ތިމަރަފުށީގެ ޞިއްޙީ ނިޒާމަށް ބޭނުންވާ ތަރައްޤީ ކަށަވަރުކޮށްދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި

ރައްޔިތުންނަށް ބޭނުންވާ ކަންކަން އެކަށީގެންވާ ގޮތެއްގައި ފުރިހަމަކޮށްދެއްވުމަކީ އެމަނިކުފާނުގެ ޒިންމާ ކަމަށާ، މި މޭރުމުން، ކޮޅުމަޑުލު ތިމަރަފުށީގެ ރައްޔިތުންނަށް ޞިއްޙީ ދާއިރާއިން ބޭނުންވާ ތަރައްޤީ ކަށަވަރުކޮށްދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވެފައި ވަނީ، ރާއްޖޭގެ 4 އަތޮޅެއްގެ މީހުންގެ ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ތ. ތިމަރަފުއްޓަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
ތިމަރަފުށީގައި ތަރައްޤީކުރާ ހޮސްޕިޓަލުގެ މަސައްކަތް މަޑުޖެހިފައި އޮތްއޮތުން ނިމުމަކަށް ގެންނަވައި، ހުރިހާ ކަމެއް ފުރިހަމަވެފައިވާ ހޮސްޕިޓަލެއް، ބާރު ދުވެލީގައި ތަރައްޤީކޮށްދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އަދި ހޮސްޕިޓަލުގެ މަސައްކަތް ނިމުމުގެ ކުރިންވެސް، ރަށުގެ ޞިއްޙީ ނިޒާމަށް ތަރައްޤީ ބޭނުންވާކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޞިއްޙީ މަރުކަޒުތަކުގެ އެންމެ މަތީ ފެންވަރުކަމުގައިވާ ލެވަލް 4 ގެ ޞިއްޙީ މަރުކަޒަކަށް ތިމަރަފުށީ ޞިއްޙީ މަރުކަޒު ބަދަލުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް، 3 މަސްދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށެވެ.
ތިމަރަފުށީގެ އާންމު އުމްރާނީ ތަރައްޤީގެ ދާއިރާއަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށުގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ ތެރެއިން ބަނދަރު ބޮޑުކުރެވިގެންދާނެ ކަމަށާ، މިކަމުގެ ސަބަބުން އެތައް ކަމަކަށް ކުރިއެރުން ލިބިގެންދާނެކަމުގައި ވިދާޅުވެފައެވެ. އަދި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢު ނިމިގެންދިއުމުން ރައްޔިތުންނަށް އެތައް ފަސޭހައެއް ލިބޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ގެދޮރުވެރިކަމުގެ ދާއިރާއިންވެސް ތ. ތިމަރަފުށީގައި މަސައްކަތްތަކެއް ކުރިއަށްގެންގޮސްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން މިހާރު ނިމިފައިވާ ހައުސިންގް ޔުނިޓްތަކަށް ފެނާއި، ކަރަންޓު އަދި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ދާދި އަވަހަށް ކުރިއަށްގެންގޮސް ނިންމަވައިދެއްވައި، އަންނަ ރަމަޟާން މަހުގެ ކުރިން އެ ޔުނިޓްތަކަށް ވަދެވޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން ތަރައްޤީކުރައްވާ ހައުސިންގް ޔުނިޓްތަކަށް ދައްކަންޖެހޭ ކުލީގެ އަގު ހެޔޮކޮށްދެއްވާފައިވާއިރު، ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ މިންވަރު، 10،000 ރުފިޔާއަށް ކުޑަކޮށްދެއްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން އިތުރު 100 ހައުސިންގް ޔުނިޓްގެ މަސައްކަތް ކުރިއަށްގެންގޮސްދެއްވާނެކަމުގައިވެސް އެމަނިކުފާނު ވަނީ އިޢުލާންކުރައްވާފައެވެ.
ހަމަމިއާއެކު ކުޅިވަރުގެ ދާއިރާއިންވެސް ތިމަރަފުއްޓަށް ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އެގޮތުން ފުޓުބޯޅަ ދަނޑު ތަރައްޤީކޮށްދެއްވައި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރ ހެދުމަށް ހަމަޖެހިފައިވާ ބަޖެޓުގެ ތެރެއިން، ރަށުގައި މިހާރު ހުރި ޒުވާނުންގެ މަރުކަޒު ތަރައްޤީކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ރަށުގެ ތަރައްޤީއަށްޓަކައި އަދިވެސް ގިނަ ކަންތައްތަކެއް ކުރަން އެބަހުރިކަމަށާ، އެގޮތުން އައިޑީ ކާޑާއި ޕާސްޕޯޓްގެ ޚިދުމަތް ރަށުގައި ތިބެގެން ލިބޭނެ އިންތިޒާމު، އަންނަ ނޮވެމްބަރުމަހުގެ ތެރޭގައި ހަމަޖެހިގެންދާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުނިމެނޭޖު ކުރުމުގެ މަސައްކަތް، ވެމްކޯއާ ހަވާލުކުރެވިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ