ކޮންމެ މީހަކަށް ތަމްރީނާއި ހަތިޔާރު ނުދެވޭނެ، ސިކުނޑިން ވިސްނަންވީ ގައުމާ އެއްކޮޅަށް: ރައީސް
ކޮންމެ ރައްޔިތަކަށް އަސްކަރީ ތަމްރީން ދީ، ހަތިޔާރު ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެެހެން ނަމަވެސް ގައުމާ އެއްކޮޅަސް ވިސްނުމަކީ ގައުމުގެ މިނިވަަންކަން ހިމާޔަތްކުރުމަށް ކުރަންވީ މުހިންމު ކަމެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ގައުމަށް ޓަކައި ގުރުބާންވުމަކީ ހަމައެކަނި ސިފައިންގެ ޔުނީފޯމް އަޅައިގަން ކުރަން އޮންނަ ކަމެއް ނޫން ކަމަށެވެ. މިއަދުގެ ބަވަނަވެފައިވާ ދުނިޔޭގައި މިނިވަންކަން ނިގުޅައިގަތުމުގެ މަސައްކަތްކުރަނީ ހަމައެކަނި ކަނޑިބަޑިން ނޫން ކަމަށާއި، ނޭނގި ތިއްބާ އެއްބައިވަންތަކަން ގެއްލުވައިލައި މިނިވަންކަން ގެއްލިދިއުމުގެ ބިރު ބޮޑު ކަމަށް ރައީސް ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ މި އިގްތިޞާދު އިސާހިތަކު ނައްތައިލައި ނުވަތަ ބޮޑު އަނދަވަޅަކަށް ވައްޓަލައި އަޅުގަނޑުމެންގެ އަތްމަތީ މި އޮތް މިނިވަންކަން ހުރިހާ ނަޒަރިއްޔާތަކުން ވެސް އަތުން ނިގުޅައިގަތުމަކީ ދާދި ފަސޭހަކަމެއް އެ ކަމަށް ޓަކައި އަޅުގަނޑުމެން ނުވިސްނާ ތިބެއްޖެޔާ،" ރައީސް ވިދާޅުވިއެވެ. ކޮންމެ މީހަކަށް ތަމްރީނު ދީގެން ހަތިޔާރެއް ނުދެވޭނެ ކަމަށާއި ނަމަވެސް ކޮންމެ މީހެއްގެ އަތުގައި ވެސް ބާރުގަދަ ހަތިޔާރެއް އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ އެއީ އެ މީހަކަށް ދެއްވައިފައިވާ ސިކުނޑި ކަމަށެވެ. އެ ސިކުނޑިން ވިސްނާ ވިސްނުމަކީ ގައުމާ އެއްކޮޅު ވިސްނުމަކަށް، ނުވަތަ އަމިއްލަ މަސްލަހަތަށްވުރެ ގައުމު އިސްކުރުމުގެ ވިސްނުން ގެންގުޅޭނަމަ މިނިވަންކަން ދިފާއުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. "އެ މީހެއްގެ ވިސްނުން ގައުމާ އެއްކޮޅަށް ބޭނުންކުރަން އަޒުމް ކަނޑައަޅައި އެ ގޮތުގައި ރެޔާއި ދުވާލު އެ މީހާގެ ވިސްނުމާއި އެ މީހާގެ ހިތުގެ އަޑިން ގައުމު ދެކެ ލޯބިވެ ގައުމާ އެއްކޮޅަށް ކަންކަން ކުރަން އަޒުމް ކަނޑައަޅައި މަސައްކަތްކުރާހާ ހިނދަކު މި ގައުމާ މެދުގައި ކަންބޮޑުވާކަށް ނުޖެހޭނެ،" ރައީސް ވިދާޅުވިއެވެ. ގައުމެއް ގައުމަކަށްވަނީ އެ ގައުމެއްގެ ރައްޔިތުންގެ މައްޗަށާއި އެ ރައްޔިތުންގެ ވިސްނާ ކަންކަމުގެ މައްޗަށް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރައްޔިތުންގެ ވިސްނުން ގައުމާ އެއްކޮޅަށް ނޯންނަނަމަ، ގައުމަށް ގެންނަ ތަރައްގީއަކީ ވެސް ބޭނުމެއް ނެތް އެއްޗެއް ކަމަށެވެ. މީގެ އިތުރުން، އިގްތިޞާދީ މިނިވަންކަމަކީ ވެސް ގައުމުގެ މިނިވަން ކަން ދެމެހެއްޓުމަށް ކުރަން މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ދިވެހި ގައުމު އޮތްހާ ދުވަހަކު، ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ނިކުމެވަޑައިގެންނެވި އެންމެހަ އަބްޠާލުންގެ ހަނދާންތައް އާކުރާނެ ކަމަށެވެ. އަދި ފަޚުރުވެރި ގައުމަކަށް ރާއްޖެ ވަނީ ވެސް އެ ސަބަބަށް ޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ