ޖުންޖުލާ 17
"ރިޒުގު ބަންދުވާ ސަބަބުތަކުގެ ތެރޭގައި ފަތިސް ނަމާދު ނުކުރުން، ފާފަތަކަކީ ހަމައެކަނި ނުބައި އާދަތަކަށް ހަދާފައި ހުއްޓާނުލާ ކުރިއަށް ދިޔުން، އިސްތިޣުފާރު ނުކުރުން، ރިޒުގަކީ ހަމައެކަނި ފައިސާކަމުގައި ހީކުރުން، ޒިކުރުނުކުރުން، ﷲއަށް ޝުކުރުނުކުރުން، ސަދަގާތް ނުދިނުމާއި ތިބާއަށް މިހުރިހާ ނިއުމަތް ދެއްވާ ފަރާތް ހަނދާންނެތިކޮށްލުން ހިމެނެއެވެ." *** ޒަވީ ސިހިގެން ދިޔައީ ފައިވާނަކުން މޫނުގައި ޖެހި ފަދައިންނެވެ. އަހެދްވެސް ޖެނީފާގެ ކޮޓަރިން އަންނަމުން ބޮޑުވާ އިނގިލި އުފުލައިލިއެވެ. އާރިކްއަށްވެސް އާދެވުނުއިރު އަލާނާ ކަޅިއަޅައިގެން ހުރިގޮތުން އަތުގައި އޮތް ސްޓެތޯ ހޫރުވާފައި އެ ޑޮކްޓަރ ގައިގާ ޖަހާފާނެހެން ވެސް ހީވިއެވެ. "އަހަންނަށް އާދެވުނުއިރު ކަމެއް ހިނގީތަ؟" "މާބޮޑުކަމެއް ނުވޭ.......ޕެސްޓިސައިޑް ޖެހީ..." *** ހޮސްޕިޓަލުގެ ތެރޭގައި ހުންނަ ހަދިޔާ ފިހާރައިގާ އާ ސެކްޝަނެއް ހެދިއެވެ. "ޕާ އެންޑް ރިފްލެކްޓް" އުފެއްދުންތަކެވެ. ނިކްސަންގެ މޮއްގަނޑުގެ ބައްޓަމަށްވާ ކުދި ފިޔަވަޅުތަކެވެ. ޕާރ އެންޑް ރިފްލެޓްގެ ނޯޓްފޮތްތަކެވެ. އެވެސް ފެން ނުވަންނަގޮތަށް ހަދާފައެވެ. މީރުވަސްދުވާ އުއްބައްތިތަކެވެ. އަދި ސްޓިކާތަކުގައިވެސް ބުޅަލުގެ ނިޝާނެވެ. އޮންލައިން ސްޓޯރަށް ނިކަން ބާރުބޮޑުވިއެވެ. ޖެނީފާ މޮއްގަނޑުގް ޕްރިންޓެއް ގަނެލިއެވެ."މި ބުޅާ އަހަރެންގެ ކުރީގެ ފިރިމީހާއަށްވުރެ މުއްސަދިވާނެކަމާއިމެދު ޝައްކެއްނެތް.." *** ބާބިލް ހެނދުނު އޭނަގެ މަންމައަށް ޒިޔާރާތްކުރިއިރު ކޮފީއަކާއިއެކު ސެންޑްވިޗެއް ކާލަން ސޯފާގައި އިށީދެލައިގެންއިނެވެ، އޭނަ ސަލާމް ގޮވައިލިއެވެ. "ހަދަ އަވަހަށް ހޭލި ދުވަހެއް.." "ނުނިދުނީ...މުޅިންވެސް ހުވަފެނުން ފެންނަނީ ވާރޭވެހޭތަނާއި ގޯސް ނިންމުންތައް..." "ވިވިޑްކޮށް ދޯ ފެނުނީ..އެހެންވާނެއްނު..ރޭވެސް ހާދަ ވަރަކަށް ވެހުނު. ބައެއް ތަންތަނުގައި ފެންބޮޑުވެފައި އޮތީ...." "އަހަރެން މާލޭގައި ހުރިން ވަރަށް ޒަމާންވަންދެން. އެއީ ތެދުވެރި ލޯބިކަމަށް ހީކުރިން..ފަސްޓް ލަވްގެ މަތިން ހަނދާން ނުނެތޭނެކަމަށް އެންމެން ކިޔާނެ..އަސްލު އެއީ ލޯތްބެއްނޫން. ގޮތް ހުސްވެގެން އެ ފިޔަވަޅު އެޅުނީ..." ބާބިލް އަޑުއަހަން އިނެވެ. "ވަރަށް ޗާމިން މީހެއް...އާރިކްގެ ސިފަތަކާއި މިޒާޖުގައިވެސް ހަމަ ހުންނަނީ އެފަދަގޮތެއް.........އެކަމަކު އާރިކްއަށްވުރެ މާ ގަދަޔަށް ސެންޓްޖަހާ...އޭނަ ހިނގި ސަރަހައްދެއްގައި ސެންޓްގެ ވަސް ހިފާފައި ހުންނާނެ އެތައް ގަޑިއިރުވަންދެން..އޭނަ ދުއްވާ ކާރު ފެނުނަސް ލޯ ތަރަތަރަޖަހައިގެންދާނެ..ސޫޓްލައިގެން އަވި އައިނުޖަހާލާފައި ހުންނަގޮތުން އަންހެންކުދިން ހިތްކިޔާ...އެހުރިހާކަމަކާއިއެކުވެސް ހީވާގޮތުން ސިކުނޑީގެ ސެލްސްތައް މަދު.." އޭނަ ހީގަތެވެ. ބާބިލް އަޑުއަހަން އިނެވެ. އޭނައަށް ބުނެވޭ އެއްޗަކުން ވާހަކަ މެދުކަނޑާލާފާނެތީއެވެ. "އަހަރެން ކޮންމެހެންވެސް މާލޭގައި ހުންނަން ބޭނުންވި...އޭރުވެސް އެނގޭ އެހެން އަންހެންކުދިްނނާއި އޭނަގެ ގުޅުން އޮންނަކަން..އެކަމަކު ބައިވަރު ސަބަބުތަކާއިއެކު އެ ގުޅުން ކުރިއަށް ގެންދަން ނިންމީ..އޭނަ އަހަންނާއި ކައިވެނިކުރި..ދަރިއަކަށް ބަލިވެއިން...އޭގެ ފަހުން އަހަރެން މާ ޑްރާމް ބޮޑުކަމަށް ކިޔާފައި ދޫކޮށްލީ...ދެން ވީނުވީއެއްވެސް ނޭގި ބޭރަށް ފުރައިގެން ދިޔައީ..." "ދެވަނަ ފަހަރަށް ވެސް މާލޭ މީހަކާއި އިނދެވުނީ އެކަމަކު އޭރު އަހަންނަށް ވަނީ އަނދިރި ރާސްތާއެއް ޚިޔާރުކުރެވި ބުއްދި ރަންވެފައި...އެހާ ރަގަޅު މީހެއް ލިބުނީމަ ބަލައިގަންނާކަށް ނޭގުނު..ލިބުނު އަންހެންދަރިވެސް ގެއްލުނީ..އަހަރެން ބޭނުމެއްނުވި އެއްވެސް ކަހަލަ ގުޅުމެއްގައި ބަދެވި ޖަޒުބާތުގައި ޖެހެން..އަމިއްލަ ދުނިޔެއެއްގައި ސިކުނޑި ހަމަޖައްސާލައިގެން އުޅެން ބޭނުންވީ..." "ބާބިލްގެ ދިރިއުޅުން ހަލާކުކޮށްލި މީހަކަށް ދުވަހަކު މާފުކުރިންތަ؟" "ފުރަތަމަ އަމިއްލަ ނަފުސަށް މާފުކުރަން ޖެހެނީ..." "އަހަންނަށް ތިކަމެއްވެސް ނޭގޭ..." "މިހާރު ކުރިއަށް ފިޔަވަޅެއް ތިއެޅުނީ..ހަގީގަތް ހާމަކޮށްދީގެން..." ޖެނީފާ ވިސްނުމެއްގައި އިނދެފައި އިސްތަށިގަނޑުގައި އަތް ކާއްތައިލިއެވެ."މައިންބަފައިން ބުނާގޮތަށް ނެހެދުމުގެ ހިތި ނަތީޖާ މިފެނުނީ..އިންސާނުންނަށް ވިސްނެނީ ވަގުތު ފާއިތުވާފަހުން ދޯ...އެހެންވިއްޔާ ހެއްދެވި ފަރާތުގެ ހަޟުރަތަށްގޮސް ހާދަވަރަަކަށް ހިތާމަކުރާނެ.އަލުން މާޒީއަށް ކީއްކުރަން ދުނިޔެއަކަށް ނާދެވޭނެ...އަހަރެމެން މިތާ ކީއް މިކުރަނީ؟ ހަޔާތުގެ ބޭނުމަކީ މިއީ؟" *** އަލާނާ ހަޅޭއްލަވާކަށް ބޭނުމެއްނުވިއެވެ. ފާރުގައި ތަަޅައިގަންނާކަށްވެސް ނޫޅުނެވެ. ޑްރާމާ ކްއީންއެއްފަދައިން ތަނަކަށް ވަދެ އޮވެ ރޯކަށްވެސް ނޭގުނެވެ. އޭނަ ސަމާސާ ސަކަ ބައި އެއްކޮށް ދޫކޮށްލީއެވެ. އެ ލާނެތް އަލާނާ ވުޖޫދުން ގެއްލުވާލާފައި އާ މިޒާޖެއް ދުނިޔެއަށް ނޭވާލީފަދައެވެ. އޭނަ އެކަނިމާ އެކަނި ޑޮކްޓަރސް ލައުންޖްގައި ފޯނު ހިފައިގެން އިންދާ އާރިކްގެ މެސެޖެއް ފެނުނެވެ. ނިކްސަން އޭނަގެ ގާތަށް ކައުޗަށް އަރާ އޮށޯވެލިއެވެ. "ހައި ތެރަޕީ ކެޓް.." ނިކްސަން އަޑެއް ލައްވައިލިއެވެ. "އަހަންނަށް ހީވަނީ ހަމަ ރަގަޅަށްވެސް ހިތް ހަލާކުވެއްޖެހެން...މި ކެހެރި މޫނުކޮޅަކުންވެސް މިކަން ހައްލެއްނުވާނެ..." ނިކްސަން އޭނަގެ ފަޔަށް ލެނގިލިއެވެ. އޭނަގެ ލޮލުން ކަރުނަ ނަޔަސް ތުންފަތުގައި ދަތް އަޅައިލެވުނީ ތަދުވާހާ ބާރަށެވެ."އަހަރެން އަނގަ މަޑުން ލައިގެން ހުރިނަމަ....ކުރީ ދުވަހު ލެޗްކާއެއް ބެލިއިރުވެސް ޝޭޚު ބުނެދެއްވީ ބޭކާރު އަނގަ ނުތަޅަން..ވަގުތުގެ އަގުހުރިވަރާއި އަނބުރާ ނުލިބޭނެކަން...ބާބިލް ތިދަނީ ރަގަޅު މަގަކުން...އަހަރެން ގާތުގައި ހުރިނަމަ ބާބިލްއަށް ތި ދިރިއުޅުން ނުލިބޭނެ...އެއްލާލިކަމަށްޓަކާ ޝުކުރުވެރިވާން ޖެހޭނެ..އެއީ ބާބިލްގެ ނަސީބު..ބައްޕަގެ އާއިލާއަކީ ހަމަ ޝަރަފުވެރި ހެޔޮލަފާބަޔެއް...އެމީހުންވެސް އަހަރެން ކަހަލަ ތާކުންތާކުނުޖެހޭ ޅީދަރިއެއް ބަލައިނުގަންނާނެތާ....." *** އަނެއްކާވެސް ވާރޭ ވެހެންފެށިއެވެ. ޖުންޖުލާގެ ބޯ ވިއްސާރަގަނޑު އޭގެ ގަދަފަދަކަމާއެކު ހަމަލާދެމުން ދިޔަގޮތުން ފުރާޅުތައްވެސް ވަޔާ ގޮސްދާނެފަދައެވެ. ދުވާލު ރޭގަނޑަކަށް ހަދާލައިފިއެވެ. އާރިކްގެ ހިތްވެސްވަނީ ހަމަ ތޫފާނެއްގެ އޮއިވަރުގައި ޖެހިފައެވެ. މެދުކެނޑުމެއްނެތެވެ. ހަމަ އެހާ ބަރެވެ. އޮޅުން ބޮޅުންވެފައެވެ. އަސުރު ނަމާދަށްފަހު އޭނަ ލޯ މަރާލައިގެން އިނދެ އަތް އުފުލައިލިއެވެ. "ޔާﷲ....މިއަޅާއަށް ރަގަޅުގޮތެއް މެދުވެރިކުރައްވާދޭވެ. އެއްވެސް ކަމެއްނެތި މިހެން ހުރެ އެހެން މީހުންގެ ހިތްތަކަށް އަނިޔާދިނުން ހުއްޓުވާދޭވެ. ބިރެއްނެތި ހިތުގައިވާ ލޯބި ހާމަކުރުމަށް އެހީތެރިވެވޮޑިގަންނަވާދޭވެ. އެއީ މިއަޅާގެ މީހަކަށްވަންޏާ އޭނަ ގެއްލުމުގެ ކުރިން މި ހިތް މަޑުކުރައްވާދޭވެ....." އޭނަ އަލާނާގެ ނަމެއް ނުކިޔައެވެ. ނަމަވެސް ހިތުގައިވާހާ ސިއްރުތައް އެ ފަރާތުން ދެނެވޮޑިގަންނަވައެވެ. އެއްވެސް ކަމެއް ސިއްރެއް ނުކުރެވޭނެއެވެ. އަލާނާއަށްވެސް އެ ދުޢާގެ އަސަރު ކޮންމެވެސް ވަރަކަށް ކޮށްފިހެން ހީވެއެވެ. އާރިކް ގެއަށް ދިޔުމުގެ ޚިޔާލުދޫކޮށްލާފައި ގުރުއާން ކިޔަވަން އިށީންގޮތަށް އެތައް އިރެއްވާންދެން ޝައުގުވެރިކަމާއެކު ކިޔަވަންއިންއިރު ވަށައިގެން އުތުރިއަރަމުންދާ ތޫފާނަކަށް ސަމާލުކަމެއްނެތެވެ. އޭނައަށް އިހުސާސްކުރެވުނީ އަމާންކަމާއި ހިތްހަމަޖެހުމެވެ. މުޅިން އެހެން ދުނިޔެއަކަށްދެވުނުފަދައެވެ. އިރުކޮޅެއްނުވަނީސް އެހެން ޒުވާނަކު މިސްކިތަށްވަންކަން އެނގުނެވެ. އެއީވެސް މި މިސްކިތުން ގިނައިން ފެންނަ ޒުވާނެކެވެ. ގިނަގިނައިން ނަމާދުކޮށް ދުޢާކޮށ ރަމަޟާންމަހު ތަހައްޖުދަށްފަހު އިރުއަރަންދެންވެސް މިސްކިތުން ފެނެއެވެ. އޭނަ ކުރިން ގޭންގެއްގައި އުޅެފައި އިސްލާހުވެގެން އަޅުކަމުގައި މަޝްޣޫލުވީފަހުން މާޒީއަށް އެނބުރި ބަލައިލުމެއްނެތެވެ. އާރިކްގެ ޚަބަރެއް ނުވެގެން މާމަ ކަންބޮޑުވީވަރުން ބާބިލް ވާރޭ ކޯޓުލައިގެން މިސްކިތާއި ހަމަޔަށް އައިއިރު ފެނުނު މަންޒަރުން އޭނަ ގަނޑުވާގޮތްވިއެވެ. އާރިކްއާއި އެކު ވާހަކަދައްކަން އިނީ އޭނަގެ ކުރީގެ ފިރިމީހާ ލޯކަން ފިޔަވާ ދެވަނަމީހެއްނޫނެވެ. ގެއާއި ހަމަޔަށް އައިގޮތަށް އެނދަށް އަރާ ރަޖާތެރޭ ފޮރުވިގެން އޮތްއިރު މާޒީގެ ހުރިހާ ހިޔަނިތައް އޭނައަށް ހަމަލާދޭންފެށިހެން ހީވިއެވެ. *** ހޮސްޕިޓަލުން ބޭރުގައި ހަވީރުގެ އަލި ޕާކިން ސަރަހައްދަށް ވެރިވެފައިވާއިރު މަޑު އޮރެންޖުކުލައެއް އެޅިފައިވިއެވެ. އެއީ ހިތަށް ހަމަޖެހުން ގެނުވައިދޭފަދަ ހޫނުކަމެއް ލިއްބައިދޭނެ ވަގުތަކަށްވިޔަސް މުރުތަސިމްއަށް ތަފާތެވެ. އެއީ އަނދިރިކަން އައިސް ހުރިހާ އެއްޗެއް ދިރުވައިލުމުގެ ކުރިން ދުނިޔެ ދައްކައިލި ދަޅައެކެވެ. ސެޝަނަށްފަހުގައި ހިތަށް މާ އުދަގޫވީހެން ހީވިއެެވެ. ކާރަށް ލެނގިލައިގެން ހުރިއިރު އަތުގައި އޮތީ ޑޮކްޓަރ އާރިކް ދިން ފޮތެކެވެ. ނަފްސާނީ ދުޅަހެޔޮކަމާއި ދީން ގުޅުވައިދޭ ފޮތެކެވެ. ހަގީގަތުގައި އަހެދް މިތަނުން ފެނުމުން ކުރިން ފަހާފައިވީ ޒަޚަމެއް އަލުން އުތުވައިލުންފަދަ ކަމަކަށްވިއެވެ. އަނެއްކާވެސް ލޭ އޮހެންފެށީއެވެ. އޭނައަށް ފިނި ވައިގެ ތެރެއަށް ނޭވާ ދޫކޮށްލެވުނެވެ. "މަންމާ..އަހަންނަށް މާފުކޮށްފިންތަ؟" އެ ސުވާލު އަނެއްކާވެސް މެޔަށް ހަރައިލެވުނު ޚަންޖަރަކަށްވިއެވެ. ނޭވާވެސް ނުލެވުނެވެ. ފިޔަވަޅުތަކުގެ އަޑަށް އިސްއުފުލައިލެވުނުއިރު ހިނގަމުން އަންނަނީ އަހެދްއެވެ. ދަބަހާއި ކުޅެމުންނެވެ. ކޮންމެވެސް ވަރަކަށް ނިގާބު ގައި ވައި އެޅެމުންދާއިރު އޭނައަށް ފާހަގަވީ ހަމަ އެ މަޑުމައިތިރި ހިނގުމެވެ. ވަޔާއެކު ބިންމަތީގައި ނުޖެހި އަންނަފަދައެވެ. މާޒީގެ އެކި ދުވަސްތައް ވޭންދެވިނި ރާޅެއްފަދައިން އައިސް ސިކުނޑީގައި ޖެހިގަތެވެ. އޭނަ ގެއަށް އަންނައިރު އިންތިޒާރުގަައި އިންނަ އަހެދްއެވެ. "ކޮފީ އާއި ޗީޒްކޭކު...."އެ އޯގާތެރި ސަމާސާ އަޑުން ކަންފަތްދޮށުގައި ބުނާފަދައެވެ. އަހެދް އޭނަގެ މަންމަ ގާތުގައި އިށީނުމުން މަންމަގެ ތުންފަތުން ފެންނަ އުފާވެރި ހިނިތުންވުމެވެ. އުމްރާގެ އުފާވެރި ހަނދާންތަކެވެ. ދެނެއް އެދުވަސްތަކެއް އަނބުރާ ނާންނާނެއެވެ. މާޒީގެ އުނގުގައި އެހުރިހާ އުފާތަކެއް ވަޅުލެވިއްޖެއެވެ. ލޮލުގައި ގިނަވެގަތް ކަރުނަތައް ސިއްރުކުރަން ދުރަށް ބަލަން ފެށިނަމަވެސް އަހެދްއަށް ފެނުނެވެ. ފިވަޔަޅުތަކަށް ލަސްކަމެއް އައެވެ. ދެން ހުއްޓުނީ ކުޑަތަންކޮޅެއް ދުރުގައެވެ. "މުރުތަސިމް...އަދިވެސް މިތަނުގައި؟" އަހެދް ފަސްޖެހިލާފައި އެހިއެވެ. "ތާޒާ ވައިކޮޅެއް ބޭނުންވީ.."އޭނަ އިސްދަށަށް ޖަހައިގެން ހުރީއެވެ. އަހެދް ކުރިއަށްވުރެ ގާތަށް އައެވެ. ނަމަވެސް ދެތިން ފޫޓުދުރެވެ. "ބަލިވެ ތިއުޅެނީ؟ މީހަކަށް ގޮވައިލަންތަ؟ ފްރެންޑަކަށް؟" "އަހަދެ...އަހަރެންގެ އެއްވެސް މީހަކު ނެތް..."ހިތް ހަލާކުވާފަދަ ޖުމްލަތަކެވެ. "ތިހެން ނުބުނޭ..." އޭނައަށް ނުހުރެވިގެން ފެންކަޅިވެފައިވާ ލޮލުން އަހެދްގެ މޫނަށް ބަލައިލިއެވެ.ދެ މީހުންގެ ނަަޒަރު ބައްދަލިވިއެވެ. އަހެދްގެ ލޮލުން ފެނުނީ މޮޅިވެރިކަމެވެ. ހިތާމައެވެ. އޭނައަށްޓަކާ ހަމްދަރުދީއާއި އިޚުލާސްތެރިކަމެވެ. އެ ދެނެފަރިތަ ލޮލެވެ. ވަރަށް ހިތަށް ހަމަޖެހުން ގެނެސްދިނެވެ މާ ބޮޑަށެވެ. "ޢަހަންނާއި ދޭތެރޭ ނުވިސްނާ އަހެދް.." "ހިނގި ހުރިހާކަމަކަށްފަހު..އަހަރެން އަހެދްއާއި ދޭތެރޭ ކަންތައްކުރި ކިހާ ބޭއިންސާފުން..ކިހާ ދެރަކޮށްލީ...އަހެދް ތިހެން މިތާ ހުރެ އަހަންނާއި ވާހަކަދައްކައިގެންވެސް ނުވާނެ. އަހަންނަކީ އެކަމަށް އެކަށީގެންވާވާރުގެ މީހެއްނޫން. ކުށްވެރިއެއް..." "މާޒީއަކީ މާޒީ....އަހަރެން އެއްވެސްވަރަކަށް މުރުތަސިމްއާއިމެދު ހިތް ގޯސްކޮށްގެނެއްނޫން ހުރީ...."އަހްދެގެ އިނގިލިތައް ދަބަހުގައި ޖައްސާ ބާރުކޮށްލެވުނެވެ. އެ ލަފުޒުތަކުން އިތުރަށް އަސަރުކޮށް ލޯ ތެމުނެވެ. އަނެއްކާވެސް ދުރަށް ބަލަން މަޖުބޫރުވިއެވެ."ނޫން އަހެދް...އަހަރެންދެނެ ނަފްރަތުކުރުން ހައްގު..." "ނޫން ނުކުރަން.." ވައިރޯޅި އައީ ހޮސްޕިޓަލުގެ ބަގީޗާތެރޭގައި އިންދާފައިވާ ޖޭސްމިންގެ ލުއި މީރުވަސް ހިފައިގެންނެވެ.އޭނަގެ ލޯބިވާ މަންމަ ޖަހާ ސެންޓްގައި ހުންނަނީވެސް އެފަދަ ވަހެކެވެ. އޭނަގެ ހިތުގައި ހިފާ ފިތައިލެވުނުހެން ހީވިއެވެ. އަހެދްއަށް އެލޮލުގައި ގިނަވި ކަރުނަ ފެނުންނެވެ."މުރުތަސިމް......މަންމައަކީ ވަރަށް މާތް ރަގަޅު ތަގުވާވެރިއެއް...މަންމަ އެހާވަރަށް ނުދެއްކިޔަސް ވަރަށް ލޯބިވާކަން އެނގޭ... އެކަން އެނގެއެއްނު...." "މަންމަ ނިޔާވީ އަހަރެންދެކެ ހިތްހަމަނުޖެހި ރުޅިއައިސް ހުއްޓާ..."އޭނައަށް ބުނެވުނެވެ."އަހަންނަށް އެކަން ފެނޭ..އިހުސާސްވޭ..." "ނޫން..."އަހެދްގެ އަޑުގައިވީ ސާބިތުކަމެވެ."މަންމަގެ ހިތުގައި ރުޅިވެރިކަން ފޮރުވިފައެއްނުވާނެ.އ ެއީ ވަގުތީކަމެއް މުރުޔަސިމް... މިދުނިޔެދޫކުރުމުގެ މާ ކުރިން މުރުތަސިމްއަށް މާފުދީފައިވާނީ........." "މަންމަ ބޭނުންވީ އަހެދެއަށް ހެޔިކޮށް ހިތަން..އަގުހުރިވަރު ވިސްނަދޭން...ހިމާޔަތްކޮށްދޭން..އޭގެ ބަދަލުގައި އަހަރެން ދިނީ އަނިޔާ...އަހެދްއަށް އަދި މަންމައަށްވެސ.ް."އޭނަ ބޯ ހޫރުވައިގަތެވެ. އަހެދް ހުރީ މުރުތަސިމްއަށް ފުރުސަތުދީގެންނެވެ. "އަހަރެންގެ ހަޔާތަށް އައިހާ ރަގަޅުކަމެއް ހަލާކުކޮށްލެވުނީ..މިހާރު ބާކީއޮތްހާއެއްޗަކީ ރިގްރެޓް........." "ގްރީފް ގެ ސަބަބުން އަމިއްލަ ނަފުސް ކުށްވެރިކުރެވޭނެ...ހުރިހާކަމެއްގައިވެސް....އަމިއްލއަށް އަނިޔާތިދެނީ..އެހާ ވަލްނެރަބްލް.....އެކަމަކު ތީ ގޯސްމީހެއްނޫން..." "ނޫން...އެކަމަކު އަހަރެން މިވީ އޭގެ މީހަކަށް..."އޭނަ ހިތިގޮތަކަށް ހިނިތުންވެލިއެވެ. އަހްދެގެ ލޮލުގައި ހަމްދަރުދީނޫން އެއްޗެއްނުވެއެވެ. ލޯތްބެއްނޫނެވެ. ކުރީގެ ޖަޒުބާތެއްނޫނެވެ. ހަމައެކަނި އިންސާނިއްޔަތުކަމެވެ. އޯގާތެރިކަމެވެ. "މުރުތަސިމް.."އަހެދް މަޑުން ބުނެލއެެވެ."ޢަވަހަށް ގެއަށް ދޭ..ކައިގެން އެހެން މީހުންނާ ވާހަކަދައްކާލާ އަރާމުކޮށްލާ...ޓްރަސްޓްކުރެވޭ މީހަކާއި ޓޯކްކުރޭ...މިކަމާއި އެކަނި ހަގުރާމައެއްނުކުރެވޭނެ..." އޭނައަށް ބަލައިލެވުނީ ދެމިގެންވާ އަދި ތަދު އެކުލެވޭ ނަޒަރަކުންނެވެ. ހުރިހާ ކުށްތަކެއް އެލޮލަށް ޖަމާވެފައިވާފަދަ އަސަރެކެވެ. ބޭނުންވާއެއްޗެއް ނުބުނެވުނެވެ. "އަހަރެން މިހާލުގައި ހުއްޓާ ފެންނަން ބޭނުމެއްވެސް ނޫން.." "ތަގުދީރުގައި ހުރިއްޔާ ބައެއްފަހަރު ހަމަ ރާސްތާގެ ކޮންމެވެސް ހިސާބަކުން އަނެއްކާވެސް ދިމާވަނީ.." އަހެދްއަށް ނޭގުނަސް އެ ލަފުޒުތަކުން އޭނަގެ ހިތަށް އިތުރު އަސަރުތަކެއްކުރިއެވެ. އަހެދް ކުޑަކޮށް އަތް ހޫރާލާފައި ބޭރަށް ނިކުންނަ ދޮރާށްޓާއި ދިމާލަށް ހިނގައިގަތްތަން ބަލަން އޭނައަށް ހުރެވުނީ ހުއްޓުން އަރާފައެވެ. އޭނަގެ ފުރާނައިގެ ބަޔެއް ހިފައިގެން އަހެދް ދިޔަފަދައެވެ. އެ ހިސާބުން ލަނބައިލުމުގެ ކުރިން އަހެދް މަޑުޖެހިލިއެވެ. އަދި އެނބުރި ބަލާލިއެވެ. "ޓޭކް ކެއާ އޮފް ޔޯ ސެލްފް މުރުތަސިމް...ޕްލީޒް." އެއާއެކު އަހެދް ލޯމަތިން ގެއްލުނެވެ. ގުޑިލާންވެސް ނޭގި އޭނައަށް ހުރެވުނީއެވެ. އަލުން އަހެދްއާއި ދިމާވުމަކީ އިއްތިފާގެއްކަމެއް ނޫނީ އަދަބެއްކަމެއްވެސް ނޭގުނެވެ. ނޫނީ ހިތަށް ނުނެގެވޭނެފަދަ ބާބެއްގެ ފެށުންކަމެއްވެސް ނޭގެއެވެ. ހަޔާތުގެ ނާމާގައި އޮތީ ކިތައް ސަފުހާކަމެއް އެ ފުރައިލެވޭނީ ކިހިނެއްކަމެއް އޭނައަކަށްވެސް ނޭގެއެވެ. ނިމުން އަންނާނެގޮތަކީވެސް އިލާހީ ނިޔާއެވެ. އޭނައަށް އެނގެނީ އަނެއްކާ މިރޭ ނިދުމުން މަހުރޫމްވާން ޖެހޭނެކަމެވެ. މާޒީގެ ހުރިހާ ހަނދާންތަކެއް އޭނަގެ ސިކުނޑިއަށް ގޯނާކުރާނެއެވެ. *** އަނެއްކާވެސް ވާރޭ ވެހިގަތީ "ޖުންޖުލާ" ސްޓައިލަށެވެ. ވަރުގަދަކަމާއިއެކު ހުރިހާ ރުޅިއެއް ބާލަމުން އެކަމަކުވެސް އެވާރޭގެ ޖާދޫ އެންމެނަށް ޖައްސުވާފާދަގޮތަކަށެވެ. ވާރެއަށް ލޯބިކުރާ މީހުންނަށް ރަހުމަތެކެވެ. ހަށިގަނޑަށް ބުރަހެލިކަން ގެނެސް ރަޖާދަށުގައި ހޫނު ކޮފީއެއް ހިފައިގެން އަރާމުކޮށްލަންވެސް އެންމެ އެކަށީގެންވާ މޫސުމެވެ. އާރިކް އާވި އަރައަރާ ހުރި ދެ މަސާލާ ސައިތަށި ހިފައިގެން ނުކުތްއިރު އަލާނާ އަންނަނީއެވެ. އަލާނާ އޭނައާއި އަރާ ހަމަވެފައިބަލާވެސް ނުލިއެވެ. އޭނައަށް އާރިކް ފެނުނީ ފާރެއްފަދައިންނެވެ. ހިތާމަވެރި އެކަމަކު ރީތި ފާރެކެވެ. "އަލާނާ..."އޭނަ މަޑުމަޑުން ގޮވައިލިއެވެ. އަލާނާ ދިނީ ބީރުކަންފަތެކެވެ. "ހަމަ އެންމެ ދެމިނިޓް... އަހަރެން މިއެދުނީ އަބަދަށްޓަކާއެއްނޫން ދޯ..." ނުނިމޭ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ