއިން ތެދުވުނެވެ." އަހަރެން އޮޔާ ނުދަނީސް ގެއަށް ގެންގޮސްދީބަލަ..." އާރިކް ޕެސެންޖާ ދޮރު ހުޅުވާލަދިނެވެ."އެންމެ ރަގަޅު..އެކަމަކު މާ ގިނަ ވާހަކަ ނުދައްކާ މަތިން......" "ޔަގީން. އަހަރެން އޮންނާނީ ލަވަކިޔަން.." ކާރު ނައްޓައިލިތާ ފަސް ސިކުންތު ނުވަނީސް އަލާނާގެ އެއްވެސް ރާގެއްނެތް ބަދިވަރުގެ އަޑު ކާރުތެރޭގައި ގުގުމައިލިއެވެ. "އަހަންނަށް ހީވަނީ އެހެން ތަނަކަށް ބަދަލުވާންވީހެން..."އާރިކް ހެޑްސެޓް އަޅައިގެން ގުރުއާން އަޑުއަހަންފެށިއެވެ. އެއާއެކު "ތަގުވާ"ގެ ސަބަބުން ހިތުގައި ކޮންމެވެސް ކަހަލަ ބިރުވެރިކަމެއް ހިނގަންފެށިއެވެ. އޭނަ އަންހެނުންނާއި ދުރަށް އޭނަ ދުވުމުގެ އެއް ސަބަބަކީ އޭނަގެ މަންމައެވެ. ދެވަނަ ސަބަބަކީ މާމަގެ ނަސޭހަތެވެ. ނަމަވެސް ތިންވަނަ އަދި އެންމެ މުހިއްމު ސަބަބަކީ ދީނުގައި އަންގަވާފައިވާގޮތަށް އުޅެން މަސައްކަތްކުރާކަމެވެ. އޭނަދެކޭގޮތުން ހަޔާތުގެ ބައިވެރިޔަކަށްވާންވާނީ އަޅުވެރި ކުއްޖެކެވެ. އޭނައަށް ކަމުދަނީ ހިޖާބު އަޅާކުދިންނެވެ. ލަދުރަކި ބަސްއަހާ ކުދިންނެވެ. ނަމަވެސް އަލާނާ އެއާއި ދިމާއިދިކޮޅެވެ. ދުވަހަކުވެސް ސަލާމް ގޮވާލުން ނޫނީ "އިންޝާﷲ"ފަދަ ބަހެއްވެސް ބުނެލިކަމެއް ނޭގެއެވެ. ނަމާދުކުރާކަމެއްވެސް އެނގެނީއެއްނޫނެވެ. މިކުއްޖާ ފޮނުވަން ޖެހެނީ ދާއީއެއްގެ ކައިރިއަށެވެ. ފަހަރެއްގައި ދީނީ އިލްމާއެކު ހިދާޔަތް ލިބިއްޖެއްޔާ މިހިރަ ކޫސަނި މޮޔަގޮތްގަނޑު މިޒާޖުން ފިލާފާނެއެވެ. އިންނާނެ މީހަކުވެސް ވެދާނެއެވެ. އަލާނާގެ ފިރިޔަކު ހުރެދާނެހެއްޔެވެ؟ ހުރިނަމަ މިހެނެއްނުވާނެއެވެ. އޭނަގެ ފަހަތުގައި އަޅުވާފައިވާވަރުން ސަލާމަތަށް އެދި ދުޢާކުރެވުނު އަދަދެއްވެސް ނޭގެއެވެ. *** އެރޭވެސް ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުންދިޔައެވެ. ތޫފާނަކަށްނުވިޔަސް ހިމޭން ވާރޭ ހުރިހާ އެއްޗެއްގައި ފިރުމަމުންދަނީ ކޮންމެެވެސް ކަމެއް ހަނދާންވެގެން އުޅޭ ފަދައަކުންނެވެ. ހުޅުވިގައިވާ ކުޑަދޮރުން ވާރޭގެ އަޑު ކޮޓަރިތެރެއަށް ފޭދިގަތީ ތެތް ބިންގަނޑާއި ކާރުތަކުގެ ބަރުގޮނުގެ އަޑުވެސް ހިފައިގެންނެވެ. އާރިކް އެނދުގައި އޮތްއިރު ނަޒަރުވަނީ ސީލިންއަށް ހުއްޓިފައެވެ. ދޮރުގައި ދަމާފައިވާ ފަރުދާއިން ވަންނަ އަލި އޭނަގެ އަތުގައި އެކި ޑިޒައިން ކުރަހަނީއެވެ. އެއީ އެއް އިރެއްގައި އޭނަ މަންމަގެ ހިމާޔަތަށް އެދި ދިއްކޮށްލި އަތެވެ. އެތައް އަހަރެއް ފާއިތުވެގެން ދިޔައީ އެއަތުގައި ހިފައިލާނެ އެހެން ފުރުސަތެއް ނުދީއެވެ. އެކަމަކު ވާރޭ ވެހުމުން އެރޭ ގާތްވަނީ ދުވަހަކުވެސް ވަގުތު ދައުރުނުކޮށް މަޑުޖެހިފައިވާފަދަ ގޮތަކަށެވެ. އޭނަގެ މުސްހަފް އޮތީ ކައިރީގައި ހުރި ކުޑަ ވަކަރު މޭޒެއްގެ މަތީގައި ހުޅުވާލާފައެވެ. އައި ވައިރޯޅިއަކާއެކު ސަފުހާތައް ކުޑަކޮށް ހިރިލިއެވެ. އޭނަގެ ލޯ އަމާޒުވީ ވާރޭ ވެހުމުގެ ކުރިން ކިޔަން އޮތް އާޔަތަށެވެ. އަލް އިސްރާ ސޫރަތުގެ ތޭވީސްވަަނަ އާޔަތުގައި ﷲ ވަހީކުރައްވާފައިވެއެވެ. "وَقَضٰى رَبُّكَ اَلَّا تَعْبُدُوْٓا اِلَّآ اِيَّاهُ وَبِالْوَالِدَيْنِ اِحْسٰنًاۗ މާނައަކީ އެކަލާނގެއަށް ނޫނީ ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ކަނޑަ އަޅުއްވާ އެންގެވިއެވެ," އޭނަ އެތައްފަހަރު އެ އާޔަތް ކިޔެވިއެވެ. ހިތުދަސްވަންދެންނެވެ." މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ," އޭނަ ބޭނުންވީ އެ އާޔަތްތައް ރޫހުގެ އެންމެ ފުނަށް ފޯރިކޮށްދިނުމަށެވެ. އެކަމަކު އެ ގުގުމައިގެން ދިޔައީ ހަމައެކަނި މޭގައިވި ހުސްކަމުގެ ތެރޭގައެވެ. އޭނަގެ ޚިޔާލުގެ ދުރުމީއަށް މާޒީގެ ރެއެއް ސިފަވިއެވެ. މަންމަ ހުރި ސިފަ އެހާ ސާފުކޮށް ނުފެނުނެވެ. ވާރޭގެ ތެރޭ އަލިކަން ފިޔަޖަހާހެން ހީވިއެވެ. މަންމަގެ ހެދުން ތެމިފޯވެފައިވާ ގޮތާއި އެނބުރިގެން ހިނގައިގަތް ތަން އަދި ގޮސް ތޫފާނުގެ އަނދިރިކަމުގެ ތެރެއަށް ގެއްލުނުތަން ފެނުނެވެ. އޭނަ ޅައެވެ. މާބޮޑު އެއްޗެއް ނުވިސްނުނެވެެ. ނަމަވެސް އޭނަ އެކަނިވުމުން މަންމައަށް ގޮވާފައި ރުޔެވެ. ހިމަ ހިމަ އަޑެކެވެ. ގުގުރި އެ އަޑުވެސް ދިރުވައިލީއެވެ. އޭނަ ބޮލުގައި ދެއަތުން ހިފަހައްޓައިލުމާއެކު ޚިޔާލުގެ ތެރެއިން ނުކުމެވުނެވެ. އޭނަގެ ހިތުގައި ތިއްސަންފެށީ ސިކުނޑި އޮޅުން ބޮޅުންވެގެންނެވެ."އަހަރެންދެން ލޯބިނުވާ މީހެއްދެކެ ލޯބިވާނީ ކިހިނެއް؟ މަންމައަކު ދަރިއަކު އެއްލާލާފައި ދާނީ އެ ހިތުގައި އެއްވެސް ކަހަލަ ލޯތްބެއް ނެތީމަ......" ހިމޭންކަމުގެ ތެރެއަށް ބުނަމުން ދިޔައެވެ. އަނެއްކާވެސް މުސްހަފަށް ބަލައިލެވުނެވެ. އާޔަތް އައީ ޖަވާބު ހިފައިގެންނެވެ. އަމުރެއްނޫނެވެ. އެއީވެސް ރަހުމަތުގެ އާޔަތެކެވެ. މައިންބަފައިންނަށް އޯގާތެރިވުމަށެވެ. އޭނައަށް ދޭހަވީ ލޯތްބަކީ އަބަދުވެސް އެބުނާފަދައިން ހިތުގައި އުފެދޭ އިހުސާސެއް ނޫންކަމެވެ. ބައެއްފަހަރު އެއީ ކިޔަމަންތެރިކަމެވެ. ބައެއްފަހަތު އެއީ މާފުދިނުމަށް ފުރުސަތުދިނުމެވެ. މާފުދިނުމަކީ މުސްތަހީލްކަމަކަށް ވާ ހާލަތްތަކުގައިވެސްމެއެވެ. "ޔާ ﷲ...ކްލީން މައި ހާޓް...ދަރިއަކު މަންމަދެކެ ލޯބިވާ އުސޫލުން ލޯބިނުވިޔަސް...ﷲ ތައާލާ ވަހީކުރައްވާފައި ތިވާހެން މަންމައަށް އޯގާތެރިވުމުން ހިތުގައި ލައްވާދޭވެ...." ވާރޭ ބޯކޮށްލިއެވެ. އެއް ރާގަކަށް ނާނާ އަޅުވާހެންނެވެ. އެތައް އަހަރެއްގެ ހަނަފަސްކަމަށްފަހު އޭނަގެ ނަފުސްގެ ކޮންމެވެސް ދިމާލެއްގައި އޮށެއް ވަޅުލެވިއްޖެއެވެ. އަދި ލޯތްބެއްނޫނެވެ. ހޫނުކަމެއްވެސް ނޫނެވެ. ނަމަވެސް މަޑުމަޑު އިހުސާސްއެއްގެ ފެށުމެވެ. އޭނަ މުސްހަފް ލައްޕައިލުމަށްފަހު ފެތުރިފައިވާ ހިމޭންކަން ފުރުމުގެ ފުރުސަތު ވާރެއަށް ދިނެވެ. ބޭރުގައި ދުނިޔޭފައި ދުވަނީ މުޅިން ތާޒާވަހެކެވެ. އޭނަ ލޯ މަރައިލަމުން ޚިޔާލުތައް ހުސްކުރަން މަސައްކަތް ފެށިއެވެ. *** އާރިކް ޑިއުޓީގައި ހުރެފައި އޭނަގެ މަންމަ އޮތް ކޮޓަރިއާއި ދިމާލަށް ހިނގައިގަތްއިރު ނަސީބަކުން އަލާނާ ފެންނާކަށް ނެތެވެ. ކޮޓަރީގެ ދޮރު ހުޅުވައިލުމާއެކު ނޭފަތުގެ ހިނދުރިއަށް ވަނީ ބީރައްޓެހި ވަހެކެވެ. މާސްކެއް ނުގެނެވުނުކަމާއިމެދު ހިތާމަކުރަމުން އޭނަ ސަލާމްގޮވައިލިއެވެ. އޭނަގެ މަންމަ ޖެނީފާ ކުޑަދޮރު ކައިރީގައި އިށީދެގެން އިނދެފައި އަތުގައި އޮތް އެއްޗެއް ވަގުތުން ކުޝަންގެ ދަށަށް ލާ ފޮރުވިއެވެ. އަދި އެއްފަރާތުގައި ހުރި ސެންޓުފުޅިން ހެދުމުގެ އެކިތަންތަނަށް ޖަހަންފެށިއެވެ. "ކޮބާ ލޮއްލި ބޮއްލި؟" "އެއީ ކާކުތަ" އާރިކް ސުވާލުކުރިއެވެ. "އަބަދު ތަތްލަވާފައި ހުންނަ މަންޖެ....." ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ