އައްޑޫ ސިޓީއަށް ކަރަންޓު ދެވޭވަރުގެ ގާބިލުކަން ނެތިގެން އެ ސިޓީގެ އެކި ސަރަހައްދުތަކުން އަނެއްކާވެސް ކަރަންޓު ކަނޑަން ފަށައިފި އެވެ. 
އައްޑޫ މޭޔަރު، އަލީ ނިޒާރު ވިދާޅުވީ ކަރަންޓު ކަނޑަމުން ދާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް ރަށަށް ގެނައި ޖެނެރޭޓަރުތަކުން ވެސް އެކަމަށް ހައްލެއް ނުލިބޭ ކަމަށް ނިޒާރު ވިދާޅުވި އެވެ.
"ގަޑިއަކުން ގަޑިއަކުން، އެކި ތަންތަނުން ކަނޑަމުން ދަނީ ހަމަ ނުހިފެހެއްޓިގެން ކަނޑަމުން ދަނީ. އެއް ދިމާލަކުން ވެސް ނޫން ކަނޑަނީ. އެކި ދިމަދިމާލުން ކަނޑަމުން ދަނީ، ދެ ހަފުތާއެއްހައި ދުވަސްވެއްޖެ ކަރަންޓު ކަނޑަމުންދާތާ،" ނިޒާރު ވިދާޅުވި އެވެ.
އައްޑޫގެ ކަރަންޓު މައްސަލަ އަނެއްކާވެސް ބޮޑުވެ، މިއަދު ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ފްލައިޓެއް ވެސް ވަނީ ޑިލޭވެފަ އެވެ. 
މިއަދު މެންދުރު 12:20 ގައި ޗެކިން ފަށަން އޮތް ފްލައިޓުން ފުރަން ދިޔަ ފަސިންޖަރުން ބުނީ އެއާޕޯޓުގައި ކަރަންޓު ނެތިގެން ޓާމިނަލަށް ނުވަދެ ބޭރުގައި ގަޑިއެއްހާއިރު ތިބެންޖެހުނު ކަމަށެވެ. 
"މިއަދު 12:30 ގައި އޮތް ފްލައިޓުން ނުފުރިފައި ގަޑިއެއްހާއިރު އަހަރުމެން ތިބެންޖެހުނީ ބޭރުގައި، ދޮރު ހުރީ ލައްޕާފައި އެތެރެއަށް ނުވަދެވޭ، 1:15 ހާއިރު ވަންދެން ބޭރުގައި ތިބީ، މިއީ އިންޓަނޭޝަނަލް އެއާޕޯޓެކޯ އެކަމަކު ބެކަޕް ޖެނެރޭޓަރުގަނޑެއް ވެސް ނެތީބާއޭ ހިތަށް އަރަނީ،" ކަރަންޓު ނެތުމުގެ ސަބަބުން ނުފުރިފައި ހުންނަންޖެހުނު އައްޑޫ ރައްޔިތަކު ބުންޏެވެ.
އައްޑޫގެ ކަރަންޓު މައްސަލައަށް ހައްލެއް ނުލިބި މިދިޔަ އަހަރުން ފެށިގެން އެ ސިޓީން ދަނީ ދޭތެރެދޭތެރެއިން ކަރަންޓު ކަނޑަމުންނެވެ. އެގޮތުން މިދިޔަ ރޯދަ މަހުގެ ވެސް ބޮޑުބައި އައްޑޫ ރައްޔިތުން ހޭދަކުރީ ކަނު އަނދިރީގަ އެވެ.
އެ މައްސަލަ ހައްލު ކުރުމަށް އެކި މަސައްކަތްތައް ކުރަމުންދާ ކަމަށް ސަރުކާރުން ބުނި ނަމަވެސް މިއަދާ ހަމައަށް ވެސް މައްސަލަ ހައްލުވެފައެއް ނުވެ އެވެ. އަދި އެކަން އެގޮތަށް ދިމާވާ ސަބަބެއް ވެސް ފެނަކައިން މިހައިތަނަށް ހާމައެއް ނުކުރެ އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ތަހުގީގު ކުރުމަށް އަދަދު އިން ކުރި މަސައްކަތުން ވަނީ އައްޑޫ ހިމެނޭހެން ރާއްޖޭގެ ތަފާތު އެކި ރަށްތަކަށް ދިމާވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ގެނެސްފައި ހުރީ ބާ ޖެނެރޭޓަރުތަކެއްކަން އެނގިފަ އެވެ.
އެހެންނަމަވެސް އެކަމާ ގުޅިގެން ވެސް މިހައިތަނަށް ފެނަކައިން އެއްވެސް މުވައްޒަފަކަށް ފިޔަވަޅެއް އެޅިކަން ނުވަތަ ނޫން ކަމެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.
އައްޑޫ ކަރަންޓުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މި އަހަރު ތެރޭގައި ފަށާނެ ކަމަށް އޮކްޓޫބަރު 23، ގައި ފެނަކަ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ނަޖާހު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވިދާޅުވި އެވެ.
އެ މަސައްކަތުގެ ތެރެއިން އައްޑޫއަށް ތިން ޖެނެރޭޓަރު ގެންދަން ހަމަޖެހިފައިވާ ކަމަށް ވެސް ފެނަކައިން ބުންޏެވެ. އެގޮތުން 1.8 މެގަވޮޓުގެ ދެ ޖެނެރޭޓަރު މާލެއަށް ގެނެސްފައި އެބަހުރި ކަމަށް އެ ކުންފުނިން މީގެ ކުރިން ބުންޏެވެ. 
އެ ޖެނެރޭޓަރުތައް އައްޑޫއަށް ނުގެންދެވި ލަސްވަނީ މޫސުން ގޯސްކަމުން ކަމަށް ވެސް އަދަދު އާ ވާހަކަދައްކަވަމުން ނަޖާހު މީގެ ކުރިން ވިދާޅުވި އެވެ. އެއަށްފަހު ފެނަކައިން ވަނީ އައްޑޫއަށް 1.6 މެގަވޮޓުގެ ޖެނެރޭޓަރެއް ގެންގޮސްފަ އެވެ. އެހެންނަމަވެސް އައްޑޫގެ ކަރަންޓު މައްސަލައަށް އެއްވެސް ހައްލެއް މިހައިތަނަށް ލިބިފައެއް ނުވެ އެވެ.
    
    އައްޑޫ ސިޓީން އަނެއްކާވެސް ކަރަންޓު ކަނޑަނީ، އެއާޕޯޓުގައި ކަރަންޓު ނެތިގެން ފަސިންޖަރުން މަޑުކުރަން ވެސް ޖެހުނު އައްޑޫ ސިޓީން އަނެއްކާވެސް ކަރަންޓު ކަނޑަނީ، އެއާޕޯޓުގައި ކަރަންޓު ނެތިގެން ފަސިންޖަރުން މަޑުކުރަން ވެސް ޖެހުނު
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
            